މުއިއްޒުގެ ސަރުކާރުން 44 ބިލިއަން ރުފިޔާގެ ދަރަނި ނަގައިފި

ރައީސް މުހައްމަދު މުއިއްޒު ނޫސްވެރިންގެ ބައްދަލުވުމެއްގައި: ވެރިކަމަށް ވަޑައިގެންނެވީ ދަރަނި ނެގުން ކޮންޓްރޯލް ކުރާނެ ކަމަށް ވައުދުވެވަޑައިގެންފައި --- ފޮޓޯ: ރައީސް އޮފީސް

ރައީސް މުހައްމަދު މުއިއްޒު ނޫސްވެރިންގެ ބައްދަލުވުމެއްގައި: ވެރިކަމަށް ވަޑައިގެންނެވީ ދަރަނި ނެގުން ކޮންޓްރޯލް ކުރާނެ ކަމަށް ވައުދުވެވަޑައިގެންފައި --- ފޮޓޯ: ރައީސް އޮފީސް

ރައީސް މުހައްމަދު މުއިއްޒު ސަރުކާރު ހިންގުމާ ހަވާލުވީ ފަހުން މިވީ ދެ އަހަރާއި ހަތް މަސް ދުވަހުގެ ތެރޭގައި ބޭރުން ނަގާފައިވާ ލޯނުތަކާއި ދައުލަތުން ގެރެންޓީ ދީފައިވާ ލޯނުތަކާއި އެތެރޭގެ ބާޒާރަށް ސެކިއުރިޓީ ވިއްކައިގެން ނަގާފައިވާ ދަރަނި އެއްކޮށްލުމުން މި ސަަރުކާރުން 44 ބިލިއަން ރުފިޔާގެ ދަރަނި ނަގާފައިވާ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ. 

އަދަދު ނޫހުން މި ހިސާބުތައް ހެދީ ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުތަކާއި ބޭރުން ނަގާފައިވާ ލޯނުތަކާއި ގެރެންޓީ ދީފައިވާ ލޯނުތަކުގެ ތަފާސްހިސާބުތައް ބަލައިގެންނެވެ. 

ސެކިއުރިޓީ ދަރަންޏަށް ބަލާއިރު، މި ސަރުކާރުގައި ބަޖެޓު ޑެފިސިޓު ފޫބައްދަން އެކީކަަހަލަ ގޮތަކަށް ބަރޯސާވެފައި ވަނީ އެތެރޭގެ ބާޒާރަށް ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. އެ ގޮތުން އެތެރޭގެ ބާޒާރަށް ޓްރެޝަރީ ބިލު (ޓީބިލު) އާއި ޓްރެޝަރީ ބޮންޑާއި އިސްލާމިކް އިންސްޓްރޫމަންޓްސް ވިއްކައިގެން 27.6 ބިލިއަން ރުފިޔާ ނެގިއިރު، އޭގެ ބޮޑު ބައި ގަތީ ބޭންކުތަކާއި (15.8 ބިލިއަން ރުފިޔާ) ޕެންޝަން ފަންޑު ފަދަ އެހެނިހެން މާލީ އިދާރާތަކާއި (5.5 ބިލިއަން ރުފިޔާ) އަދި ސަރުކާރު ކުންފުނިތަކުން (4.6 ބިލިއަން ރުފިޔާ) އެވެ. 

ސަރުކާރުން އެތެރޭގެ ބާޒާރުން ނެގި ދަރަނީގެ ތެރޭގައި ގިނަ އަދަދަކަށް ޑޮލަރު ދަރަނި ވެސް ހިމެނެ އެވެ. ސަރުކާރުން ޑޮލަރު ހޯދަން ވިއްކަނީ ޕްރިންސިޕަލް އަދަދު ޑޮލަރުން އަދި ފައިދާ ރުފިޔާއިން ލިބޭ ރިވާސް ޑުއަލް ކަރަންސީ ޓީބިލާއި ޔޫއެސްޑީ ޕްރިންސިޕަލް އާއި އިންޓްރެސްޓް ޕޭމަންޓުތައް ވެސް ޑޮލަރުން ލިބޭ ޓްރެޝަރީ ބޮންޑެވެ. ޓްރެންޑުތައް ދައްކާ ގޮތުން ރުފިޔާއިން ފައިދާ ލިބޭ ކުރު މުއްދަތުގެ ޓީބިލުތަކަށް އިންވެސްޓުކުރާ އަދަދު ދަށަށް ގޮސްފައިވާއިރު، ދިގު މުއްދަތުގެ ޔޫއެސްޑީ ބޮންޑުތަކަށް އިންވެސްޓުކުރުން ވަނީ އިތުރުވެފަ އެވެ.

މި ނޫހުން ހިސާބުތައް ހެދިއިރު މި ސަރުކާރު އައި ފަހުން މި ބާވަތުގެ ބޮންޑުތަކުގެ ދަރަނި ވަނީ 403.6 މިލިއަން ޑޮލަރު (6.2 ބިލިއަން ރުފިޔާގައި) އިން 848.8 މިލިއަން ޑޮލަރު (13 ބިލިއަން ރުފިޔާ) އަށް އުފުލިފަ އެވެ. މި ބޮންޑުތަކަށް އިންވެސްޓުކުރީ މައިގަނޑު ބޭންކުތަކާއި ސަރުކާރު ކުންފުނިތަކުންނެވެ. އެ ގޮތުން ބޭންކުތަކުން 287.7 މިލިއަން ޑޮލަރު (4.4 ބިލިއަން ރުފިޔާ) އިންވެސްޓުކޮށްފައިވާއިރު، ސަރުކާރު ކުންފުނިތަކުން ވަނީ 157.4 މިލިއަން ޑޮލަރު (2.4 ބިލިއަން ރުފިޔާ) އިންވެސްޓުކޮށްފަ އެވެ. 

