ދުނިޔެ ވަށައި ހިނގުމުގައި ފާއިތުވި 28 އަހަރު ހޭދަކުރި އިނގިރޭސިވިލާތުގެ ރައްޔިތަކު، އޭނާގެ ދަތުރު ނިންމާލުމަށް ފަހު އާއިލީ ގެއަށް ހިނގައްޖެ އެވެ. ކާލް ބުޝްބީ މި ދަތުރުގައި ގާތްގަނޑަކަށް 31،000 މޭލު (50،000 ކިލޯމީޓަރު) ކަޑަތުކޮށްފައިވެ އެވެ.
މުޅިން ވެސް އަމިއްލަ ބާރުގައި ކުރި މި ދަތުރުގެ ފަހު މަރުހަލާގައި، ކާލް ބުޝްބީ ވަނީ މެދުތެރޭ އެމެރިކާގެ ޖަންގަލިތައް ކަޑަތުކޮށް، އެލަސްކާ އާއި ރަޝިއާއާ ދެމެދު އޮންނަ ގަނޑުފެންގަނޑު ހުރަސްކޮށްފަ އެވެ. އަދި މިދިޔަ މަހު އޭނާ ވަނީ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާ ދެމެދު އޮންނަ އިނގިރޭސި ކަނޑުއޮޅިން ފަތާފައި ހުރަސްކޮށްފަ އެވެ.
އުމުރުން 57 އަހަރުގެ ބުޝްބީ، އޭނާގެ އުފަން ރަށް ކަމަށްވާ ހަލްގެ މައި މައިދާނަށް ހޯމަ ދުވަހުގެ ހެނދުނު ދިޔުމުން، އެތައް ސަތޭކަ ބަޔަކު ވަނީ އުފާފާޅުކުރުމާއެކު އޭނާއަށް މަރުހަބާ ކިޔާފަ އެވެ.
"28 އަހަރަށް ފަހު، މިއަށްވުރެ ވަކި ބޮޑު އުފަލަކަށް ނޭދެވޭނެ،" ބުޝްބީ ބުންޏެވެ.
އެތަނުން އޭނާ މިސްރާބު ޖެހީ އޭނާގެ އާއިލީ ގެއަށެވެ. އެ ގޭގައި އޭނާގެ މަންމަ އާއި، 36 އަހަރުގެ ފިރިހެން ދަރިފުޅުގެ އިތުރުން 12 އަހަރުގެ ކާފަ ދަރިފުޅު އޭނާގެ އިންތިޒާރުގައި ތިއްބެވެ.
ބުޝްބީގެ އުމުރުން 20 ގެ އަހަރުތަކުގައި އޭނާ ވަނީ އިނގިރޭސި ސިފައިންގެ ޕެރަޝޫޓް ރެޖިމެންޓުގައި ޚިދުމަތްކޮށްފަ އެވެ. އޭނާގެ ކައިވެނި ރޫޅުމާ ގުޅިގެން، ދުނިޔޭގެ ޗާޓެއްގައި ރޮނގެއް ކުރަހައި، ދަތުރު ފެށީ އޭނާގެ ބައްޕަގެ ޚިޔާލަކުން ހިތްވަރު ލިބިގެންނެވެ. އޭނާގެ ބައްޕަ އަކީ ލަންޑަނުން ނިއުޔޯކަށް ހިނގާފައި ދެވިދާނެތޯ ސުވާލު އުފެއްދި މީހެކެވެ.
ޓެންޓަކާއި، މަދު ޑޮލަރުކޮޅަކާއި އަދި އަގުހެޔޮ ޕްލާސްޓިކް ކެމެރާއަކާއެކު އޭނާ ދަތުރު ފެށީ ޗިލީންނެވެ. އެތަނުން އުތުރަށް ދަތުރުކޮށް އެމެރިކާ ބައްރު ހުރަސްކޮށް، އެލަސްކާ އިން ރަޝިއާ، މޮންގޯލިއާ އަދި ޗައިނާއަށް ދިޔަ އެވެ. އަދި ކެސްޕިއަން ކަނޑު ފަތާފައި ހުރަސްކުރުމަށް ފަހު ޔޫރަޕްގެ ތެރެއިން އެނބުރި ގައުމަށް އައީ އެވެ.
