ހުވަދޫ އަތޮޅުގައި 22 އަހަރުގެ އަންހެނަކަށާއި ކުޑަކުދިންތަކަކަށް ބަޔަކު ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އަޕާ ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 22 އަހަރުގެ އަންހެނަކަށް ބަޔަކު ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އިއްޔެ ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް، ކުޑަކުދިންތަކަކަށް ވެސް ޖިންސީ ގޯނާކޮށް އެކްސްޕްލޮއިޓުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި ކުޑަކުދިންތަކެއް ހިމެނޭތީ އެ ހާދިސާ ހިނގައިދިޔަ ރަށާއި އަތޮޅު ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި، އެ މައްސަލައިގައި މިހައިތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް، އެ މީހާގެ ވެސް ވަނަވަރު ފުލުހުން ހާމައެއް ނުކުރެ އެވެ.

އަޕާ ސައުތު ޕޮލިސްގައި ހިމެނޭ ދެ އަތޮޅަކީ ގއ އާއި ގދ. އެވެ. އެ ދެ އަތޮޅުގައި ފުލުހުންގެ 10 މަރުކަޒު ހުރެ އެވެ.












