ދުނިޔޭގެ ހުރިހާ ދީންތަކެއް ހިމާޔަތްކޮށް، އެއްވެސް ދީނަކާ ދެކޮޅުވެއްޖެ ދިވެއްސަކަށް ހަރުކަށި އަދަބު ދޭން ތައްޔާރު ކުރި ބިލުގެ ފުރަތަމަ ކިޔުން ދެ ވަނަ ފަހަރަށް މަޖިލީހުގައި އެޖެންޑާ ކުރުމަށްފަހު އެޖެންޑާއިން ނަގައިފި އެވެ.
އެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން ފުރަތަމަ ތާވަލު ކުރީ މިއަދަށެވެ. އެކަމަކު ރޭ ދަންވަރު އެ އައިޓަމް އެޖެންޑާއިން ނެގީ އެވެ. މިއަދު މެންދުރު ފަހު ދެ ވަނަ ފަހަރަށް އެ ބިލު އެޖެންޑާ ކުރީ މާދަމާއަށެވެ. އެކަމަކު މާދަމާގެ އެޖެންޑާއިން ވެސް އެ ބިލުގެ ފުރަތަމަ ކިޔުން މިހާރު ވަނީ އުނިކޮށްފަ އެވެ.
މި ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ. ބިލު ހުށަހަޅާ ސަބަބެއް ކަމަށް ބުނެފައިވަނީ ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާއާ އެއްގޮތަށް ގަތުލުއާންމު ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމެވެ.
ނަމަވެސް ބިލުގައި ބަޔާންކޮށްފައިވާ އިބާރާތްތައް ހުރި ގޮތުން، ވަކި ދީނަކަށް ނުވަތަ ނަސްލަކަށް ނިސްބަތްވާ ބަޔަކާ ދެކޮޅަށް އަޑުއުފުލުން މަނާކުރެވި، އިސްރާއީލުގެ ޒަޔަނިސްޓުންނާ ދެކޮޅަށް ރާއްޖޭގައި ހިންގާ ހަރަކާތްތަކާއި ދެކޮޅުވެރިކަމުގެ އަޑުތައް ހުއްޓުވަން ވެސް މި މާއްދާ ނަހަމަ ގޮތުގައި މާނަކުރުމުގެ ފުރުސަތު ބޮޑުކަމަށް ފާހަގަކުރެވެ އެވެ.
ބިލުގައި ބުނަނީ ވަކި ގައުމަކަށް، ނަސްލަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ޖަމާއަތަކާ ދެކޮޅަށް ސީދާ ގޮތުގައި އަދި ފާޅުގައި ގޮވާލުމަކީ ކުށެއް ކަމަށެވެ.

މި ބަދަލުގެ ދަށުން ގަތުލުއާންމުގެ އަމަލެއް ހިންގުމަކީ ޖިނާޔަތުގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ. ގާނޫނުލްއުގޫބާތުގައި މި ދަރަޖައިގެ ކުށަކަށް ކަނޑައެޅޭ އަސާސީ އަދަބަކީ 10 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ. އަދި އެފަދަ ކަމަކަށް ގޮވާލާ އާންމު ފަރުދުންނަށް ޖިނާޔަތުގެ 2 ވަނަ ދަރަޖައިގެ ދަށުން 10 އަހަރާ ހަމައަށް ޖަލު އަދަބު ކަނޑައެޅޭނެ އެވެ.
މީގެ އިތުރުން ވެރިއެއްގެ އަމުރަށް ކިޔަމަންވުމަކީ ނުވަތަ ގާނޫނަކުން ހުއްދަކުރާ ކަމަކަށް ވިޔަސް މި ކުށުން ސަލާމަތްވާނެ ދިފާއެއް ނޫން ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އަދި ދައުލަތުގެ ވެރިއަކަށް ވިޔަސް މި މާއްދާގެ ދަށުން އެއްވެސް އިމްތިޔާޒެއް ނުލިބޭނެ އެވެ.
ސަރުކާރުން ބުނަނީ ރަސްމާލެ ދޫކޮށްލަނީ 99 އަހަރަށް ކަމަށެވެ. އެކަމަކު އަލައްބާރުގެ އީގަލް ހިލްސް ކުންފުނިން ބުނީ ރަސްމާލެއިން ފުރަތަމަ ލިބޭ 99 އަހަރުގެ ކުލީގެ މުއްދަތު ހަމަވުމުގެ ކުރިން އެތަން ވިއްކާލައިފި ނަމަ 99 އަހަރުގެ ކުލީގެ އާ މުއްދަތެއް ފެށޭނެ ކަމަށެވެ.
ދައުލަތުގެ ފައިސާއިން ފުށިދިއްގަރުފަޅު ހިއްކައިގެން ހަދަމުން އަންނަ ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ކޮމާޝަލް ޓާމްސްގައި ސޮއި ކުރީ ސެޕްޓެމްބަރު 21، ގަ އެވެ. އެ ޕްރޮޖެކްޓުގެ ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން މަސައްކަތް ކުރަނީ ނޮވެމްބަރު 11، ގަ އެވެ. އެއީ ރާއްޖޭގެ ޖުމްހޫރީ ދުވަހެވެ.
ރަސްމާލެ ވިއްކާލަން ސަރުކާރުން ޑީލެއް ހެދީ، އެތަނުގެ ވެލިފުކެއް އެންމެ ދުވަހަކަށް ނަމަވެސް ބޭރުގެ ބަޔަކަށް ކުއްޔަށް ނުވަތަ ހިލޭ ވެސް ނުދޭން ރައީސް މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވުމަށްފަހު އެވެ.
"އެތަނުން [ރަސްމާލެއިން] ހިއްކާ ކޮންމެ ބިމެއްގެ، ކޮންމެ ވެލިފުކަކީ ދިވެހި ރައްޔިތުންނަށް މިލްކުވާ ވެލިފުކެއް. އެއްވެސް ބޭރު ފަރާތަކަށް އެންމެ ދުވަހަކަށް ވެސް ކުއްޔަށް ދޭން، ނޫނީ ހިލޭ ވެސް ލިބޭނެ ބިމެއްނޫން، ދެން އެތަނުން ހިކިގެން ދާނީކީއެއް،" މުއިއްޒު ވިދާޅުވެފައިވެ އެވެ.












