ވެރި ރަށް މާލޭގައި ހިންގާ ދިވެހިރާއްޖޭގެ މައި ވިޔަފާރި ބަނދަރު އިންޑަސްޓްރިއަލް އައިލެންޑް ތިލަފުއްޓަށް ބަދަލު ކުރުމުގެ ބައެއް މަސައްކަތްތައް ޗައިނާގެ ހާބާ އިންޖިނިއަރިން ކުންފުންޏާ ހަވާލު ކުރުމަށް ހެދި އެގްރިމެންޓުގެ ދަށުން، އެ އެގްރިމެންޓުގެ އެއްވެސް މައުލޫމާތެއް އާންމުކުރުން މަނާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ބުނެފި އެވެ.
ޗައިނާ ހާބާ އިންޖިނިއަރިން ކުންފުންޏާއެކު ފެބްރުއަރީ 5، 2026، އަދި ޖުލައި 20، 2026، ހެދި އެގްރިމެންޓުތަކުގައި "ނަން ޑިސްކްލޯޝާ ޓާމްސް" ތަކެއް ހިމަނާފައިވާ ކަމަށް އެމްޕީއެލް އިން ބުނީ މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަދަދު އިން ފޮނުވި ސުވާލުތަކަކަށް ޖަވާބު ދެމުންނެވެ.
ޗައިނާ ހާބާ އިންޖިނިއަރިންއާ ހަވާލު ކުރީ ލޯކަލް ހާބާ ރިލީފް ޕްރޮޖެކްޓުގެ ދަށުން މިހާރުގެ ބަނދަރުގެ ޖާގައިގެ ދަތިކަން ލުއި ކުރަން ކުރަންޖެހޭ ބައެއް މަސައްކަތްތައް ކުރުމާއި 375 މީޓަރުގެ އިންޓަނޭޝަނަލް ކީ ވޯލްއަކާއި 14.6 މީޓަރުގެ ކޮންޓެއިނާ ވެސެލް ކީ ވޯލްއަކާއި 820 މީޓަރުގެ ޑޮމެސްޓިކް ކީ ވޯލްއެއް ހެދުމެވެ.
އެ ދެ އެއްބަސްވުމުގެ އަގު ހާމަ ކުރަން ވެސް އެމްޕީއެލް އިން ވަނީ ދެކޮޅު ހަދައިފަ އެވެ. އެމްޕީއެލް އިން ބުނީ އެއްބަސްވުމުގެ އަގު ހާމަކޮށްފި ނަމަ ވިޔަފާރީގެ ސިއްރެއް ހާމަވެދާނެ ކަމަށާއި އޭގެ ސަބަބުން ތިން ވަނަ ފަރާތެއްގެ ވިޔަފާރީ އަދި މާލީ މަސްލަހަތު ގެއްލިދާނެ ކަމަށެވެ.
ތިލަފުށީ ބަނދަރުގެ އެއްބަސްވުން ހާމަކުރަން ސަރުކާރުން ދެކޮޅު ހެދިއިރު، ކުރީގެ ސަރުކާރުން ސިއްރު އެއްބަސްވުންތަކެއް ހެދި ކަމަށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވަނީ ކުރިން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ތިލަފުށީ ބަނދަރުގެ މަސައްކަތް ޗައިނާ ކުންފުންޏާ ހަވާލު ކުރި ފަހުން އެ ތަން ބެލުމަށް އެމެރިކާގެ ސީނިއާ ވަފުދެއް ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. އެ މައްސަލައިގައި އިންޑިއާ ސަރުކާރުން ވެސް ކަންބޮޑުވުން ފާޅު ކުރި ކަމަށް އެ ގައުމުގެ ނޫސްތަކުގައި ލިޔެފައި ހުއްޓެވެ.
އެއާއެކު، ތިލަފުށީ ބަނދަރުގެ މަސައްކަތް ޗައިނާ ކުންފުންޏާ ހަވާލު ކުރުމަކީ ރާއްޖޭގެ ޑިޕްލޮމެޓިކް ވިސްނުން ހާމަވާ ނިންމުމެއް ނޫން ކަމަށް ބުނެ ދިވެހި ހާރިޖީ އޮފީހުން ވަނީ ބަޔާނެއް ނެރަފަ އެވެ.
"މި ޕްރޮޖެކްޓު އެވޯޑުކޮށްފައި ވަނީ މި ބާވަތުގެ ޕްރޮޖެކްޓުތައް އެވޯޑް ކުރުމަށް ހަމަޖެހިފައިވާ ގާނޫނުތަކާއި އިޖުރާއަތުތަކާ އެއްގޮތަށް. އެ ނިންމުން ނިންމާފައި ވަނީ ރާއްޖޭގެ ދުރު ރާސްތާގެ ތަރައްގީއަށް ރިއާޔަތް ކުރުމަށްފަހު. އެ ނިންމުމަކީ ވަކި ގައުމަކާމެދު ދެކޭ ގޮތް ހާމަވާ، އަދި ވަކި ގައުމަކާ މެދު އޮތް ގުޅުމަކަށް ބަދަލެއް ވެސް އަންނާނެ ނިންމުމެއް ނޫން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.







