ފަސް އަހަރު ތެރޭގައި އެންތްރޮޕިކް ވަނީ ނޭނގޭ ކުޑަ ކުންފުންޏަކުން ޓްރިލިއަން ޑޮލަރަށްވުރެ އަގުބޮޑު ޓެކްނޮލޮޖީގެ ބޮޑު ބާރަކަށް ބަދަލުވެފަ އެވެ. އާޓިފިޝަލް އިންޓެލިޖެންސް ޕްލެޓްފޯމް ކްލޯޑް އުފެއްދި މި ކުންފުނި އުފެއްދީ 2021 ވަނަ އަހަރު އޯޕަން އޭއައި އިން ވަކިވި ހަތް މީހެކެވެ. އެމެރިކާގެ ހިއްސާގެ ބާޒާރަށް މި ކުންފުނި ނެރުމާއެކު، މި ހަތް ބާނީންނަކީ ކަރުދާހުގައި ނަމަވެސް މަލްޓި ބިލިއަނަރުންނަށް ވެގެންދާނެ އެވެ.
އެންތްރޮޕިކްގެ ހިއްސާއެއް ވިއްކުމަށް ހަމަޖެހިފައިވަނީ 70 ޑޮލަރާއި 78 ޑޮލަރާ ދެމެދުގެ އަގަކަށެވެ. އެންމެ މަތީ އަގުގައި ހިއްސާ ވިއްކިއްޖެ ނަމަ، ކޮންމެ ބާނީއެއްގެ ހިއްސާގެ އަގު މަދުވެގެން ފަސް ބިލިއަން ޑޮލަރަށް އަރާނެ އެވެ. 30 އަހަރާއި 40 އަހަރުގެ މި ޒުވާނުންނަކީ މިއަދު ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓަށް އަރަން ތައްޔާރުވެފައިވާ ފަރާތްތަކެވެ.
މި ގްރޫޕްގެ އެންމެ އިސް މީހަކީ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޑާރިއޯ އަމޯޑޭއެވެ. އުމުރުން 43 އަހަރުގެ ޑާރިއޯއަކީ ކުރިން އޯޕަން އޭއައިގައި މަސައްކަތްކުރި ފިޒިކްސް އަދި ބަޔޮމެޑިކަލް ސައިންސްގެ މާހިރެކެވެ. އޭނާ އެ ކުންފުނިން ވަކިވީ އޭއައިގެ ރައްކާތެރިކަމަށްވުރެ ފައިދާއަށް ބައެއް މީހުން އިސްކަންދޭތީ ކަމަށް ބުނެ އެވެ. އޭނާއާއެކު އޭނާގެ ކޮއްކޮ ޑެނިއެލާ އަމޯޑޭ ވެސް އެންތްރޮޕިކް އުފެއްދުމުގައި ބައިވެރިވި އެވެ. އުމުރުން 39 އަހަރުގެ ޑެނިއެލާއަކީ ކުންފުނީގެ ރައީސެވެ. އޭނާ ބަލަހައްޓަނީ ކުންފުނީގެ ދިރާސާތަކާއި، އިންޖިނިއަރިން އަދި ވިޔަފާރީގެ އެންމެހާ ކަންކަމެވެ.
މި ޓީމުގައި ހިމެނޭ 39 އަހަރުގެ ޓޮމް ބްރައުންއަކީ ކުންފުނީގެ ޗީފް ކޮމްޕިއުޓް އޮފިސަރެވެ. އޭނާއަކީ ކުރިން ގޫގުލްގެ ޑީޕް މައިންޑް ޕްރޮޖެކްޓްގައި މަސައްކަތްކުރި މީހެކެވެ. އިނގިރޭސިވިލާތަށް އުފަން ޖެކް ކްލާކަކީ މި ގްރޫޕްގައި ހިމެނޭ އުތުރު އެމެރިކާއަށް ނިސްބަތްނުވާ ހަމައެކަނި މީހާއެވެ. ކުރިން ޓެކްނޮލޮޖީ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރި ކްލާކަކީ މިހާރު އެންތްރޮޕިކްގެ ހެޑް އޮފް ޕަބްލިކް ބެނެފިޓެވެ.
ކުންފުނީގެ ފަންނީ ދިރާސާތައް ކުރިއަށްގެންދަނީ ޗީފް ސައިންސް އޮފިސަރު ޖެރެޑް ކަޕްލާންއެވެ. އޭނާއަކީ ހާވާޑް ޔުނިވާސިޓީން ފިޒިކްސްގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހެކެވެ. އޭއައި މޮޑެލްތަކުގެ އަހުލާގީ މިންގަނޑުތަކާއި ދީނީ ކަންކަމާ ހުރި ގުޅުން ދިރާސާކުރަނީ 34 އަހަރުގެ ކްރިސް އޯލާއެވެ. އަދި ކުންފުނީގެ ޗީފް އާކިޓެކްޓް ސޭމް މެކްކެންޑްލިޝްއަކީ އޭއައިގެ ނުރައްކާތައް ކުޑަކުރުމުގެ ސިޔާސަތުތައް އެކުލަވާލާ އިސް މީހާއެވެ.
މި ހަތް ބާނީންނަކީ ވެސް އޯޕަން އޭއައިގައި މުހިންމު ދައުރެއް އަދާކުރި މީހުންނެވެ. ނަމަވެސް މިއަދު އެންތްރޮޕިކްގެ ކާމިޔާބީއާއެކު، މި ފަރާތްތަކުން އޭއައިގެ ދުނިޔޭގައި އާ ބާބެއް ލިޔެ، ދުނިޔޭގެ އެންމެ ނުފޫޒުގަދަ އަދި މުއްސަނދި ޓެކްނޮލޮޖީގެ މާހިރުންގެ ގޮތުގައި ވަނީ ވެފަ އެވެ.






