ސަރުކާރުން ކައުންސިލްގެ 14 ބިމެއް އަތުލުމުން މޭޔަރު އާޒިމް ފާޑުވިދާޅުވެއްޖެ

Oct 16, 2026, 7:29 AM
އާދަމް އާޒިމް

އާދަމް އާޒިމް

މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި 14 ބިމެއް ސަރުކާރަށް ނެގުމަށް ނިންމި ނިންމުމާ ގުޅިގެން، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.  އާޒިމް ވިދާޅުވީ އެމްޑީޕީން އަލުން ވެރިކަމަށް އައިސް ކައުންސިލްތަކުގެ ބާރުތައް އިއާދަކޮށްދޭނެ ކަމަށެވެ.

ސަރުކާރުގެ މި ނިންމުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާޒިމް ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ރައްޔިތުން ބާރުވެރިކުރުވުމަށް އޮތް ނިޒާމެއް ކަމަށާއި، އެއީ ރައްޔިތުންގެ ކިބައިން ބާރުތައް އަތުލުމަށް އޮތް ނިޒާމެއް ނޫން ކަމަށެވެ. ކައުންސިލްތަކުން ރައްޔިތުންނަށް ފުރިހަމައަށް ހިދުމަތް ދިނުމަށްޓަކައި ބޭނުންވާ ބާރުތަކާއި، ވަސީލަތްތަކާއި މިނިވަންކަން ކައުންސިލްތަކަށް ލިބެންޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އާޒިމް އިތުރަށް ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުން ކައުންސިލްތަކުގެ ބިންތަކާއި ބަޖެޓު ފަދަ މުހިންމު ވަސީލަތްތައް އަތުލަމުންދާ ކަމަށާއި، މިއީ ގާނޫނުއަސާސީން ކައުންސިލްތަކަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް އެޅޭ ހުރަހެއް ކަމަށެވެ. އަދި މި އަމަލުތަކުގެ ސަބަބުން ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ މުސްތަގުބަލާ މެދު ސީރިއަސް ސުވާލުތަކެއް އުފެދޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ޑރ. މުއިއްޒުގެ ސަރުކާރުން ވަނީ ކައުންސިލްތަކުގެ ގާނޫނީ އަސާސީ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ މުހިންމު ވަސީލަތްތައް، އޭގެ ތެރޭގައި ބިމާއި ބަޖެޓު ފައިސާ ހިމެނޭ ގޮތަށް ނިގުޅައިގެންފަ. މި އަމަލުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ މުސްތަގުބަލާމެދު ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި،" އާޒިމް ވިދާޅުވި އެވެ. 

ސަރުކާރުން އަތުލުމަށް ނިންމާފައިވާ ބިންތަކުގެ ތެރޭގައި މާލޭގެ މަސް މާރުކޭޓާއި، އާޓިފިޝަލް ބީޗާއި، ރަސްފަންނު އަދި ސަލްޓަން ޕާކު ހިމެނެއެވެ. މީގެ އިތުރުން މާލޭގެ އިރުދެކުނު ފަރާތުގައި އޮންނަ ތައިސޭ ކޮށްޓާއި، ކައުންސިލްގެ މުވައްޒަފުން ތިބޭ އެކަމޮޑޭޝަން ބްލޮކް ވެސް ސަރުކާރަށް ނެގުމަށް ވަނީ ނިންމާފައެވެ. ހައުސިން މިނިސްޓްރީން ބުނެފައިވަނީ މި ބިންތައް ނަގަނީ މާލެއާއި ވިލިމާލޭގެ އާބާދީއަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި އިންފްރާސްޓްރަކްޗާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ.

މި ބިންތައް ސަރުކާރަށް ނެގުމުގެ ފުރުސަތު ލިބުނީ މިދިޔަ މަހު ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހަކާ ގުޅިގެންނެވެ. އެ އިސްލާހުގައިވާ ގޮތުން ކެބިނެޓުން ނިންމައިފި ނަމަ، ތަރައްގީގެ މަޝްރޫއުތަކަށް ރަށްރަށުގެ ބިންތައް ސަރުކާރަށް ނެގުމުގެ ބާރު ލިބިގެންވެ އެވެ.

މޭޔަރު އާޒިމް ވިދާޅުވީ އެމްޑީޕީން އަލުން ވެރިކަމަށް އަންނަ ދުވަހަކުން، ކައުންސިލްތަކުގެ ކިބައިން އަތުލާފައިވާ ހުރިހާ ހައްގުތަކާއި ވަސީލަތްތައް އިއާދަކޮށްދޭނެ ކަމަށެވެ. އަދި ކައުންސިލްތަކަށް މިހާރަށްވުރެ ބޮޑެތި ބާރުތަކާއި މިނިވަންކަން ދޭނެ ކަމަށްވެސް އޭނާ ވައުދުވެވަޑައިގަތެވެ. ވަރުގަދަ ކައުންސިލްތަކަކީ ބާރުވެރި މުޖުތަމައުއަކާއި، ވަރުގަދަ ލޯކަލް ޑިމޮކްރަސީއެއްގެ ބިންގާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"އެމްޑީޕީ އަލުން ވެރިކަމަށް އައުމުން، ލޯކަލް ކައުންސިލްތަކުގެ އަތުން ނިގުޅައިގަނެވިފައިވާ ހައްގުތަކާއި ވަސީލަތްތައް އަނބުރާ އިއާދަކޮށްދޭނަން. އަދި އެއަށްވުރެ ވެސް ކުރިއަށް ގޮސް، އެ ކައުންސިލްތަކަށް އިތުރު ބާރުތަކާއި، މަސްއޫލިއްޔަތުތަކާއި، އަދި މިނިވަންކަން ކަށަވަރުކޮށްދޭނަން،" އާޒިމް ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލާއި ސަރުކާރާ ދެމެދު އޮތް ގުޅުން ގޯސްވެފައިވަނީ ހަމައެކަނި ބިންތަކުގެ މައްސަލައިގައެއް ނޫނެވެ. މިދިޔަ ސެޕްޓެމްބަރު މަހު އާޒިމް ވަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނައި ބަދަލުތަކުގެ ސަބަބުން އުޅަނދުފަހަރުގެ ފީން ކައުންސިލަށް ލިބޭ އާމްދަނީ ހުއްޓިފައިވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. މީގެ އިތުރުން، މުނިސިޕަލް ހިދުމަތްތަކުގެ ބާރުތައް ކުޑަކުރުމަށާއި މަޝްރޫއުތަކުގެ ލިޔެކިޔުންތައް ހިފަހައްޓަމުންދާ ކަމަށްވެސް ކައުންސިލުން ވަނީ ތުހުމަތުކޮށްފަ އެވެ.

ޕީޕީއެމް/ޕީއެންސީގެ ކުރީގެ ވެރިކަމުގައި ވެސް މާލޭ ސިޓީ ކައުންސިލްގެ ބާރުތައް ކުޑަކޮށް ބައެއް ބިންތައް އަތުލި އެވެ. އޭރު ހައުސިން މިނިސްޓަރަކަށް ހުންނެވީ މުއިއްޒު އެވެ.  ނަމަވެސް 2019 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުން ވަނީ ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދީފަ އެވެ.

މޭޔަރު އާޒިމްގެ މި ވާހަކަތަކާ ގުޅިގެން ސަރުކާރުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox