އިންޑިއާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ޓެމިލް ނާޑޫގައި އަލަށް ހުޅުވި ބޮޑު ކުތުބުޚާނާއަކަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ފޮތްތަކެއް ގަނެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފެންމަތިވެ، އެކަން ތަހުގީގު ކުރުމަށް އިންޑިއާގެ ކޯޓަކުން އަމުރުކޮށްފި އެވެ.
މި މައްސަލައިގައި މެޑްރާސް ހައިކޯޓުން ވަނީ އެ ސްޓޭޓްގެ އެންޓި-ކޮރަޕްޝަން އެޖެންސީއަށް މި މުއާމަލާތްތައް ތަހުގީގު ކުރުމަށާއި، ފޮތްތައް ސަޕްލައިކުރި ޕަބްލިޝަރާ ގުޅުންހުރި ބޭންކް އެކައުންޓްތައް ހިފެހެއްޓުމަށް އަމުރުކޮށްފަ އެވެ.
މި ބޮޑު ފަޟީހަތް ފެންމަތިވީ ކޮއިމްބަތޫރު ސިޓީގައި އަލަށް ހުޅުވި "ޕެރިޔާރު އަރިވުލަގަމް" ކުތުބުހާނާގައި ހުރި ބައެއް ފޮތްތަކަކީ ސައްހަ ނޫން މައުލޫމާތާއި، ކާކުކަން ނޭނގޭ މުސައްނިފުން ލިޔެފައިވާ ފޮތްތަކެއް ކަމަށް ބުނެ މަޝްހޫރު ލިޔުންތެރިޔާ ޕެރުމާލް މުރުގަން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ.
ގާތްގަނޑަކަށް ތިން ބިލިއަން ރޫޕީސް ހޭދަކޮށްގެން ބިނާކުރި މި ކުތުބުހާނާ މިދިޔަ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހު ހުޅުވައިދެއްވީ ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރު ސީ. ޖޯސެފް ވިޖޭ އެވެ.
ޓެމިލް ނާޑޫގެ ސްކޫލް އެޑިއުކޭޝަން މިނިސްޓަރު އޭ. ރާޖްމޯހަން މި މައްސަލަ ސިފަކުރައްވާފައިވަނީ އިންޑިއާގައި ހިންގި ފުރަތަމަ "އޭއައި ސްކޭމް" ނުވަތަ އޮޅުވާލުމުގެ ގޮތުގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މި ތަހުގީގު އެ ސްޓޭޓްގެ އެހެން ކުތުބުހާނާތަކަށް ވެސް ފުޅާކުރެވޭނެ އެވެ. މިހާތަނަށް ކުރެވުނު ތަހުގީގުތަކުން ޗެންނާއީގެ ތާރީހީ ކޮނެމާރާ ޕަބްލިކް ލައިބްރަރީން ވެސް ސައްހަކަމާ މެދު ސުވާލު އުފެދޭ 523 ފޮތެއް ވަނީ ނެރެފަ އެވެ.
ލިޔުންތެރިޔާ މުރުގަން ފާހަގަކުރެއްވި ގޮތުގައި، "އަގަލް ވިލައްކު ޕަތިއްޕަގަމް" ކިޔާ ކުޑަ ޕަބްލިޝަރަކުން ސަޕްލައިކުރި ގާތްގަނޑަކަށް 1،800 ފޮތެއްގައި ގިނަ މައްސަލަތަކެއް ހުއްޓެވެ. އޭގެ ތެރޭގައި ފޮތްތަކުގެ އަގު އާދަޔާ ހިލާފަށް ބޮޑުވުމާއި، އައިއެސްބީއެން ނަންބަރުތަކުގެ ސައްހަކަމާ މެދު ސުވާލު އުފެދުމާއި، ތާރީހީ ހަގީގަތްތަކާ ހިލާފު މައުލޫމާތު ހިމެނެ އެވެ. މިސާލަކަށް، ތަމަޅަ އަދަބިއްޔާތުގެ މަޝްހޫރުޅެން ފޮތެއް ކަމަށްވާ "ނަލަދިޔާރު" އަކީ ޅެންވެރިއެއްގެ ނަން ކަމަށް ބައެއް ފޮތްތަކުގައި ބުނެފައިވެއެވެ. މީގެ އިތުރުން، މަޝްހޫރު އިގްތިސާދު އިލްމުވެރިޔާ ޖީން ޑްރޭޒްގެ ނަމުގައި ލިޔެފައިވާ ފޮތެއް ފެނިފައިވާއިރު، އޭނާ ވަނީ އެއީ އޭނާ ލިޔުނު ފޮތެއް ނޫން ކަމަށް ބުނެފަ އެވެ.
މި މައްސަލައާ ގުޅިގެން 160 އަށް ވުރެ ގިނަ ލިޔުންތެރިންނާއި، ދިރާސާވެރިން އަދި އެކަޑަމީގެ ބޭފުޅުން ވަނީ ގުޅިފައިވާ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި އެދިފައިވަނީ މިކަމުގެ މިނިވަން ތަހުގީގެއް ހިންގުމަށާއި، ފޮތްތައް ގަތުމުގައި އަމަލުކުރި ގޮތުގެ ރެކޯޑްތައް އާންމުކުރުމަށެވެ. އަދި ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ނަމަ އެ ފައިސާ އަނބުރާ ހޯދުމަށް ވެސް އެ ފަރާތްތަކުން ވަނީ ގޮވާލާފަ އެވެ.
މި މައްސަލައިގައި ސިޔާސީ ބަހުސްތަކެއް ވެސް ވަނީ އުފެދިފައެވެ. މިހާރުގެ ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި މި ފޮތްތައް ގަތުމަށް އަމުރުކޮށްފައިވަނީ ކުރީގެ ޑީއެމްކޭ ސަރުކާރުންނެވެ. ނަމަވެސް ޑީއެމްކޭ އިން ވަނީ މި ތުހުމަތުތައް ދޮގުކޮށް، މިއީ ސިޔާސީ ބޭނުމެއްގައި ކުރާ ތުހުމަތުތަކެއް ކަމަށް ބުނެފަ އެވެ.
މި ހާދިސާއަކީ އޭއައި ބޭނުންކޮށްގެން ވަރަށް އަވަހަށް އަދި އަގުހެޔޮކޮށް ފޮތްތައް އުފެއްދުމުގެ ގާބިލްކަން ލިބިފައިވާ މި ޒަމާނުގައި، ކުތުބުހާނާތަކާއި ޕަބްލިޝަރުންނަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި މާހިރުން ފާހަގަކުރެ އެވެ. އޭއައި މެދުވެރިކޮށް އުފައްދާ ފޮތްތަކުގައި ދޮގު މައުލޫމާތާއި، ހަދައިގެން ލިޔެފައިވާ ހެކިތައް ހިމެނުމުގެ ނުރައްކާ އޮތްކަން މި މައްސަލައިން ވަނީ ހާމަވެފަ އެވެ.








