އެމެރިކާގެ ޓެނެސީގެ ޖަލެއްގައި މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި އަންހެނަކު، އެ ހާދިސާއަށް ފަހު ފުރަތަމަ ފަހަރަށް ވާހަކަދައްކައިފި އެވެ.
އުމުރުން 50 އަހަރުގެ ކްރިސްޓާ ޕައިކްގެ ގާނޫނީ ޓީމުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޭނާއަށް މިހާރު މެދުނުކެނޑި ތަދު އިހުސާސްވަމުންދާ ކަމަށާއި ވާހަކަދެއްކުމަށް ވެސް އުނދަގޫތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.
ޕައިކް ބުނި ގޮތުގައި މަރުގެ އަދަބު ތަންފީޒުކުރަން އުޅުނު ރޭގެ ފަހުން، ތަދެއް އިހުސާސް ނުވާ އެންމެ ހިނދުކޮޅެއް ވެސް އޭނާގެ ހަޔާތަކަށް ނާދެ އެވެ. އަދި އެއީ "ޖިސްމާނީ އަދި ނަފްސާނީ ގޮތުން" ލިބެމުންދާ ވަރަށް ބޮޑު ވޭނެއްކަން އޭނާ ފާހަގަކުރި އެވެ.

ޕައިކާއި އޭނާގެ ލޯބިވެރިޔާ ވެގެން 1995 ވަނަ އަހަރު ވަނީ އުމުރުން 19 އަހަރުގެ ކުއްޖަކަށް އަނިޔާކޮށް، ވަޅިން ހަމަލާދީ މަރާލާފަ އެވެ. އެ ހާދިސާ ހިނގިއިރު ޕައިކްގެ އުމުރަކީ 18 އަހަރު ކަމަށްވާތީ، އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވި އެވެ.
ޕައިކްގެ މަރުގެ އަދަބު ތަންފީޒުކުރާ މަންޒަރު ބެލުމަށްޓަކައި، މަރާލި ކުއްޖާގެ މަންމަ ފްލޮރިޑާއިން ޓެނެސީއަށް ދަތުރުކުރި އެވެ.
ޕައިކް ބުނި ގޮތުގައި އޭނާ މަރާލި ކުއްޖާގެ އާއިލާއާ މެދު އަދިވެސް ވިސްނެ އެވެ. އަދި އެ އާއިލާއަށް ލިބުނު ފުން ހިތާމަ އާއި ގެއްލުމުގެ އިހުސާސް އޭނާ ކުރާ ކަމަށް ވެސް ބުންޏެވެ.
ޕައިކްގެ ވަކީލުން ބުނާ ގޮތުގައި، ސެޕްޓެމްބަރު 30 ވަނަ ދުވަހު އޭނާ މަރަން ދިން "ފީނޯބާބިޓަލް" ކިޔާ ވިހަ ބޭހުގެ ދެ ޑޯޒުން އޭނާ މަރުނުވީ، އެ ބޭސް އޭނާގެ ލޭގެ ނިޒާމަށް ދައުރުނުވުމުންނެވެ. އޭގެ ބަދަލުގައި އެ ބޭސްތައް ޖަމާވީ އޭނާގެ ދެ އަތަށެވެ. މީގެ ސަބަބުން އޭނާގެ ދެ އަތް ފިހި، ފޮޅުތައް ނަގާފައިވާ ކަމަށް ވަކީލުން ބުންޏެވެ.
މަރުގެ އަދަބު ތަންފީޒުކުރުން ނާކާމިޔާބުވި އެ ހާދިސާއަށް ފަހު، ޕައިކް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތްއިރު، އެތައް ދުވަހެއް ވަންދެން އޭނާ އޮތީ ހޭނެތިފަ އެވެ.
މިފަދަ ބިރުވެރި ތަޖުރިބާއެއް ކުރަން ޖެހުނު ނަމަވެސް، ޕައިކްގެ މަރުގެ ހުކުމް އަދިވެސް އެބަ އޮތެވެ. އަދި މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގަ އެވެ.
ޕައިކްގެ ގާނޫނީ ޓީމުން ވަނީ، އެހެން ގައިދީންނާ މުއާމަލާތް ކުރުމުގެ ފުރުސަތު އޭނާއަށް ދިނުމަށް އެދިފަ އެވެ. ވަކީލުން ބުނާ ގޮތުގައި މަރުގެ އަދަބު ނާކާމިޔާބުވުމަށް ފަހު އޭނާ އެކަހެރިކޮށްފައި ބެހެއްޓުމުގެ ސަބަބުން، ނަފްސާނީ ގޮތުން ބޮޑެތި ގެއްލުންތަކާއި އަނިޔާތަކެއް އޭނާއަށް ވަނީ ލިބިފަ އެވެ.
މީގެ އިތުރުން، ޕައިކްގެ މަރުގެ ހުކުމް އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކޮށްދިނުމަށް އެދި އޭނާގެ ވަކީލުން ވަނީ ޓެނެސީގެ ރިޕަބްލިކަން ގަވަރުނަރު ބިލް ލީއަށް ހުށަހަޅާފަ އެވެ.
ނަމަވެސް، މިދިޔަ ހަފުތާގައި ގަވަރުނަރު ލީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކޯޓަކުން ވަކި ގޮތަކަށް ނުނިންމާހާ ހިނދަކު، ޕައިކްގެ ހުކުމަށް ބަދަލެއް އަންނާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.






