މިއަހަރުގެ ހައްޖުގެ އަޅުކަމާ ދިމާކޮށް ސައުދީ އަރަބިއްޔާގެ ސަލާމަތީ ބާރުތަކުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންތަކުގެ ތެރެއިން، ހުއްދަނެތި މީހުން ހައްޖަށް ގެންދަން އުޅުނު 38 މީހަކު ހައްޔަރުކޮށްފިއެވެ.
މައްކާގެ މަގުތަކާއި ވަންނަ ދޮރާށިތަކުގައި ހަރަކާތްތެރިވާ ސަލާމަތީ ބާރުތަކުން ހާމަކުރި ގޮތުގައި، ހައްޖުގެ ގަވާއިދުތަކާ ހިލާފަށް 18 މީހަކު އުފުލި މައްސަލައެއްގައި ބިދޭސީއަކާއި ހަތް ސައުދީ ރައްޔިތަކު ވަނީ ހައްޔަރުކޮށްފައެވެ.
މީގެ އިތުރުން ޔަމަނަށް ނިސްބަތްވާ ތިން މީހަކު ގަވާއިދާ ހިލާފަށް މައްކާއަށް ވައްދަން އުޅުނު އެ ގައުމުގެ ރައްޔިތަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ އެ މީހުން ގޮވައިގެން ދަތުރުކުރީ މައި މަގުތަކުގެ ބަދަލުގައި ފަރުބަދަަތަކާއި ވާދީތަކުގެ ތެރެއިން އޮންނަ ކުދި މަގުތަކުންކަން ފާހަގަކުރެވިފައިވެ އެވެ. އަދި ހުއްދަ ނެތި މައްކާއަށް އެތެރެވާން އުޅުނު ތުރުކީގެ އަށް މީހަކު ވެސް ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
މި މައްސަލައާ ގުޅިގެން ސައުދީ އަރަބިއްޔާގެ ދާހިލީ ވުޒާރާއިން ވަނީ ހުއްދަނެތި މީހުން އުފުލާ ފަރާތްތަކާއި އެކަމުގައި ބައިވެރިވާ އެންމެހައި ފަރާތްތައް އެއްލައްކަ ސައުދީ ރިޔާލު (26700 އެމެރިކާ ޑޮލަރު) ން ޖޫރިމަނާކުރުމަށް ނިންމާފަ އެވެ.
މީގެ އިތުރުން، ހައްޖުގެ ރަސްމީ ހުއްދަނެތި އަޅުކަން އަދާކުރަން އުޅުނު ކޮންމެ މީހަކު 20000 ސައުދީ ރިޔާލު (5400 އެމެރިކާ ޑޮލަރު) ން ޖޫރިމަނާކުރުމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.
ހައްޖުގެ ގަވާއިދުތަކާ ހިލާފުވާ ބިދޭސީން، އެމީހުންގެ އަދަބު ތަންފީޒުކޮށް ނިމުމުން ޑިޕޯޓު ކުރުމުގެ އިތުރުން، ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި ސައުދީ އަރަބިއްޔާއަށް އެތެރެވުން މަނާ ވެސް ކުރެ އެވެ.
ދާހިލީ ވުޒާރާއިން ވަނީ ގަވާއިދާ ހިލާފަށް މީހުން އުފުލުމަށް ބޭނުންކުރާ އުޅަނދުފަހަރު ދައުލަތަށް ނެގުމަށް އަމުރުކޮށްފައެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަން 1.5 އަށް ވުރެ ގިނަ ހައްޖުވެރިންނާއެކު އިއްޔެ ވަނީ ފަށައިފަ އެވެ.







