ދެވަނަ ޓިކްޓޮކް ހަދައިގެންވެސް ފާޑުކިޔުންތަކުން ސައީދު ސަލާމަތެއް ނުވި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު: ތަކެތީގެ އަގުބޮޑުވުން ދިފާއުކުރައްވާ މިނިސްޓަރު ސައީދު ދެވަނަ ވީޑިއޯ ހައްދަވައިގެން ވެސް އާންމުންގެ ފާޑުކިޔުންތަކުން ސަލާމަތެއް ނުވި -- ފޮޓޯ: ރައީސް އޮފީސް

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު: ތަކެތީގެ އަގުބޮޑުވުން ދިފާއުކުރައްވާ މިނިސްޓަރު ސައީދު ދެވަނަ ވީޑިއޯ ހައްދަވައިގެން ވެސް އާންމުންގެ ފާޑުކިޔުންތަކުން ސަލާމަތެއް ނުވި -- ފޮޓޯ: ރައީސް އޮފީސް

ތަކެތީގެ އަގުބޮޑުވުން ދިފާއުކުރަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދެވަނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުކުރެއްވުމުން ވެސް ރައްޔިތުންގެ ފާޑުކިޔުންތަ އަމާޒުވެއްޖެ އެވެ. 

ތަކެތީގެ އަގުބޮޑުވުން ދިފާއުކުރައްވާ ސައީދު ދެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުކުރެއްވީ ތަކެތީގެ އަގު އުފުލެމުންދާ ކަމަށް ބުނެ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން އަޑުއުފުލުމަށް މުޒާހަރާއަކަށް ތައްޔާރުވަމުން އަންނާތީ އެ ވާހަކަތަކަށް ރައްދު ދެއްވުމަށެވެ. 

ސައީދުގެ ދެވަނަ ވީޑިއޯގައި ކުރީ ސަރުކާރުގައި ތަކެތީގެ އަގުބޮޑުވުމާ ގުޅޭގޮތުން ވާހަކަދައްކައި އެކަމާ ގުޅޭ ބައެއް ހަބަރުތަކުގެ ސުރުހީތައް ދައްކާފައިވެ އެވެ. އޭނާގެ ފުރަތަމަ ވީޑިއޯގައި މަސައްކަތްކުރީ ބައެއް ގައުމުތަކަށްވުރެ ރާއްޖޭގައި ތަކެތީގެ އަގުހެޔޮކަމަށް ދައްކަންށެވެ. 

ނަމަވެސް ސައީދު އާންމުކުރެއްވި ވީޑިއޯތަކަށް ރައްދުދީ އާންމުން ބުނަމުންދަނީ ތަކެތީގެ އަގުބޮޑުކަން އެ ރައްޔިތުންނަށް އިހުސާސްވަމުންދާ ކަމަށާއި ދޮގު ހަދައިގެން ސަލާމަތް ނުވާނެ ކަމަށެވެ. 

މީގެއިތުރުން ތަކެތީގެ އަގުބޮޑުވުމާ ގުޅިގެން ކުރީ ސަރުކާރުގެ މައްސަލައެއް ކަމަށް ބުނެ ބަހަނާ ނުދައްކައި، މި ސަރުކާރަށް ކަންކަން ހައްލުކުރުމުގެ ގާބިލު ނެތްކަމަށް އެއްބަސްވިޔަސް މާ ރަނގަޅުވާނެ ކަމަށް ބައެއް މީހުން ބުންޏެވެ. 

ސައީދުގެ ދެވަނަ ވީޑިއޯ އާންމުން ދިން ބައެއް ރައްދުތައް:

"މިއީ ދެން ތަންކޮޅެއް ބޮޑުވަރު. އެއްޗެހި ގަނެގެން ކަނީ އަހަރުމެންނޭ. އަގުބޮޑޭ މިކިޔަނީ ބޮޑުވީމަ. ދޮގު ހަދައިގެން ނަރަކައިން ސަލާމަތެއް ނުވާނެ،" ސައީދުގެ ޕޯސްޓަށް ކޮމެންޓުކުރި މީހަކު ބުންޏެވެ. 

"ހަމައެކަނި ލެކްޓޯޖެން ނުލިބި އެތައް މަސްތަކެއް ވާކަށް އެއީ ދިވެހި އެންމެހައި ކަންމަތީ ވިޔަފާރިތައް ހެކިވާނެ ކަމެއް. މިހާ ދަތިކޮށް ރައްޔިތުންގެ އާންމުކޮށް ބޭނުންވާ ތަކެތި ލިބުން ދަތި ދުވަސްވަރެއް ނާދޭ،"

"އިކޮނޮމިސްޓުންނަކީ ވަރަށް ސްމާޓް ތިންކިން ގެންގުޅޭ ބައެއް. ބޭފުޅާ ތިޔަ އުޅުވަނީ އާދައިގެ އެކްޓިވިސްޓަކު އުޅޭހެން. އަބަދު އެމްޑީޕީއަކުން ނުނެއްޓި މުޅި ހަޔާތް،"

