ފަރަންސޭސިވިލާތުގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ މުޒާހަރާތަކުގައި ހޮނިހިރު ދުވަހުގެ ރޭ ހިނގި ކުރިމަތިލުންތަކާ ގުޅިގެން 1،000 އެއްހާ މީހުން ހައްޔަރުކޮށްފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ. މި މުޒާހަރާތަކުގައި އެތައް ލައްކަ ބަޔަކު ވަނީ ބައިވެރިވެފަ އެވެ.
ދުވާލުގެ ވަގުތުތަކުގައި އަމާންކަމާއެކު މުޒާހަރާތައް ކުރިއަށް ދިޔަ ނަމަވެސް، ރޭގަނޑު ވެގެން އައިއިރު ވެރިރަށް ޕެރިސް ހިމެނޭހެން ބައެއް ސިޓީތަކުގައި މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭހާއި ފެންބަޑި ބޭނުންކޮށްފަ އެވެ. މާސޭގައި މަގުތައް ބަންދުކޮށް ހުޅުޖަހާފައިވާއިރު، ބޯޑޯގައި މުޒާހަރާގެ ބައިވެރިން ވަނީ ފިހާރައެއްގެ ބޯޑުތައް ނައްޓާލައި ގެއްލުން ދީފަ އެވެ.
ނަމަވެސް، ފްރާންސްގެ ފަހުގެ ތާރީހުގައި ފެނުނު އެންމެ ނުރައްކާތެރި ހަމަނުޖެހުންތައް ހިނގި މިދިޔަ ހަފުތާ ބަންދާ އަޅާބަލާއިރު، މި ފަހަރު ފިހާރަތައް ފޭރުމާއި ބޮޑެތި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގައި އޮފިޝަލުންނަށް ވަނީ ކާމިޔާބީތަކެއް ލިބިފަ އެވެ.
އިންޓީރިއާ މިނިސްޓްރީން އަންދާޒާކުރާ ގޮތުގައި ހޮނިހިރު ދުވަހު 410،000 އެއްހާ މީހުން މުޒާހަރާއަށް ނުކުތެވެ. ނަމަވެސް މަސައްކަތްތެރިންގެ ޔޫނިއަންތަކުން ބުނާ ގޮތުގައި އެ އަދަދު އުޅެނީ ގާތްގަނޑަކަށް 800،000 ގައެވެ.
ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާއި ސްކޫލްތަކުގެ ހާލަތު ދަށްވުމާ ގުޅިގެން ކުރަމުންދާ މި މުޒާހަރާތައް ކޮންޓްރޯލުން ނެއްޓި، ފިހާރަތައް ފޭރުމާއި އިމާރާތްތަކުގައި ހުޅުޖެހުން ހުއްޓުވުމަށްޓަކައި 70،000 ފުލުހުން ވަނީ ނެރެފަ އެވެ. އަދި ބައެއް ސިޓީތަކުގައި ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފަ އެވެ.
ރައީސް އެމަނުއަލް މެކްރޮން މި ހަފުތާގެ ކުރީކޮޅު ނިންމަވާފައިވަނީ ހަމައެކަނި ރަސްމީކޮށް ބަލައިގަންނަ ޓްރޭޑް ޔޫނިއަންތަކުން އިންތިޒާމުކުރާ މުޒާހަރާތަކަށް ހުއްދަ ދިނުމަށެވެ. ފާއިތުވި ދުވަސްތަކުގައި ހިންގި ހަމަނުޖެހުމުގެ މައްސަލަތަކުގައި އަވަސް ނިޔާ ކޯޓުތަކުން ވަނީ އެތައް ސަތޭކަ ބަޔަކު ޖަލަށްލުމަށް ހުކުމްކޮށްފަ އެވެ.
ޔޫރަޕްގެ އެހެން ބައެއް ސިޓީތަކުގައި ވެސް ހޮނިހިރު ދުވަހު ވަނީ ބޮޑެތި މުޒާހަރާތަކެއް ކޮށްފަ އެވެ.
އަލްބޭނިއާގެ ވެރިރަށް ޓިރާނާގައި ސަރުކާރާ ދެކޮޅަށް މުޒާހަރާކުރި އެތައް ހާސް ބަޔަކު ރޫޅާލުމަށް ފުލުހުން ކަރުނަގޭސް ޖަހާފައިވާއިރު، ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ވެސް ކުރިމަތިލުންތަކެއް ހިނގާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އިޓަލީގެ މިލާންގައި، ފުލުހުންނާއި ސަތޭކަ އެއްހާ ސިފައިން ގުޅިގެން ހިންގި ސަލާމަތީ އޮޕަރޭޝަނެއްގައި މުޒާހަރާގެ ބައިވެރިން އެއްވުން ވަނީ ހުއްޓުވާފަ އެވެ. މިދިޔަ ހަފުތާގައި އެ ސިޓީގައި ހިނގި ހުޅުޖެހުމާއި، ބިއްލޫރި ތެޅުމާއި، ފިހާރަތައް ފޭރުމުގެ ހާދިސާތައް ތަކުރާރުވެދާނެ ކަމުގެ ބިރު އޮތެވެ.







