ތައިލެންޑުގެ ކުއްޖަކު ފުރަތަމަ ފަހަރަށް އެމެރިކާޒް ގޮޓް ޓެލެންޓް ކާމިޔާބުކޮށްފި

Sep 24, 2026, 4:54 PM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

އެމެރިކާގެ މަޝްހޫރު ހުނަރު ދައްކާލުމުގެ މުބާރާތް ކަމަށްވާ "އެމެރިކާސް ގޮޓް ޓެލެންޓް" ގެ އެންމެ ފަހުގެ ސީޒަން، އުމުރުން 16 އަހަރުގެ ރޮކް ލަވަކިޔުންތެރިޔާ ނީނީ ރޯޔަލް ކާމިޔާބުކޮށްފި އެވެ.

މިއީ މި ޝޯގެ ދިގު ތާރީހުގައި ތައިލެންޑަށް ނިސްބަތްވާ ފަރާތަކުން މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

ކެލިފޯނިއާގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި މި މުބާރާތުގެ ފައިނަލްގައި، އަސްލު ނަމުން ނަމަ ރަޓިކާން އަމްލޯއީ (ނީނީ) ހުށަހަޅައިދިނީ އެމެރިކާގެ ރޮކް ބޭންޑެއް ކަމަށްވާ "ދަ ވައިޓް ސްޓްރައިޕްސް" ގެ މަޝްހޫރު ލަވަ "ސެވަން ނޭޝަން އާމީ" އެވެ.

Advertisement

ނީނީގެ ހެވީ މެޓަލް ހުށަހެޅުންތަކުން އޭނާ ވަނީ ފައިނަލްގައި ވާދަކުރި އެހެން ނުވަ ބައިވެރިންގެ މައްޗަށް ކުރިހޯދާފަ އެވެ. އޭގެ ތެރޭގައި ޖާދޫ ހަދާ މީހުންނާއި، ތަމްރީނުކޮށްފައިވާ ކުއްތާތަކުގެ ހުށަހެޅުންތަކުގެ އިތުރުން ރޮބޮޓް ޑާންސް ކުރޫއެއް ވެސް ހިމެނެ އެވެ.

ނީނީގެ މި ކާމިޔާބީއާ ގުޅިގެން ތައިލެންޑުގެ ގިނަ ބަޔަކު އަންނަނީ އުފާ ފާޅުކުރަމުންނެވެ. ބައެއް މީހުން ބުނާ ގޮތުގައި ދުނިޔޭގެ އެންމެ ބޮޑު އެއް ސްޓޭޖުގައި އޭނާ ހޯދި މި ކާމިޔާބީއަކީ މުޅި ގައުމަށް ލިބުނު ފަހުރެކެވެ. ތައިލެންޑް ސަރުކާރުން ވަނީ ނީނީއަކީ "ބޮޑެތި ހުވަފެންތައް ދެކެން ކެރޭ ކޮންމެ މީހަކަށް ހުރި ނަމޫނާއެއް" ކަމަށް ސިފަކޮށްފަ އެވެ.

މި މުބާރާތުގެ ކުރީކޮޅު ނީނީ ވަނީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފަ އެވެ. އެގޮތުން އޭނާގެ އޮޑިޝަންގައި "ދަ ކްރޭންބެރީސް" ބޭންޑުގެ "ޒޮމްބީ" ލަވަ ހުށަހަޅައިދިން ވީޑިއޯއިން ފަނޑިޔާރުން ހައިރާންކޮށްލިއިރު، އެ ވީޑިއޯއަށް މިހާތަނަށް 20 މިލިއަނަށް ވުރެ ގިނަ ވިއުސް ވަނީ ލިބިފަ އެވެ.

ބުދަ ދުވަހުގެ ރޭ ނަތީޖާ އިއުލާން ކުރުމުގެ ކުރިން، ނީނީ ވަނީ މަޝްހޫރު ބޭންޑް "ލިންކިން ޕާކް" އާއެކު ސްޓޭޖަށް އަރައި، އެ ބޭންޑުގެ 2024 ވަނަ އަހަރުގެ ރޮކް ލަވަ "ދަ އެމްޕްޓިނަސް މެޝިން" ހުށަހަޅައިދީފަ އެވެ.

އެ ރޭގެ ފަހުގެ ވަގުތެއްގައި، މި ޝޯގެ 21 ވަނަ ސީޒަންގެ ޗެމްޕިއަންކަން ނީނީއަށް ލިބުނުކަން އިއުލާން ކުރުމާއެކު، އޭނާއަށް އުފަލުން ރޮވުނެވެ. މި ކާމިޔާބީއާއެކު އިނާމެއްގެ ގޮތުގައި އޭނާއަށް އެއް މިލިއަން އެމެރިކާ ޑޮލަރު ލިބޭނެ އެވެ.

ނީނީ ބުނި ގޮތުގައި އޭނާ ގިޓާ ކުޅެން ފެށީ އުމުރުން އެންމެ ހަތް އަހަރުގަ އެވެ. އަދި އޭނާގެ ހުވަފެނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިއުޒިކް ހުށަހަޅައިދޭ ފަންނާނަކަށް ވުމެވެ.

ތައިލެންޑުގެ ފަތުރުވެރިކަމުގެ މަރުކަޒެއް ކަމަށްވާ ފޫކެޓަށް ނިސްބަތްވާ ނީނީއަކީ، އެ ރަށުގެ "ނާކާ ވީކެންޑް މާކެޓް" ސަރަހައްދުގައި މީގެ ކުރިން މިއުޒިކް ކުޅެ އުޅުނު ކުއްޖެކެވެ.

ނީނީގެ ކާމިޔާބީއާ ގުޅިގެން ނާކާ ވީކެންޑް މާކެޓްގެ ފޭސްބުކް ޕޭޖުން ވަނީ އޭނާއަށް މަރުހަބާ ކިޔާފަ އެވެ.

ނީނީ ތައުލީމު ހާސިލުކުރަމުންދާ ފޫކެޓްގެ ކަޖޮންކިއެޓް އިންޓަނޭޝަނަލް ސްކޫލުން ވެސް ވަނީ އޭނާ ހޯދި މި ބޮޑު ކާމިޔާބީއަށް މަރުހަބާ ކިޔާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

Newsletter

Get the latest news delivered straight to your inbox