މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ރިސޯޓުތަކުގެ ހިސާބުތައް ރަނގަޅުތޯ ބެލުމަށް އޮޑިޓް ކުރަން ޖެހޭ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ޑރ. އަހްމަދު މުނައްވަރު ގޮވާލެއްވުމުން އެކަމަށް މީރާއިން ރައްދު ދީފި އެވެ.
މީރާއިން ނެރުނު ބަޔާނެއްގައި ބުނީ މީރާއިން އޮޑިޓްކުރަން ކަނޑައަޅާފައިވާ ފަރާތްތަކަކީ "ރިސްކް ބޭސްޑް" އުސޫލުގެ މައްޗަށް އިންތިޒާމުކޮށްފައިވާ، ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް އޮނިގަނޑެއްގެ ތެރެއިން ހަމަހަމަ އުސޫލުތަކަކަކަށް އޮޑިޓް ކުރުމަށް ހޮވޭ ފަރާތްތަކަށްވާއިރު، މީރާއިން ދަނީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކާއި އެނޫން ދާއިރާތަކުގެ ވިޔަފާރިތައްވެސް އޮޑިޓް ކުރަމުން ކަމަށެވެ.
"ޓެކްސް ދައްކާ ފަރާތްތަކުން ހިސާބުކުރަމުން ދަނީ ޓެކުހުގެ ގާނޫނުތަކާ އެއްގޮތަށްތޯ ބެލުމާއި، ޓެކްސް ގާނޫނާއި އެއްގޮތަށް ޓެކްސް ދައްކާ ފަރާތްތަކުން ޓެކުހުގެ ޒިންމާ އަދާކުރާކަން ކަށަވަރުކުރުމަކީ މީރާއިން އަދާކުރަމުންދާ ގާނޫނީ ޒިންމާއެއް،" މީރާއިން ބުންޏެވެ.
"މި ޒިންމާ އަދާކުރުމުގައި ވިޔަފާރީގެ ކުޑަ ބޮޑުމިނަށް ބެލުމުގެ ބަދަލުގައި ހުރިހާ ފަރާތްތަކުގެ މެދުގައި ގާނޫނު ހަމަހަމަކޮށް ތަންފީޒުކުރުމަކީ މީރާއިން ފެށުނީއްސުރެ އަމަލުކުރަމުންދާ އުސޫލު."
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމީޓީގައި މުނައްވަރު ވިދާޅުވީ މީރާއިން އެމްއެމްއޭއާ ހިއްސާކުރި ހިސާބުތަކުން ދައްކާ ގޮތުގައި އިންކަމް ޓެކްސް ދައްކަނީ 150 ރިސޯޓުގެ ތެރެއިން އެންމެ 50 ވަރަކަށް ރިސޯޓު ކަމަށެވެ. އެއާއެކު ރިސޯޓުތަކަށް ފައިދާ ނުވަނީތޯ ބަލަން ހިސާބުތައް ރަނގަޅުތޯ ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ބޭންކިން ސިސްޓަމުގެ ތެރެއަށް ވަންނަން ޖެހޭ 5.9 ބިލިއަން ޑޮލަރުގެ ތެރެއިން ސިސްޓަމުގެ ތެރެއަށް ވަންނަނީ 3.8 ބިލިއަން ޑޮލަރު ކަމަށް މުނައްވަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު ވަންނަކަން ކޮންމެހެންވެސް ކަށަވަރުކުރެވޭނެ ގޮތްތައް ހޯދަން ޖެހޭ ކަމަށެވެ.
މީރާގެ މަސައްކަތަކީ ކަނޑައެޅިފައިވާ ސްޓްރެޓެޖިކް ޕްލޭނެއްގެ ދަށުން ރޭވިގެން، އާންމު ކުރެވިފައިވާ ކޮމްޕްލަޔަންސް އިމްޕްރޫވަމަންޓް ޕްލޭނަކާ އެއްގޮތަށް ކުރަމުންދާ މަސައްކަތެއްކަން ފާހަގަކޮށް އެ އޮތޯރިޓީން ބުނީ މީރާއަށް ލިބޭ އާމްދަނީގެ ބޮޑު އިންސައްތައެއް ލިބެމުންދަނީ ޓޫރިޒަމް ދާއިރާއިން ކަމަށެވެ. ނަމަވެސް ގަސްދުގައި ޓެކްސް ނުދައްކާ ފަރާތްތަކާމެދު ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ފިޔަވަޅު އަޅަމުންދާކަން މީރާއިން ބުންޏެވެ.
ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން މީރާއާ މަތިކޮށްފައިވާ މައިގަނޑު ޒިންމާއަކީ ޓެކްސް ގާނޫނުތައް ތަންފީޒުކުރުމާއި ޓެކްސްއާ ބެހޭ ސިޔާސަތުތައް ހިންގުމާއި ގާނޫނީ ގޮތުން ދައުލަތަށް ނަގާ އެންމެހައި ޓެކްސް ނެގުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުމެވެ.
ގަވަރުނަރު ވިދާޅުވީ ބިޒްނަސް ޕްރޮފިޓް ޓެކްސް ހޯދުމަށް މީރާގެ ވަރަށް ބޮޑު ޒިންމާއެއް އެބަ އޮތް ކަމަށާއި އެކަމަށް އެ އޮތޯރިޓީއަށް އިތުރު ބާރުތަކެއް ދޭންވެސް ޖެހޭ ކަމަށެވެ.