"އުޑުގައި ޖެހިފައި ބިމުގައި ޖެހުނަސް ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެއްޖެ. އެމްޑީޕީ ބަވާ. ދިވެހި ރައްޔިތުން އެދަނީ ބޮޑު ތަދު އަމިއްލައަށް ތަހަންމަލު ކުރަމުން. ކައޭ ތި ބުނަނީ ދިވެހި ރައްޔިތުން ހަދަނީ ދޮގޭ،"

"ބައްލަވާ މޮޔަވީތޯ. ދަރަންޏާ ފައިސާ ޗާޕްކޮށްގެން ފުޑިފަ އޮތީމާތޯ 700 މިލިޔަން ޑޮލަރު ރަސްމާލެއަށް ތަޅާލާ ޑްރޯނާ ހަތިޔާރު ގަންނަން 300 މިލިޔަން ތަޅާލީ. އެނޫންވެސް އެތައް މިލިއަނެއް ދެބިލިއަނާ ގާތަށް އިސްރާފުކޮށް މިހާރު ތި ދައްކަނީ ހޮޅި ވާހަކަ،"

"މީނަ ފޮނުވަންވެއްޖެ ކަންމަތީ ފިހާރައަކަށް 500ރ. ދީފައި ގެއަށް ބޭނުންވާ އެއްޗިސް ގަންނަން. އޭރުން އެނގޭނެ ހަރަދުވާވަރު،"

"ކަލެއަކަށް ތަކެތީގެ އަގެއް ބޮޑެއް ނުވާނެނު މާދަންވެސް ލައްކައެކޭ ބުނެފިއްޔާ ކަލެއަށް ޖަމާވާނީ ލައްކައެއް، އެކަމަކު އާންމު ރައްޔިތުންނަކަށް ކެތެއް ނުވާނެ. ކަލޭ ހީކުރީ ރައްޔިތުން ތިބީ ބުއްދިފިލާ ލޮލަށް މިރުސްފެން އެޅިފައި ކަމަށްތަ، ތަކެތީގެ އަގުބޮޑުވެއްޖެ އިންތިހާއަށް،"

"މިނިސްޓަރު ކިހިނެއް ތިއުޅެނީ ސަރުކާރު ޕްރޮމޯޓް ކުރަން އުޅުން ބޮޓުން ކަމުދާވަރަށް މަސައްކަތް ނުކުރެވުނީތޯ. މިނިސްޓަރު ބާޒާރު މައްޗަށް ނިކުމެ ރައްޔިތުން ގާތު ސުވާލުކޮށްލަބަލަ ތިހާ އަސްލު ގެނެސްދޭން ބޭނުންވަންޏާ. ވެރިމީހާ މަޖުބޫރުކޮށްގެން ތިއުޅެނީ،"

ސައީދު ޕޯސްޓުކުރެއްވި ފުރަތަމަ ވީޑިއޯއަށްވެސް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. ރައްޔިތުން ބުނަމުންދަނީ ވީޑިއޯތައް ހަދައިގެން ދޮގުހެދިޔަސް ހަގީގަތް ބަދަލު ނުވާނެ ކަމަށެވެ. 

އާދީއްތަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ ތަކެތީގެ އަގު އުފުލެމުން އަންނާތީ "ދަތިވެއްޖެ" ނަމުގައި އޮގަސްޓު 12، ގައި ވެރި ރަށް މާލޭގައި މުޒާހަރާ ކުރުމަށް ނިންމާފަ އެވެ. އެ މުޒާހަރާ އިއުލާން ކުރުމަށް ފަހު އެމްޑީޕީން އަންނަނީ ތަކެތީގެ އަގުތައް އުފުލިފައިވާ މިންވަރު ދައްކުވައިދިނުމަށް ސޯޝަލް މީޑިއާއަށް ޕޯސްޓުތަކެއް ދޫކުރަމުންނެވެ. 

 މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ތަކެތީގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. ސަރުކާރުން އާންމު ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރެއްގެ ތެރޭގައި އަސާސީ ކާބޯތަކެތީގެ އަގު ވަނީ އަށް ޕަސެންޓު އުފުލިފަ އެވެ. 

ސްޓެޓިސްޓިކްސް ބިއުރޯއިން ނެރޭ އެސެންޝަން ކޮމޮޑިޓީސް ޕްރައިސް އިންޑެކްސް އިން ދައްކާ ގޮތުގައި އަހަރެއްގެ ތެރޭގައި އެންމެ ބޮޑުވީ ގޭހާއި ތެލުންނެވެ. ކާބޯތަކެއްޗާއި ބެވެރޭޖާސް އާއި ރީތިވާ ސާމާނުގެ އަގުތައް ވެސް ވަނީ އުފުލިފަ އެވެ.

އިންފްލޭޝަން މަތިވެ، އަސާސީ ތަކެތީގެ އަގު އުފުލެމުންދާއިރު ދިވެހި އިގްތިސާދު އޮތީ ވަރަށް ބަލިކަށިކޮށެވެ. ރުފިޔާގެ އަގު ވެއްޓި މިއަދު ޑޮލަރެއް ގަންނަން ލިބެނީ 21.75ރ. އަށެވެ. މިއީ ދިވެހި ތާރީހުގައި ވެސް ރުފިޔާގެ އަގު މިހާ ބޮޑަށް ވެއްޓުނު ފުރަތަމަ ފަހަރެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox