ހުޅުމާލެ ފޭސް ދޭއް، ހީނާމާ ހިނގުމާއި ދުނބުރިގަސް މަގު ގުޅުނު ހަތަރު އަނގޮޅީގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ މީހަކަށް ފަރުވާދޭން މިއަދު ފަށައިފި އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގައި އަނިޔާވި ސައިކަލު ދުއްވަން އިން 62 އަހަރުގެ ދިވެހި ފިރިހެނަކަށާއި ސައިކަލު ފަހަތުގައި އިން 24 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ. އެ ދެ މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބުނުއިރު، ފަރުވާދެމުންދަނީ ހުޅުމާލޭ ހޮސްޕިޓަލުގަ އެވެ.
ހުޅުމާލެ ފޭސް 2 ގައި ހޮނިހިރު ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނުވަ އަހަރުގެ ކުއްޖަކަށް ލިބުނު ސީރިއަސް އަނިޔާތަކަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ. އެ ކުއްޖާއަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގެ އެހީގަ އެވެ.
މި ދެ އެކްސިޑެންޓުގެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެގޮތުން ނުވަ އަހަރުގެ ކުއްޖާއަށް ސީރިއަސް އަނިޔާތައް ލިބުނު އެކްސިޑެންޓުގައި ހިމެނޭ ދެ ކާރު ފުލުހުން ވަނީ ޓޯކޮށްފަ އެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު (ޖަނަވަރީ އިން ޖޫން އަށް) މާލެ އާއި ބްރިޖު ހައިވޭގައި އެކަނިވެސް 1،355 އެކްސިޑެންޓް ވަނީ ރެކޯޑުކުރެވިފަ އެވެ. މިއީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7.49 އެކްސިޑެންޓެވެ.