"ބައެއް ފަހަރު ފޫހިކަން އިންތިހާއަށް ބޮޑުވޭ. ސަހަރާތަކުގައި ދަތުރުކުރާއިރު ދުވަސްތަކެއް ނުވަތަ ހަފުތާތަކެއް ވަންދެން ވެސް މަންޒަރަކަށް ބަދަލެއް ނާދޭ. އެއީ ސިކުނޑިއަށް ވަރަށް ބޮޑު ބާރެއް ކުރާ ކަމެއް. އާކްޓިކް ސަރަހައްދުގައި ވެސް ކަންތައް ހުރީ އެހެން،" މިދިޔަ އަހަރު ރޮއިޓާސް ނިއުސް އެޖެންސީއަށް ދިން އިންޓަވިއުއެއްގައި ބުޝްބީ ބުންޏެވެ.
މި ދަތުރަށް ފުރަތަމަ ހޭދަވާނެ ކަމަށް އޭނާ ލަފާކުރީ 10 ވަރަކަށް އަހަރެވެ. ނަމަވެސް ދަތުރުގައި ދިމާވި ހުރަސްތަކުގެ ސަބަބުން އެ މުއްދަތު ދިގުވެގެން ދިޔަ އެވެ. އޭގެ ތެރޭގައި ޕެނަމާގައި ކުޑަ ދުވަސްކޮޅަކަށް ޖަލަށްލުމާއި، މެކްސިކޯގައި ބަޑިޖަހާނެ ކަމުގެ ބިރުދެއްކުމާއި، އަދި ގަވާއިދާ ޚިލާފަށް ބޯޑަރު ހުރަސްކުރުމުގެ ތުހުމަތުގައި ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން އޭނާ ހިފެހެއްޓުން ހިމެނެ އެވެ. މީގެ އިތުރުން 2008 ވަނަ އަހަރުގެ މާލީ ކާރިސާ އާއި ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން ވެސް ދަތުރަށް ލަސްތަކެއް ކުރިމަތިވި އެވެ.
"މިއީ 21 ވަނަ ގަރުނުގެ ދިގު ދަތުރެއް އޮންނާނެ ގޮތް،" ޓެލެގްރާފް ނޫހަށް ދިން އިންޓަވިއުއެއްގައި ބުޝްބީ ބުންޏެވެ. "ދަތުރުގެ ދެބައިކުޅަ އެއްބަޔަކީ ހަމައެކަނި ތިމާވެށީގެ ހުރަސްތަކެއް ނޫން، އެއީ ގައުމުތަކުގެ ސިޔާސީ އަދި އިދާރީ އުނދަގޫތަކާ ކުރިމަތިލުން. ބައެއް ފަހަރު އޮންނަ ހަމައެކަނި ހައްލަކީ މަޑުކޮށްލުން."
ބީބީސީއަށް މައުލޫމާތު ދެމުން ބުޝްބީ ބުނީ، ވޭތުވެދިޔަ 28 އަހަރުގެ ތެރެއިން ހިނގުމުގައި އޭނާ ހޭދަކުރީ ގާތްގަނޑަކަށް 15 އަހަރު ކަމަށެވެ. ބާކީ ދުވަސްތަކުގައި އޭނާ ދޭތެރެ ދޭތެރެއިން މެކްސިކޯއަށް ގޮސް ވިސާގެ ކަންކަމާއި، ދަތުރުގެ އިންތިޒާމުތަކާއި، އަދި ކުންފުނިތަކާއި މީޑިއާގެ ސްޕޮންސަޝިޕް އެއްބަސްވުންތައް ހަމަޖެއްސުމުގައި ހޭދަކުރި އެވެ.
ބުޝްބީގެ މި އާދަޔާޚިލާފު ދަތުރުގެ މައްޗަށް ބިނާކޮށް ފީޗާ ޑޮކިއުމެންޓްރީއެއް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި ކުރިއަށް އޮތް ހަފުތާތަކުގައި އިނގިރޭސިވިލާތުގެ އެކި ސަރަހައްދުތަކުގައި އޭނާގެ ތަޖުރިބާ ހިއްސާކުރުމުގެ ދަތުރެއް ފެށުމަށް ވެސް ބުޝްބީ ދަނީ ރާވަމުންނެވެ.







