ބާބުލް މަންދަބުގެ ކޮންޓްރޯލް ޔަމަން ސަރުކާރު ފައުޖުތަކުން ހޯދައިފި

Oct 7, 2026, 8:30 AM
ފޮޓޯ: އޭއެފްޕީ

ފޮޓޯ: އޭއެފްޕީ

އީރާނުގެ އެހީއާއެކު ހަރަކާތްތެރިވާ ހޫތީންނާ ދެކޮޅަށް ފެށި ބޮޑު އަސްކަރީ އޮޕަރޭޝަނާއެކު، ރަތްކަނޑުގެ ދެކުނު ބިތުގައި އޮންނަ ބާބުލް މަންދަބު ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދާފައިވާ ކަމަށް ސައުދީ އަރަބިއްޔާގެ ތާއީދު އޮންނަ ޔަމަނުގެ ސަރުކާރު ކޯލިޝަންނުން ބުނެފި އެވެ.

ޔަމަނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސައުދީގެ ވައިގެ ހަމަލާތަކުގެ އެހީތެރިކަމާއެކު، ރަތްކަނޑުގެ އައްސޭރިފަށުގައި އޮންނަ މުހިންމު ސިޓީއެއް ކަމަށްވާ މޯކާ، ހޯމަ ދުވަހުގެ މެންދުރުފަހު އެ ގައުމުގެ ސިފައިންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ނަމަވެސް، މި ޚަބަރާ ފުށުއަރާ މައުލޫމާތުތަކެއް ޔަމަނު ސަރުކާރާއި އަސްކަރިއްޔާގެ ނަން ހާމަނުކުރާ މަސްދަރުތަކުން ފަހުން ވަނީ ރޮއިޓާސް އަދި އޭއެފްޕީ ނިއުސް އެޖެންސީތަކަށް ދީފަ އެވެ. އެ މަސްދަރުތަކުން ބުނާ ގޮތުގައި ސަރުކާރުގެ ފޯސްތަކަށް އަދި ވަދެވުނީ އެ ސިޓީގެ ބޭރުގެ ސަރަހައްދުތަކަށެވެ.

ހޫތީން ވަނީ ބާބުލް މަންދަބާއި މޯކާގެ ކޮންޓްރޯލް ގެއްލުނު ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފަ އެވެ. އަދި ސައުދީން ދެމުންދާ ވައިގެ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، ސައުދީގެ ވެރިރަށް ރިޔާދުގެ އެއާޕޯޓަށާއި އެ ގައުމުގެ އެހެން ބައެއް ސަރަހައްދުތަކަށް ހަމަލާދީފައިވާނެ ކަމަށް ހޫތީން ބުނެފައިވެ އެވެ.

ސައުދީ އަރަބިއްޔާއިން ވަނީ ހޫތީންގެ އެ ހަމަލާތައް ކުށްވެރިކޮށްފަ އެވެ. އަދި ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ޔަމަނުގެ ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އދ. ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުންނަށް ސައުދީން އަނެއްކާވެސް ވަނީ ގޮވާލާފަ އެވެ.

މި ހަމަަނުޖެހުންތަކާ ގުޅިގެން، ސައުދީގެ ބައިވެރިން ކަމަށްވާ ތުރުކީ އާއި ޕާކިސްތާނުން ވަނީ ރިޔާދުގައި ކުއްލި ބައްދަލުވުމެއް ބާއްވާފަ އެވެ. ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި، "މައްކާ ޖޮއިންޓް ޑިފެންސް އެގްރީމަންޓް" އިސްކޮށް، ސައުދީ އަރަބިއްޔާގެ ދިފާއުގައި އެ ގައުމަށް އަސްކަރީ ފައުޖުތައް ފޮނުވުމަށް މި ބައްދަލުވުމުގައި ވަނީ އެއްބަސްވެފަ އެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ހޫތީން މެދުނުކެނޑި ދެމުންދާ ހަމަލާތައް ކުށްވެރިކުރައްވާފަ އެވެ. އޭއެފްޕީއަށް ދެއްވި ބަޔާނެއްގައި ގުޓަރޭޒް ވިދާޅުވީ، ޔަމަނުގައި ހަނގުރާމަ ވަރުގަދަވަމުންދާ ދިއުމާ މެދު އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ޔަމަނު ސަރުކާރުން ބުނި ގޮތުގައި، ހޯމަ ދުވަހު އެހެން ފްރަންޓްލައިންތަކުގައި ވެސް ވަނީ ހަނގުރާމަ ފަށާފަ އެވެ. އޭގެ ތެރޭގައި މީގެ 12 އަހަރު ކުރިން ދާޚިލީ ހަނގުރާމަ ފެށުނުއިރު ހޫތީންގެ ބާރުގެ ދަށަށް ދިޔަ ވެރިރަށް ސަނާ ވެސް ހިމެނެ އެވެ.

މި ހަނގުރާމައިގައި ސައުދީ އިސްވެ އޮންނަ އަސްކަރީ ކޯލިޝަނުން ބުނީ، އެ ކޯލިޝަނުގެ ފައިޓަރު ޖެޓުތަކުން ސަރުކާރުގެ ފައުޖުތަކަށް "24 ގަޑިއިރު" ވައިގެ މަގުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި މި އޮޕަރޭޝަން ފެށި ފަހުން ހޫތީންގެ މުހިންމު 324 އަމާޒަކަށް ހަމަލާދީ ހަލާކުކޮށްލާފައިވާ ކަމަށް ވެސް ކޯލިޝަނުން ބުނެ އެވެ.

ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ޔަމަނުގެ ޕްރެޒިޑެންޝަލް ލީޑަޝިޕް ކައުންސިލްގެ ވެރިޔާ އާދިއްތަ ދުވަހު ވަނީ "އޮޕަރޭޝަން ޔަމަން ޑޯން" ގެ ނަމުގައި ބޮޑު އަސްކަރީ ކެމްޕޭނެއް އިއުލާން ކުރައްވާފަ އެވެ. މި އޮޕަރޭޝަނުގެ މަގްސަދަކީ ހޫތީންގެ ބާރުގެ ދަށުގައި ހުރި ހުރިހާ ސަރަހައްދުތަކެއް އަނބުރާ ހޯދުމެވެ.

ކައުންސިލްގެ ރައީސް ރަޝާދު އަލް އަލީމީ ވިދާޅުވީ، މަޝްވަރާގެ މަގުން މައްސަލަ ހައްލުކުރުމަށް އޮތް ހުރިހާ ފުރުސަތެއް މިހާރު ގެއްލިފައިވާ ކަމަށެވެ. އަދި "ހޫތީ ޓެރަރިސްޓް މިލިޝިއާގެ" ކިބައިން ގައުމު މިނިވަން ވަންދެން، ހުރިހާ ފައުޖުތަކުން އެމީހުންނާ ހަވާލުކޮށްފައިވާ ޒިންމާތައް އަދާކުރުމަށް އޭނާ ގޮވާލެއްވި އެވެ.

ޔަމަނުގެ ދާޚިލީ ހަނގުރާމަ ފެށުނީ 2014 ވަނަ އަހަރު ހޫތީން ވެރިރަށް ސަނާއިން ސަރުކާރު ބޭރުކޮށްލުމާ ގުޅިގެންނެވެ. މި ހަނގުރާމަ އިތުރަށް ވަރުގަދަވީ 2015 ވަނަ އަހަރު، ސަރުކާރުގެ ބާރު އަލުން ގާއިމުކުރުމަށް ސައުދީ އިސްވެ އޮންނަ އަރަބި ގައުމުތަކުގެ ކޯލިޝަނުން މި ހަނގުރާމައިގެ ތެރެއަށް ވަނުމުންނެވެ.

ހަތަރު އަހަރަށް ދެމިގެންދިޔަ ނުރަސްމީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އުވާލީ މިދިޔަ ޖުލައި މަހު އެވެ. އެއީ ސައުދީ އަރަބިއްޔާއާ ދެކޮޅަށް "ކަނޑުގެ މަގުން ދަތުރުފަތުރު ކުރުން މަނާކުރާ" ކަމަށް ހޫތީން އިއުލާންކޮށް، ސައުދީގެ އެއާޕޯޓުތަކާއި، ތެޔޮ ވަސީލަތްތަކާއި، ރަތްކަނޑުން ދަތުރުކުރާ ތެޔޮ ޓޭންކަރުތަކަށް މިސައިލާއި ޑްރޯން ހަމަލާ ދޭން ފެށުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox