ރައްޔިތުންނަށް ފުރިހަމަކޮށް ނުދެވި ހުރި އަސާސީ ހައްގުތަކާއި، ނިގުޅައިގަނެވޭ ހައްގުތަކުގެ މައްސަލަތައް ބެލުމަށް އަންނަ އަހަރު ނެޝަނަލް އިންކުއަރީއެއް ހިންގަން ކަނޑައަޅާފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ރައީސް އައިޝަތު ރަމީލާ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމުގައި މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު ވަނީ، އެ މެންބަރުގެ ދާއިރާގައި ފެނާއި ނަރުދަމާގެ ހިދުމަތް ނުލިބޭ ރަށްތަކުގެ ރައްޔިތުން ދަތި ހާލުގައި އުޅޭއިރު، އެ ފަދަ އިންސާނީ ހައްގުތަކާ ގުޅޭ މައްސަލަތައް ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން ބަލާތޯ ސާފުކުރުމަށް ސުވާލު ކުރައްވާފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ރަމީލާ ވިދާޅުވީ އާންމު ގޮތެއްގައި އިސްނަގައިގެން ބަލަނީ މީޑިއާގައި ބޮޑަށް ފާހަގަވެފައިވާ ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތައް ކަމަށެވެ.
"މެންބަރު ޝާކިރު ތިޔަ އަލިއަޅުވާލާފައިވާ ކަންތައްތަކަކީ ގާނޫނު އަސާސީ ކަނޑައަޅާފައި މި ހުންނަ ހައްގުތަކުގެ ތެރެއިން ރައްޔިތުންނަށް މިވަގުތު ފުރިހަމަކޮށް ނުދެވި ހުރި ހައްގުތައް، ނޫނީ ރައްޔިތުންގެ ހައްގުތަކުގެ ތެރެއިން ނިގުޅައި ގަނެވިގެންދާ ހައްގުތަކެއްކަމުގައި ވަންޏާ އާންމުކޮށް ކޮމިޝަނުން އަމަލުކުރާ ގޮތަކީ ނެޝަނަލް އިންކުއަރީ އެއް ހިންގުން،" ރަމީލާ ވިދާޅުވި އެވެ.
މިގޮތުން މުޅި ރާއްޖެ ކަވަރުކޮށްގެން މިފަދަ ނެޝަނަލް އިންކުއަރީއެއް ހިންގުމަށްޓަކައި ކޮމިޝަނަށް ފުދޭވަރެއްގެ ބަޖެޓެއް ބޭނުންވާނެ ކަމަށާއި ކޮމިޝަނުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި މިހާރު ވެސް ކޮންމެ ދެ އަހަރަކުން އެއް އަހަރު ނެޝަނަލް އިންކުއަރީއެއް ހިންގަން ހިމަނާފައި އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ ޕްރައޮރަޓައިޒްކޮށްގެން މި ވަގުތު ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ޕްރައޮރަޓައިޒްކޮށްގެން 2027 ފެށިގެން ނެޝަނަލް އިންކުއަރީ ފަށާގޮތަށް އެކްޝަން ޕްލޭންގައި ކަނޑައެޅިފައި އިންނާނެ،" ރަމީލާ ވިދާޅުވި އެވެ.
މީގެ އިތުރުން މި އިންކުއަރީ އާއި ގުޅޭގޮތުން ރައީސް މުއިއްޒުގެ ލަފަ އާއި އިރުޝާދު ވެސް ހޯއްދަވައި, ރައީސް އާއި ބައްދަލުކުރައްވާނެކަމަށް މިއަދުގެ ބައްދަލުވުމުގައި ރަމީލާ ވިދާޅުވެފައިވެ އެވެ.







