އިޒްރޭލާއި ޒަޔަނިސްޓުންނާ ގާތް ގުޅުމެއް އޮންނަ ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ މުހައްމަދު އަލައްބާރަށް ރަސްމާލެ ވިއްކާލުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބާއި ބަންޑާރަނައިބު އަހުމަދު އުޝާމް ރޭ މެލޭޝިޔާއަށް ފުރާވަޑައިގެންފި އެވެ.
އުޝާމް އާއި މުއްތަލިބު މެލޭޝިޔާއަށް ވަޑައިގެންނެވިކަން އަދަދު އަށް ވަނީ ކަށަވަރުވެފަ އެވެ. ނަމަވެސް އެ ދެބޭފުޅުންގެ އޮފީހުން އެކަމާ ގުޅޭ ކޮމެންޓެއް ކޮށްފައެއް ނުވެ އެވެ.
އީގަލް ހިލްސްއަށް ރަސްމާލެ ވިއްކާލުމުގެ ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރީ މުއްތަލިބެވެ. އެ އެގްރިމެންޓުގައި ސޮއި ކުރީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ ބާރު ހިނގާ ސަރަހައްދުން ބޭރުގައި، ޑުބާއީގަ އެވެ.
ރަސްމާލެ ޕްރޮޖެކްޓު ކެބިނެޓަށް ހުށަހެޅުމުން، އުޝާމް ވަނީ އެކަމާ ގުޅިގެން ސަރުކާރަށް ގާނޫނީ ލަފާ ދެއްވައިފަ އެވެ.
ރަސްމާލެ ޕްރޮޖެކްޓު ކުރިއަށްގެންދިޔުން ދިވެހިރާއްޖޭގެ ގާނޫނުތަކުން ހުއްދަ ނުދޭތީ އެ ޕްރޮޖެކްޓަށް މަގުފަހި ކުރަން ގާނޫނުތަކެއް ހަދާ ވާހަކަ އުޝާމް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

"އޭގައި [ލަފާގައި] އޮންނާނީ އެގްރިމެންޓުގައި ބަދަލު ކުރަންޖެހޭ ކަންކަން. ގާނޫނުއަސާސީއާ ހިލާފު އެއްވެސް ކަމެއް އޭގައި [އެގްރިމެންޓުގައި] ނުވެސް ނެތް އަސްލު... އޭގައި [ލަފާގައި] ހުންނާނެ ވަރަށް ގިނަ ކަންކަން. މިހާރު އެގްރިމެންޓެއްގައި ލަފަޔެއް ދޭއިރު ހުންނާނެތާ ވަރަށް ގިނަ ކަންކަން ބަދަލު ކުރަންޖެހޭ،" އުޝާމް ވިދާޅުވި އެވެ.
ސަރުކާރުން ބުނަނީ ރަސްމާލެ ދޫކޮށްލަނީ 99 އަހަރަށް ކަމަށެވެ. އެކަމަކު އަލައްބާރުގެ އީގަލް ހިލްސް ކުންފުނިން ބުނީ ރަސްމާލެއިން ފުރަތަމަ ލިބޭ 99 އަހަރުގެ ކުލީގެ މުއްދަތު ހަމަވުމުގެ ކުރިން އެތަން ވިއްކާލައިފި ނަމަ 99 އަހަރުގެ ކުލީގެ އާ މުއްދަތެއް ފެށޭނެ ކަމަށެވެ.
ދައުލަތުގެ ފައިސާއިން ފުށިދިއްގަރުފަޅު ހިއްކައިގެން ހަދަމުން އަންނަ ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ކޮމާޝަލް ޓާމްސްގައި ސޮއި ކުރީ ސެޕްޓެމްބަރު 21، ގަ އެވެ. އެ ޕްރޮޖެކްޓުގެ ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން މަސައްކަތް ކުރަނީ ނޮވެމްބަރު 11، ގަ އެވެ. އެއީ ރާއްޖޭގެ ޖުމްހޫރީ ދުވަހެވެ.
ރަސްމާލެ ވިއްކާލަން ސަރުކާރުން ޑީލެއް ހެދީ، އެތަނުގެ ވެލިފުކެއް އެންމެ ދުވަހަކަށް ނަމަވެސް ބޭރުގެ ބަޔަކަށް ކުއްޔަށް ނުވަތަ ހިލޭ ވެސް ނުދޭން ރައީސް މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވުމަށްފަހު އެވެ.
"އެތަނުން [ރަސްމާލެއިން] ހިއްކާ ކޮންމެ ބިމެއްގެ، ކޮންމެ ވެލިފުކަކީ ދިވެހި ރައްޔިތުންނަށް މިލްކުވާ ވެލިފުކެއް. އެއްވެސް ބޭރު ފަރާތަކަށް އެންމެ ދުވަހަކަށް ވެސް ކުއްޔަށް ދޭން، ނޫނީ ހިލޭ ވެސް ލިބޭނެ ބިމެއްނޫން، ދެން އެތަނުން ހިކިގެން ދާނީކީއެއް،" މުއިއްޒު ވިދާޅުވެފައިވެ އެވެ.











