ޔޫއޭއީގެ މުހައްމަދު އަލައްބާރަށް ރަސްމާލެ ވިއްކާލުމުގެ ޕްރޮޖެކްޓު މިހާރު އޮތް ގޮތަށް ކުރިއަށް ނުގެންގޮސް ހުއްޓާލަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ގޮވާލައްވައިފި އެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ސޯލިހު ވިދާޅުވީ ރަސްމާލެ އީގަލް ހިލްސްއަށް ދެނީ "ދާއިމަށް" ކަމަށާއި އެ މުއާމަލާތުގައި ހަމައެކަނި ފައިދާވަނީ އެ ކުންފުންޏަށް ކަމަށެވެ.
ރަނގަޅު ވިޔަފާރި މުއާމަލާތެއްގައި މުދާ ވިއްކާ ފަރާތާއި ގަންނަ ފަރާތަށް ނުވަތަ ކުއްޔަށް ދޭ ފަރާތާއި ކުއްޔަށް ހިފާ ފަރާތަށް ވެސް ފައިދާވާން ޖެހޭނެ. ރަސްމާލޭން 500 ހެކްޓަރު ބިން ހިލޭ، އީގަލް ހިލްސަށް ދާއިމަށް ދިނުމުގައި މިކަމެއް ނުފެނޭ. އިންތިހާއަށް ފައިދާވަނީ އީގަލް ހިލްސްއަށް. ރާއްޖެއަށް މާލީގޮތުން ލިބެންޖެހޭ ފައިދާ ލިބޭތަނެއް ނުފެނޭ،" ސޯލިހު ވިދާޅުވި އެވެ.
އެ ޕްރޮޖެކްޓު ރާވާފައިވާ ގޮތުން މުސްތަގްބަލުގައި ރާއްޖެއަށް އެތައް ހޮންޖެހުންތަކާ ކުރިމަތިލާންޖެހޭނެ ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ.
"މީގެ އިތުރުން މި ޕްރޮޖެކްޓް މިހާރު ރޭވިފައިވާ ގޮތުން މުސްތަޤުބަލުގައި މުޅި ޤައުމަށް ބޮޑެތި އެތައް ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ތަން ފެނޭ،" އެމަނިކުފާނު ވިދާޅުވި އެވެ. "އަޅުގަނޑުގެ އިލްތިމާސަކީ މި ޕްރޮޖެކްޓް މިހާރު ރޭވިފައިވާ ގޮތަށް ކުރިއަށް ނުގެންގޮސް ހުއްޓާލުން."

ސަރުކާރުން ބުނަނީ ރަސްމާލެ ދޫކޮށްލަނީ 99 އަހަރަށް ކަމަށެވެ. އެކަމަކު އަލައްބާރުގެ އީގަލް ހިލްސް ކުންފުނިން ބުނީ ރަސްމާލެއިން ފުރަތަމަ ލިބޭ 99 އަހަރުގެ ކުލީގެ މުއްދަތު ހަމަވުމުގެ ކުރިން އެތަން ވިއްކާލައިފި ނަމަ 99 އަހަރުގެ ކުލީގެ އާ މުއްދަތެއް ފެށޭނެ ކަމަށެވެ.
ދައުލަތުގެ ފައިސާއިން ފުށިދިއްގަރުފަޅު ހިއްކައިގެން ހަދަމުން އަންނަ ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ކޮމާޝަލް ޓާމްސްގައި ސޮއި ކުރީ ސެޕްޓެމްބަރު 21، ގަ އެވެ. އެ ޕްރޮޖެކްޓުގެ ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން މަސައްކަތް ކުރަނީ ނޮވެމްބަރު 11، ގަ އެވެ. އެއީ ރާއްޖޭގެ ޖުމްހޫރީ ދުވަހެވެ.
ރަސްމާލެ ވިއްކާލަން ސަރުކާރުން ޑީލެއް ހެދީ، އެތަނުގެ ވެލިފުކެއް އެންމެ ދުވަހަކަށް ނަމަވެސް ބޭރުގެ ބަޔަކަށް ކުއްޔަށް ނުވަތަ ހިލޭ ވެސް ނުދޭން ރައީސް މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވުމަށްފަހު އެވެ.
"އެތަނުން [ރަސްމާލެއިން] ހިއްކާ ކޮންމެ ބިމެއްގެ، ކޮންމެ ވެލިފުކަކީ ދިވެހި ރައްޔިތުންނަށް މިލްކުވާ ވެލިފުކެއް. އެއްވެސް ބޭރު ފަރާތަކަށް އެންމެ ދުވަހަކަށް ވެސް ކުއްޔަށް ދޭން، ނޫނީ ހިލޭ ވެސް ލިބޭނެ ބިމެއްނޫން، ދެން އެތަނުން ހިކިގެން ދާނީކީއެއް،" މުއިއްޒު ވިދާޅުވެފައިވެ އެވެ.











