އަލްބޭނިއާގެ ބޮޑުވަޒީރު އެޑީ ރާމާގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ފަށާފައިވާ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން، އެ ގައުމުގެ އިދިކޮޅު މެންބަރުން ބުރާސްފަތި ދުވަހު މަޖިލީހުގެ ތަޅުމުގައި ނޫކުލައިގެ ފްލެއާ އަރުވައި މަޖިލީހުގެ ޖަލްސާއަށް ހުރަސްއަޅައިފި އެވެ.
އަލްބޭނިއާގެ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން ވަނީ އެ ގައުމުގެ މަރުކަޒީ ބޭންކާ ބެހޭ ގާނޫނަކަށް ވޯޓަށް އަހަން އުޅުނު ވަގުތު، މަޖިލީހުގެ ރިޔާސަތާ ދިމާލަށް ނުދެވޭ ގޮތަށް ވެސް ހަދައިފަ އެވެ،
"މިތިބީ (ސަރުކާރު ހިންގާ ޕާޓީގެ މެންބަރުން) ކުށްވެރިން. ކަރުނަގޭހާއި، ރަބަރު ވަޒަނާއި، ބޯ ފަޅައިގެން ދިއުމާއި ކަށިތައް ބިންދައިގެން ދިއުން ހައްގީ ޒުވާނުންނަކަށް ނޫން، މި މީހުންނަށް،" މައިކް ކަނޑާލުމުގެ ކުރިން ދެއްކެވި ވާހަކައިގައި އިދިކޮޅު ލީޑަރު ސާލީ ބެރީޝާ ވިދާޅުވި އެވެ.
ބެރީޝާ ވާހަކަދައްކަވަމުން ގެންދެވި އިރު، އިދިކޮޅު އެހެން މެންބަރުން ވަނީ އޭނާގެ ވަށައިގެން ތިބެ، ފުލުހުން ޖެހި ރަބަރު ވަޒަންތަކުގެ ސަބަބުން އަނިޔާވި މުޒާހަރާގެ ބައިވެރިންގެ ފޮޓޯތައް ދައްކާފަ އެވެ. އަދި ބައެއް މެންބަރުން ވަނީ އެ ޕާޓީގެ ރަމްޒީ ކުލަ ކަމަށްވާ ނޫކުލައިގެ ފްލެއާތައް މައްޗަށް އުފުލާފަ އެވެ.
ސަރުކާރުގެ ކޮރަޕްޝަނާއި، ވަޒީފާގެ ފުރުސަތުތައް މަދުވުމާއި، ތައުލީމީ ފެންވަރު ދަށްވުމުގެ ސަބަބުން އުފެދުނު ހިތްހަމަނުޖެހުންތަކާ ގުޅިގެން ދަރިވަރުން އިސްވެ ތިބެ ފެށި މި މުޒާހަރާތައް އޮކްޓޫބަރު މަހުގެ މެދުތެރެއިން ފެށިގެން ވެރިރަށް ޓިރާނާގެ ވަނީ ވަރަށް ބޮޑަށް ފެތުރިފަޗއެވެ. އަދި މިހާރު މި މުޒާހަރާތައް ވަނީ އެހެން ސިޓީތަކަށް ވެސް ފެތުރިފަޗއެވެ.
ބޮޑުވަޒީރު ރާމާގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރުގެ އިމާރާތްތަކާއި ބޭންކުތަކުގައި އަލިފާން ރޯކޮށް، ފިހާރަތަކުގެ ބިއްލޫރިތައް ތަޅާލައި، މަގުތަކުގައި އަތުރާފައި ހުރި ގާތައް ނައްޓައިގެން ފުލުހުންނާ ދިމާލަށް އުކާފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނާގެ އެހީތެރިކަމާއެކު އައްސޭރިފަށުގައި ތަރައްގީކުރާ މަޝްރޫއަކާ ދެކޮޅަށް ހޫނު މޫސުމުގައި ކުރި އަމާން މުޒާހަރާތަކަށް ފަހު އުފެދުނު މި ހަމަނުޖެހުންތަކަކީ، 2013 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރައްވަމުން ގެންދަވާ އަދި މިދިޔަ އަހަރު ހަތަރުވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވި ރާމާއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.
މިދިޔަ އާދީއްތަ ދުވަހު ބޮޑުވަޒީރު ރާމާ ވަނީ ހަމަނުޖެހުންތައް ހުއްޓުވުމަށްޓަކައި އާ ފިޔަވަޅުތަކެއް ތައާރަފުކުރައްވާފަ އެވެ. އޭގެ ތެރޭގައި ހަމަނުޖެހުން ހިންގާ މުޒާހަރާއެއްގައި ބައިވެރިވާ ކޮންމެ މީހަކު، އަމިއްލައަށް އެއްވެސް ގެއްލުމެއް ނުދިން ކަމުގައި ވިޔަސް، 500,000 ލެކް (6,200 އެމެރިކާ ޑޮލަރު) އިން ޖޫރިމަނާކުރުން ހިމެނެ އެވެ.
މި ހަފުތާގައި ކުރިއަށްދިޔަ މުޒާހަރާތައް ބޮޑަށް ފެނުނީ އަމާންކޮށް ދިޔަ ތަނެވެ. އަދި އަންނަ ހޮނިހިރު ދުވަހަށް ވެސް އިތުރު މުޒާހަރާއެއް ވަނީ ރާވާފަ އެވެ.
މަގުމަތީގައި ހިންގާ ހަމަނުޖެހުންތައް ހުއްޓުވުމުގެ މަގްސަދުގައި ބޮޑުވަޒީރު ރާމާ ވަނީ މަޝްވަރާ ކުރުމަށް ދަރިވަރުންނަށް އަނެއްކާވެސް ގޮވާލައްވާފަ އެވެ. އަދި ތެލުގެ އަގު ހެޔޮކުރުމާއި ފަގީރު އާއިލާތަކަށް ދޭ މާލީ އެހީތެރިކަން އިތުރުކުރުން ފަދަ އިގްތިސާދީ އާ ފިޔަވަޅުތަކެއް ވެސް ވަނީ އިއުލާން ކުރައްވާފަ އެވެ.







