އިޒްރޭލާއި ޒަޔަނިސްޓުންނާ އާދަޔާހިލާފު ގުޅުމެއް އޮންނަ ޔޫއޭއީގެ މުހައްމަދު އަލައްބާރަށް ރަސްމާލެ ވިއްކާލަން އުޅޭ ޕްލޭނަށް ދިވެހި ސިފައިންގެ ރުހުން ހޯދުމަށްޓަކައި، ބަންޑާރަކޮށި ތަރައްގީކޮށް ސިފައިންނަށް ފްލެޓު ދޭން ފެށުމުގެ އަމަލީ މަސައްކަރް ފަށަން ތައްޔާރުވެއްޖެ އެވެ.
ސިފައިންނަށް ފްލެޓު ދޭން އުޅޭކަން އިއުލާނު ކުރީ އެމްއެންޑީއެފް އިން މިއަދު ނެރުނު ބަޔާނެއްގަ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ބަނޑޭރި ކޮށި އެކެއް އަދި ބަނޑޭރިކޮށި ދޭއް ތަރައްގީ ކުރުުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.
"މިގޮތުން ސިފައިންނާއި ފުލުހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ބަނޑޭރިކޮށި 1 އަދި 2 އަލުން ތަރައްގީކޮށް، ވީހާވެސް ގިނަ ޢަދަދެއްގެ ސިފައިންނަށާއި ފުލުހުންނަށް، ހިދުމަތުގެ މުއްދަތުގައި، ބޯހިޔާވަހިކަން ލިބިދެވޭނެގޮތަށް ގިނަ އެޕާޓްމަންޓްތަކެއް ބިނާކުރުމުގެ މަސައްކަތް މި ދަނީ ކުރަމުން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ސިފައިން ބުނީ ބަންޑާރަކޮށި ތަރައްގީ ކުރާއިރު ވަގުތީ ގޮތުން އެތަނުގައި ދިރިއުޅޭ ސިފައިން އެތަނުން ބޭރު ކުރާނެ ކަމަށެވެ. އެކަމަކު، އެތަން ތަރައްގީކޮށް ނިމުމުން ގިނަ އަދަދެއްގެ ސިފައިންނަށް އެޕާޓްމަންޓު ލިބޭނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"މި މަޝްރޫއު ނިމޭއިރު މިހާރު ބަނޑޭރިކޮށީގައި ދިރިއުޅެމުންދާ ފަރާތްތަކުގެ އިތުރުން ހިދުމަތުގައި ތިބި ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުންނަށް ބޯހިޔާވަހިކަން ލިބޭނެ މަގު ފަހިވެގެންދާނެ،" ސިފައިން ބުންޏެވެ.

ރަސްމާލެ ވިއްކާލުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ގެންދިޔުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
ސަރުކާރުން ބުނަނީ ރަސްމާލެ ދޫކޮށްލަނީ 99 އަހަރަށް ކަމަށެވެ. އެކަމަކު އަލައްބާރުގެ އީގަލް ހިލްސް ކުންފުނިން ބުނީ ރަސްމާލެއިން ފުރަތަމަ ލިބޭ 99 އަހަރުގެ ކުލީގެ މުއްދަތު ހަމަވުމުގެ ކުރިން އެތަން ވިއްކާލައިފި ނަމަ 99 އަހަރުގެ ކުލީގެ އާ މުއްދަތެއް ފެށޭނެ ކަމަށެވެ.
ދައުލަތުގެ ފައިސާއިން ފުށިދިއްގަރުފަޅު ހިއްކައިގެން ހަދަމުން އަންނަ ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ކޮމާޝަލް ޓާމްސްގައި ސޮއި ކުރީ ސެޕްޓެމްބަރު 21، ގަ އެވެ. އެ ޕްރޮޖެކްޓުގެ ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން މަސައްކަތް ކުރަނީ ނޮވެމްބަރު 11، ގަ އެވެ. އެއީ ރާއްޖޭގެ ޖުމްހޫރީ ދުވަހެވެ.
ރަސްމާލެ ވިއްކާލަން ސަރުކާރުން ޑީލެއް ހެދީ، އެތަނުގެ ވެލިފުކެއް އެންމެ ދުވަހަކަށް ނަމަވެސް ބޭރުގެ ބަޔަކަށް ކުއްޔަށް ނުވަތަ ހިލޭ ވެސް ނުދޭން ރައީސް މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވުމަށްފަހު އެވެ.
"އެތަނުން [ރަސްމާލެއިން] ހިއްކާ ކޮންމެ ބިމެއްގެ، ކޮންމެ ވެލިފުކަކީ ދިވެހި ރައްޔިތުންނަށް މިލްކުވާ ވެލިފުކެއް. އެއްވެސް ބޭރު ފަރާތަކަށް އެންމެ ދުވަހަކަށް ވެސް ކުއްޔަށް ދޭން، ނޫނީ ހިލޭ ވެސް ލިބޭނެ ބިމެއްނޫން، ދެން އެތަނުން ހިކިގެން ދާނީކީއެއް،" މުއިއްޒު ވިދާޅުވެފައިވެ އެވެ.











