ދިރާގު ފިންޓެކްއިން ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން އެންމެ ރުފިޔާއަކަށް ބޯބާއެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް އިއުލާނުކޮށްފި އެވެ.
މި ޕްރޮމޯޝަންގެ ދަށުން މި ހާއްސަ އޮފާ ލިބިގެންދާނީ ޗާންދަނީމަގުގައި ހުންނަ ވިކްޓޯރިއަސް ކެފޭ – އިންޑިގޯ އަދި ވިކްޓޯރިއަސް އެވެނިއުއިންނެވެ.
މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:00 އިން ފެށިގެން، ފުރަތަމަ 1,000 ކަސްޓަމަރުން ހަމަވަންދެންނެވެ.
ހަމައެކަނި ޓޭކް-އަވޭ ހިދުމަތަށް ހާއްސަކޮށްފައިވާ މި ޕްރޮމޯޝަންގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންގެ އިތުރުން އަލަށް ދިރާގުޕޭ އެޕްލިކޭޝަން ޑައުންލޯޑްކޮށް ރަޖިސްޓްރީވާ ކަސްޓަމަރުންނަށްވެސް ބައިވެރިވެވޭނެ އެވެ.
މީގެ ކުރިންވެސް ދިރާގު ފިންޓެކްއިން ކުރިއަށް ގެންދިޔަ މިފަދަ ޕްރޮމޯޝަންތަކަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބި، ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފަ އެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދިރާގުޕޭގެ މާޗަންޓުންނާ ގުޅިގެން ކަސްޓަމަރުންނާ ހަމައަށް ތަފާތު އޮފަރތައް ގެނެސްދިނުމަށް ދިރާގުޕޭއިން ދޭ އިސްކަން ދައްކުވައިދޭ ކަމެކެވެ.
ދިރާގުގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ދިރާގު ފިންޓެކްގެ މައިގަނޑު މަގުސަދަކީ ކަސްޓަމަރުންގެ އަގުވަޒަންކުރުމާއެކު، ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް އާންމުންގެ ޝައުގުވެރިކަން އިތުރުކުރުމެވެ. އަދި ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތައް ލިބިގެންދާނެ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ މުހިންމު އަމާޒެކެވެ.







