އިނގިރޭސި އަމީރު ހެރީގެ އަނބިކަނބަލުން އަދި އެކްޓްރެސް މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލް ކުރިން ދިރިއުޅުނު ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އިލެކްޓްރޯނިކް ސާމާނުތައް ތަހުގީގު ކުރުމުގެ ހުއްދަ ފިލިޕީންސްގެ ފުލުހުން ކޯޓުން ހޯދައިފި އެވެ.
މި މަހުގެ ކުރީކޮޅު ރިޕޯޓްކޮށްފައިވާ ގޮތުގައި، އުމުރުން 82 އަހަރުގެ ތޯމަސް މާކަލް ސީނިއާ ފިލިޕީންސްގައި ދިރިއުޅުނު ގެއިން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ފެންނަ އެތައް ސަތޭކަ ފޮޓޯއެއް ވަނީ ފެނިފަ އެވެ.
މޭގަންގެ އެއްބަފާ ބޭބެ، ތޯމަސް މާކަލް ޖޫނިއާ މިދިޔަ ހަފުތާގައި ފުލުހުންނާ ހަވާލުކުރި ހަތަރު ފޮށީގެ ތަކެތީގެ ތެރޭގައި ކޮމްޕިއުޓަރާއި، ފޯނާއި، ހާޑް ޑްރައިވްތަކުގެ އިތުރުން ބައެއް ވީޑިއޯ ޓޭޕްތައް ހިމެނެ އެވެ. ނަމަވެސް، ފިލިޕީންސްގެ ސެބޫގެ ފުލުހުންނަށް މި ތަކެތި ބަލައި ތަހުގީގު ކުރުމުގެ ފުރުސަތު ލިބުނީ ކޯޓު އަމުރެއް ހޯދުމަށް ފަހުގަ އެވެ.

މިހާރު އެމެރިކާގައި ދިރިއުޅެމުންދާ ތޯމަސް މާކަލް ސީނިއާ ވަނީ އޭނާގެ ދަރިފުޅު ކުރާ މި ތުހުމަތުތައް ވަރަށް ބޮޑަށް ދޮގުކޮށްފަ އެވެ.
މިދިޔަ ހަފުތާގައި "ދަ ސަން އޮން ސަންޑޭ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ތޯމަސް މާކަލް ސީނިއާގެ ކުރީގެ އަނބިމީހާ ރޮސްލިން ލަވްލެސް ވަނީ 2019 ވަނަ އަހަރު ކުރެވުނު މި ތުހުމަތުތަކާ ގުޅޭ ސިޓީއެއް އިނގިރޭސިވިލާތުގެ މެޓްރޯޕޮލިޓަން ޕޮލިހަށް ފޮނުވާފަ އެވެ. އަދި އެ ދުވަސްވަރު އެ މައުލޫމާތު ހެރީ އާއި މޭގަންއާ ވެސް ހިއްސާކުރި އެވެ.
މިހާރު މަރުވެފައިވާ ލަވްލެސް އަކީ މޭގަންގެ އެއްބަފާ ދެބެއިންގެ މަންމަ އެވެ. އޭނާ ތޯމަސް މާކަލް ސީނިއާއާ ވަރިވެފައިވަނީ 1975 ވަނަ އަހަރު އެވެ. އެއީ ތޯމަސް މާކަލް، މޭގަންގެ މަންމައާ ކައިވެނި ކުރުމުގެ ކުރިންނެވެ.
މޭގަން އާއި އޭނާގެ ބައްޕައާ ދެމެދު އޮތް ގުޅުން 2018 ވަނަ އަހަރުން ފެށިގެން ވަނީ ކެނޑިފަ އެވެ. ބީބީސީއަށް އެނގިފައިވާ ގޮތުގައި މޭގަން އޭނާގެ ބައްޕައާ އޮތް ހުރިހާ ގުޅުމެއް މިދިޔަ އަހަރު ކަނޑާލީ، އޭނާ ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަން މޭގަންއަށާއި ކަމާބެހޭ ފަރާތްތަކަށް އެނގޭ ކަމަށް ބުނުމަށް ފަހުގަ އެވެ.







