ޕޯޗުގަލް އާއި ނެދަލެންޑްސް މޮޅުވިއިރު، ގްރީސް އިން ޖަރުމަނު ބަލިކޮށްފި

Sep 28, 2026, 8:37 AM
ޔުއެފާ ނޭޝަންސް ލީގުގައި ނޯވޭ ކޮޅަށް ލަނޑު ޖަހައި ޕޯޗުގަލްގެ ރާމޯސް އުފާފާޅުކުރަނީ

ޔުއެފާ ނޭޝަންސް ލީގުގައި ނޯވޭ ކޮޅަށް ލަނޑު ޖަހައި ޕޯޗުގަލްގެ ރާމޯސް އުފާފާޅުކުރަނީ

އޮސްލޯ، ނޯވޭ (ސެޕްޓެމްބަރު 28) - ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން، ޕޯޗުގަލް އާއި ނެދަލެންޑްސް މޮޅުވިއިރު، ގްރީސް އިން ޖަރުމަނު ބަލިކޮށްފި އެވެ. 

ނޭޝަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، ޕޯޗުގަލް އިން ލީގު އޭގެ ގްރޫޕް ހަތަރެއްގައި ވާދަކުރާއިރު، ރޭ ކުޅުނު މެޗުން ނޯވޭ ދަނޑުގައި އެ ޓީމު އަތުން މޮޅުވީ 2-1 އިންނެވެ. އަދި، ލީގު އޭގެ ގްރޫޕް ދޭއްގައި ގްރީސް އަތުން 1-0 އިން ޖަރުމަނު ބަލިވިއިރު، ސާބިއާ އަތުން ނެދަލެންޑްސް ވަނީ 2-1 އިން މޮޅުވެފަ އެވެ. 

ޕޯޗުގަލް އިން ރޭ ލީޑުނެގީ އޭރިއާބޭރުން ޖޮއާއޯ ފެލިކްސް ގޯލުގެ ތިރީ ކަނަށް ފޮނުވާލި ބޯޅައަކުން ކާމިޔާބުކުރި ލަނޑުންނެވެ. ދެ ވަނަ ހާފުގައި ނޯވޭ އިން އެއްވަރުކުރީ ހިލޭ ޖެހުމެއްގައި ތަނަަވަސްކުރި ފުރުސަތެއްގައި އާލިން ބްރައުޓް ހާލަންޑް ޖެހި ލަނޑުންނެވެ. 

Advertisement

ކްރިސްޓިއާނޯ ރޮނާލްޑޯ ބެންޗުގައި އިން މި މެޗުގައި، ޕޯޗުގަލް މޮޅުކޮށްދިން ލަނޑު ޖެހީ ގޮންޒާލޯ ރާމޯސް އެވެ. އޭނާ މި މެޗުގައި އިތުރު ލަނޑެއް ވެސް ޖެހި އެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމީ އޮފްސައިޑް ކަމަށް ބަލައި، އެ ގޯލު ބަލައިނުގަންނާށެވެ. 

ޕޯޗުގަލް ގްރޫޕްގެ އަނެއް މެޗުން ވޭލްސް އަތުން ޑެންމާކް ވަނީ 2-0 އިން މޮޅުވެފަ އެވެ. ޕޯޗުގަލް އިން ވަނީ މި ގްރޫޕްގެ ފުރަތަމަ މެޗުން ވޭލްސް އަތުން މޮޅުވެފަ އެވެ. 

ޔުއެފާ ނޭޝަންސް ލީގުގައި ޖަރުމަނު ކޮޅަށް ލަނޑު ޖަހައި ގްރީސް އިން އުފާފާޅުކުރަނީ.
ޔުއެފާ ނޭޝަންސް ލީގުގައި ޖަރުމަނު ކޮޅަށް ލަނޑު ޖަހައި ގްރީސް އިން އުފާފާޅުކުރަނީ.

ޖަރުމަނުގެ ކޯޗުކަމާ ހަވާލުވެ، ޔާގަން ކްލޮޕް ފުރަތަމަ މެޗުގައި ނެދަލެންޑްސްއާ ވަނީ އެއްވަރުވެފަ އެވެ. ދެ ވަނަ މެޗުގައި ޖަރުމަނުން ރޭ އަމިއްލަ ދަނޑުގަައި ކުޅެގެން ގްރީސް އަތުން ވަނީ ބަލިވެފަ އެވެ. ޔޫރޯގެ ޗެމްޕިއަންކަން، 2004 ވަނަ އަހަރު ހޯދި ގްރީސް އިން ޖަރުމަނު ބަލިކުރި ލަނޑު ޖެހީ މެޗުގެ 74 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ ހުނަރުވެރި ފޯވާޑް، ޑިމިޓްރޯސް ކުބޭލިސް އެވެ. 

ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ޖަރުމަނުން މި މެޗުގައި ހޯދި ކަމުގައި ވިޔަސް، އޭގެއިން އެއްވެސް ބޯޅައެއް ގޯލަށް ފޮނުވާނުލެވި މެޗުން ބަލިވީ އެވެ. މިއީ، ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި ޖަރުމަނާ ހަވާލުވި ކްލޮޕްގެ ކޯޗުކަމުގައި އެ ޓީމު ބަލިވި ފުރަތަމަ މެޗެވެ. 

ޔުއެފާ ނޭޝަންސް ލީގުގައި ސާބިއާ ކޮޅަށް ނެދަލެންޑްސްގެ މީރްޑިންކް ލަނޑު ޖަހަނީ.
ޔުއެފާ ނޭޝަންސް ލީގުގައި ސާބިއާ ކޮޅަށް ނެދަލެންޑްސްގެ މީރްޑިންކް ލަނޑު ޖަހަނީ.

ނޭޝަންސް ލީގުގެ މި ފަހަރުގެ ސީޒަނުގައި، ފުރަތަމަ މެޗުގައި، ޖަރުމަނާ ފަހު ވަަގުުތު އެއްވަރުކުރި ނެދަލެންޑްސް އިން ރޭގެ މެޗުން މޮޅުވެ، ކޯޗު ޒަވީ ހެނާންޑޭޒްގެ އިރުޝާދުގެ ދަށުން ފުރަތަމަ މޮޅު ވަނީ ހޯދައިފަ އެވެ.

ރޭގެ މެޗުގައި ނެދަލެންޑްސްގެ ދެ ލަނޑު ވެސް ޖެހީ މެކްސް މީރްޑިންކް އެވެ. އޭނާ ފުރަތަމަ ހާފުގައި ނެދަލެންޑްސް އަށް ލީޑުނަގައިދީފައިވަނިކޮށް ލޫކަ ޖޯވިޗް ވަނީ ސާބިއާ އަށް އެއްވަރުކޮށްދީފަ އެވެ. އެކަމަކު، ދެ ވަނަ ހާފުގައި މީރްޑިންކް ލަނޑު ޖަހައި ނެދަލެންޑްސް މޮޅުކޮށްދިނީ އެވެ. 

މި މެޗުގައި ނެދަލެންޑްސްގެ ކޯޑީ ގަކްޕޯ އަށް އަނިޔާވެގެން ފުރަތަމަ ހާފުގައި ވަނީ ބަދަލުކުރަން ޖެހިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox