ވާވު އަތޮޅު ދެވަނަ ކަނޑު ހޮހޮޅައަށް ފީނަން ގޮސް އުޅެނިކޮށް ތާށިވީ އިޓަލީގެ ޓޫރިސްޓުންގެ ހަށިގަނޑުގެ ރިކަވަރީ އޮޕަރޭަޝަނުގައި އުޅެނިކޮށް ނިޔާވި ސިފައިންގެ ސްޓާފް ސާޖަންޓު މުހައްމަދު މަހުދީއަށް އިޓަލީ ސަރުކާރުގެ ފަރާތުން އާންމުންނަށް އަރުވާ އެންމެ މަތީ ޝަރަފު އަރުވައިފި އެވެ.
އިޓަލީގެ ގައުމީ ދުވަސް ފާހަގަކުރުމަށް ރޭ ވަނީ ބާސެލޯ ނަަސަންދުރާގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ޝަރަފު މަހުދީއަށް އެރުވީ އެ ރަސްމިއްޔާތުގެ ތެރެއިންނެވެ. މި ޝަރަފާއެކު އަރުވާ މެޑަލް އަދި ހަނދާނީ ލިޔުން މަހުދީގެ އާއިލާއާ ހަވާލުކޮށްދެއްވީ ރާއްޖެ އިޓަލީން ކަނޑައަޅާފައި ހުންނަވާ ސަފީރު ޑެމިއާނޯ ފުރެޑްރިޗު އެވެ.
އިޓަލީ ސަރުކާރުން މަހުދީއަށް އެރުވީ އާންމު އިޖުތިމާއީ ހިދުމަތްތަކާއި ހިތްވަރުގަދަ އަމަލުތަކަށް ދޭ އެންމެ މަތީ ޝަރަފު ކަމަށްވާ "ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ" އެވެ.
އެ ޝަރަފަކީ އަމިއްލަ ފުރާނައަށް ބެލުމެއް ނެތް، އާދަޔާ ހިލާފު ހިތްވަރުގަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އިޓަލީ ސަރުކާރުން ދޭ ޝަރަފެކެވެ.
މަހުދީގެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކޮލޮމްބޯގައި ހުންނަ އިޓަލީ އެމްބަސީއާއި މާލޭގައި ހުންނަ އިޓަލީގެ އޮނަރަރީ ކޮންސިއުލާ އެޖެންސީ ގުޅިގެން ވަނީ ހާއްސަ ފަންޑެއް ވެސް ހުޅުވާފަ އެވެ.
މި ފަންޑަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ މީހުންނަށް ބޭންކް ޓްރާންސްފާ މެދުވެރިކޮށް އެކަމަށް ކަނޑައަޅާފައިވާ ހާއްސަ އެކައުންޓަކަށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ. އެ ފަންޑަށް އެހީތެރިވުމުގެ ފުރުސަތު ހުޅުވާލީ ޑިސެމްބަރު 31، ގެ ނިޔަލަށެވެ.
ރަސްމީ އިދާރާތަކުން ބުނީ މަހުދީ ނިޔާވީ އޭނާ އާއި ސިފައިންގެ ހަތް ޑައިވަރަކު ހޮހޮޅައަށް ކުރި ޑައިވަކަށް ފަހު މައްޗަށް އެރިއިރު އޭނާ ނެތްކަން އެނގުމުން، ފުލުހުންގެ ޑައިވަރުންގެ ޓީމަކުން އަޑިއަށް ގޮސް ނެގިއިރު ހާލުދެރަވެގެން ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށެވެ.
ނަމަވެސް އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަހުދީ ފެނުން މައްޗަށް ނެގި އިރު ވެސް އެއްވެސް ވިންދެއް ނެތެވެ. އޭނާ މައްޗަށް ނެގުމަށް ފަހު ސީޕީއާރު ދިނުމުން ވެސް ހެޔެއް ނާރަ އެވެ.
މަހުދީ ނިޔާވި މައްސަލައިގެ ތަހުގީގު ފުލުހުން ކުރަމުންދާއިރު، މިހާތަނަށް އެކަމާ ގުޅޭ މާބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ. އެކަމާ ގުޅޭގޮތުން ނޫސްވެރިން ކުރާ ސުވާލުތަކަށްވެސް ފުލުހުން ޖަވާބު ދީފައެއް ނުވެ އެވެ.