އެތެރޭގެ ދަރަނި މިހާ ވަރަށް އިތުރުވީ ނަމަވެސް މި ބޭރުގެ ބާޒަރަށް ވިއްކާފައިވާ ބޮންޑުތަކާއި ސުކޫކުތައް ހިމަނައިގެން ޖުމްލަ ސެކިއުރިޓީ ދަރަނި އިތުރުވީ 19.9 ބިލިއަން ރުފިޔާ އެވެ. އެއީ މި އަހަރުގެ މާޗު މަހުގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވިއްކި 500 މިލިއަން ޑޮލަރު (7.6 ބިލިއަން ރުފިޔާ) ގެ ސުކޫކަށް ފައިސާ ދައްކާ ހަލާސްކުރުމުން ބޭރުގެ ސެކިއުރިޓީ ދަރަނިން މި އަދަދު އުނިވުމުންނެވެ. 

މުއިއްޒުގެ ސަރުކާރުން ނެގި ދަރަނި

  •  އެތެރޭގެ ބާޒާރުން - 27.6 ބިލިއަން ރުފިޔާ
  • ލޯނުތަކުން - 9.1 ބިލިއަން ރުފިޔާ
  • ގެރެންޓީ ދީފައިވާ ލޯނުތަކުން - 7.6 ބިލިއަން ރުފިޔާ

ލޯނުތައް އިތުރުވެފައިވާ ގޮތަށް ބަލާއިރު، މި ސަރުކާރުން ވަނީ 17 ލޯނެއް ނަގާފަ އެވެ. މި ލޯނުތަކުގެ ޖުމްލަ 594.7 މިލިއަން ޑޮލަރު (9.1 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. މި ސަރުކާރުން ނެގި ލޯނުތަކުގެ ތެރޭގައި ކުރީ ސަރުކާރުތަކުގައި ޗައިނާއިން ނަގާފައިވާ ހަތަރު ލޯނެއް ރީފައިނޭންސް ކުރަން ނެގި ލޯނުތަކާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ނިންމަން ނެގި އިތުރު ލޯނުތަކާއި މަސްވެރިކަމުގެ ސިނާއަތް ތަރައްގީކުރަން ނެގި ލޯނެއްގެ އިތުރުން ތެޔޮ ގަންނަން ބޭނުންވާ ފައިސާ ހަމަޖައްސަން މި ފަހުން ނެގި ލޯނު ހިމެނެ އެވެ.

ސަރުކާރުން ގެރެންޓީ ދީފައިވާ ލޯނުތަކުގެ ތެރޭގައި ހަ ލޯނެއް ހިމެނޭއިރު، އޭގެ ތެރޭގައި ކަރަންސީ ސްވޮޕުގެ ގޮތުގައި އިންޑިއާގެ ރިޒާވު ބޭންކުން ނެގި 400 މިލިއަން ޑޮލަރާއި 30 ބިލިއަން ރުފީސް (300 މިލިއަން ޑޮލަރު) ހިމެނެ އެވެ. މީގެ ތެރެއިން ޑޮލަރު ލޯނު ވަނީ އަނބުރާ ދައްކާފަ އެވެ. އެ ލޯނު ނުލައި ސަރުކާރުން ގެރެންޓީ ދީގެން ނަގާފައިވާ ލޯނުތަކުގެ ޖުމްލަ 493 މިލިއަން ޑޮލަރު (7.6 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. 

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ގެރެންޓީ ދީފައިވާ ލޯނުތަކުގެ ތާވަލުން ދައްކާ ގޮތުގައި ކަރަންސީ ސްވޮޕު ގެރެންޓީތައް ނުލައި ދެން މުޅިން ވެސް ގެރެންޓީ ދޫކޮށްފައި ހުރީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށެވެ. އެ ކުންފުނިން ނަގާފައިވާ ތިން ފައިނޭންސިން ފެސިލިޓީއަކަށާއި ލޯނަކަށް ގެރެންޓީ ދީފައިވާއިރު، މި ލޯނުތަކުގެ ޖުމްލަ 193 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) އަށް އަރަ އެވެ.

މި އަހަރަށް ބަޖެޓު ފާސްކުރިއިރު ފިނޭންސް މިނިސްޓްރީން އަންދާޒާކުރީ މި އަހަރުގެ ތެރޭގައި ދައްކަން ޖެހޭ ބޮޑެތި ދަރަނިތައް ދައްކާފައި، އަހަރު ނިމޭއިރު ދައުލަތުގެ ޖުމްލަ ދަރަނި ހުންނާނީ 158.8 ބިލިއަން ރުފިޔާގައި ކަމަށެވެ. މިހެން ނަމަވެސް މީގެ ތެރެއިން އަބޫދާބީ ފަންޑަށް ދައްކަން ޖެހޭ 1.5 ބިލިއަން ރުފިޔާ ދެއްކުން ފަސްކުރުމާއި އިރާނު ހަނގުރާމައާ ގުޅިގެން ފައިނޭންސިން ހޯދަން ޖެހޭ މިންވަރު އިތުރުވާނެތީ މި އަދަދަށް ވުރެ ދަރަނި އިތުރުވާނެ ކަަމަށް ބެލެވެ އެވެ. 

ދައުލަތުގެ ދަރަނި ދުވަހުންދުވަހަށް އިތުރުވަމުންދާއިރު، މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ސަރުކާރުގެ ދަރަނި ނެގުން ކޮންޓްރޯލްކޮށް ހަރަދުތައް ހަމައަކަށް އަޅުވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox