މެލޭޝިއާގައި ކުރިއަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި މިއަދު ޗައިނާ އަތުން 10 ވިކެޓުން މޮޅުވެއްޖެ އެވެ.
މެލޭޝިއާގެ ކުއަލަ ލަމްޕޫރުގެ ބުއޭޔަސް އޯވަލްގައި ކުރިއަށްދިޔަ މެޗުގެ ޓޮސް ދިމާވުމުން ޗައިނާ އިން ނިންމީ ކުޅެން އަރާށެވެ. އެ ގޮތުން، ޗައިނާ އިން ފުރަތަމަ ކުޅެން އަރައި 20 އޯވަރުގެ ތެރެއިން، 16.3 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 96 ލަނޑެވެ. ޖަވާބުގައި ރާއްޖޭން ކުޅެން އަރައި، 10.1 އޯވަރުގެ ތެރޭގައި 100 ލަނޑު ހަދައި މެޗުން މޮޅުވީ އެވެ.
ރާއްޖެ އަށް މި މެޗުގައި އެންމެ މޮޅު ކުޅުމެއް ދެއްކީ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި، ޔޫސުފް އަޒްޔާން ފަރުހަތު އެވެ. ކުޅެން އަރައި 33 ބޯޅައިން އަޒްޔާން ވަނީ 52 ލަނޑު ހަދައިފަ އެވެ. މެލޭޝިއާގެ ސްޓޭޓް ލެވަލް ކްރިކެޓް މުބާރާތުގައި ވެސް މި ފަހުން ތަފާތު ދެއްކި އަޒްޔާން ވަނީ، މިއަދުގެ މެޗުގައި ޗައިނާގެ އިނިންސްގައި، ތިން ވިކެޓް ވެސް ނަގައިފަ އެވެ.

އަޒްޔާނާ އެކު ޕާޓްނަޝިޕްގައި ހުރި މުހައްމަދު ރިޝްވާން ވަނީ 44 ބޯޅައިން 29 ލަނޑު ހަދައިފަ އެވެ.
ރާއްޖޭން އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް ކޮލިފައިންގައި ކުޅެން އައި ލަންކާގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފަ އެވެ.
ރާއްޖެ ހިމެނެނީ ކޮލިފައިން ގްރޫޕް ބީގަ އެވެ. ދެން، އެ ގްރޫޕްގައި އޮތީ ޗައިނާ، ސައުދީ އަރަބިއްޔާ، ސިންގަޕޫރު، މެލޭޝިއާ، ހޮންގް ކޮންގް އެވެ. ކޮންމެ ގްރޫޕަކުން ވެސް އެއް ވަަނަ އާއި ދެ ވަނަ ރީޖަނަލް ފައިނަލްސް އަށް ހޮވޭއިރު، ގްރޫޕް އޭގައި ވާދަކުރަނީ، ބަހުރެއިން، ކުވެއިތު، މޮންގޯލިއާ، މިޔަންމާ، ގަތަރު އަދި ތައިލެންޑް އެވެ.
ރާއްޖޭން ކޮލިފައިން ދެ ވަނަ މެޗުގައި, މި މަހު ނުވަ ވަނަ ދުވަހު ސިންގަޕޫރާ ކުޅުމަށް ފަހު, 11 ވަނަ ދުވަހު މެލޭޝިއާއާ ވާދަކުރާނެ އެވެ. އަންނަ މަހު 12 ވަނަ ދުވަހު ހޮންގް ކޮންގާ ކުޅުމަށް ފަހު، ގްރޫޕްގެ ފަހު މެޗުގައި 14 ވަނަ ދުވަހު ސައުދީ އަރަބިއްޔާއާ ވާދަކުރާނެ އެވެ.
މި ފަހަރުގެ ކޮލިފައިންގައި ރާއްޖޭން ވާދަ މި ކުރަނީ ގައުމީ ކްރިކެޓް ޓީމުން ދާދި ފަހުން ކޯޗަކަށް ގެނައި އަފްގާނިސްތާންގެ އަސަދުﷲ ހާން (އަސަދު)ގެ ބެލުމުގެ ދަށުންނެވެ.

މި ފަަހަރުގެ ކޮލިފައިންގައި ރާއްޖޭގެ ކެޕްޓަނަކީ ހަސަން ހާޒިގެވެ. އަދި، ވައިސް ކެޕްޓަނަކީ ކުރިން ކެޕްޓަނަކަށް ވެސް ހުރި އަޒްޔާން އެވެ. ޓީމުގައި ދެން ހިމެނެނީ، މުހައްމަދު ރިޝްވާން، އިސްމާއިލް ނަޒްވާން، ހަރްޝާ އަމަރަސިންގޭ، އިގްބާލް ޝެރާޒް، އާދަމް ނާސިފް، އަހުމަދު އަމީލް، އިސްމާއިލް އަލީ، މަބްސަރު އަބްދުﷲ، އިބްރާހިމް ރިޒާން، އަޝަން ޔާޕާ، ތަރުޝާ ކަވިންދާ އަދި ޝަފްރާޒް ޖަލީލް އެެވެ.












