ހުވަދޫ އަތޮޅުގައި 22 އަހަރުގެ އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި މިހައިތަނަށް ނުވަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައިގައި ހައްޔަރުކުރި ހުރިހާ އެންމެންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށެވެ.
"މި މައްސަލައިގެ ތުހުމަތުގައި ނުވަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ދިވެހި ފިރިހެނުންނެވެ. މި މައްސަލައިގެ ތަހުގީގަށް މާލެއިން ހާއްސަ ޓީމެއް ފޮނުވާ އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. މި މައްސަލައާ ގުޅުންހުރި އިތުރު ޑީޓެއިލްސް ތަހުގީގު ކުރިއަށްދާ މިންވަރަކުން ޕޮލިސް މީޑިއާއިން އާންމު ކުރަމުން ދާނެ،" ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން މީގެ ކުރިން ފުލުހުން ބުނީ އަޕާ ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 22 އަހަރުގެ އަންހެނަކަށް ބަޔަކު ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިދިޔަ އަންގާރަ ދުވަހު އެ މުއައްސަސާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި، އެ މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް، ކުޑަކުދިންތަކަކަށް ވެސް ޖިންސީ ގޯނާކޮށް އެކްސްޕްލޮއިޓުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި ކުޑަކުދިންތަކެއް ހިމެނޭތީ އެ ހާދިސާ ހިނގައިދިޔަ ރަށާއި އަތޮޅު ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ. އަޕާ ސައުތު ޕޮލިސްގައި ހިމެނޭ ދެ އަތޮޅަކީ ގއ އާއި ގދ. އެވެ. އެ ދެ އަތޮޅުގައި ފުލުހުންގެ 10 މަރުކަޒު ހުރެ އެވެ.






