ދެކުނު ކޮރެއާގައި ގެއްލޭ މީހުންގެ މައްސަލަތަކުގައި ފުލުހުން އިހުމާލުވާކަމުގެ ތުހުމަތު

Aug 27, 2026, 7:00 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

ގެއްލިގެން ހޯދަމުންދިޔަ ހަތަރު މީހެއްގެ ހަށިގަނޑު ދެކުނު ކޮރެއާގެ ޗުއްޓީ ހޭދަކުރާ މަޝްހޫރު ރަށް ކަމަށްވާ ޖެޖޫ އިން ފެނިއްޖެ އެވެ.

މި ހާދިސާއާ ގުޅިގެން، ގެއްލޭ މީހުން ހޯދުމުގެ މައްސަލަތައް ބެލުމުގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް ބުނެ އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.

މީގެ މަސްތަކެއް ކުރިން ގެއްލިގެން ރިޕޯޓްކޮށްފައިވާ އަންހެނަކު ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން މާ ލަސްވި ފަހުން ފެށިކަމުގެ ހަބަރުތައް މިދިޔަ ހަފުތާގައި ވަނީ ފެންމަތިވެފަ އެވެ. 

Advertisement

މި މައްސަލަ އިތުރަށް ގޯސްވެފައިވަނީ، ގެއްލޭ މީހުންގެ އާއިލާތަކަށް ދޮގު މައުލޫމާތު ދީ، އެ މީހުން ހޯދުމުގެ މައްސަލަތައް މާ އަވަހަށް ނިންމާލި ކަމުގެ ތުހުމަތުގައި ފުލުހުންގެ ސާޖަންޓެއް ކަމަށްވާ ބޫ ހައްޔަރުކުރުމާ ގުޅިގެންނެވެ.

މި މައްސަލައާ ގުޅިގެން އިސް ހަތަރު އޮފިސަރަކު ވަޒީފާއިން އެކަހެރިކޮށްފައިވާއިރު، އަންގާރަ ދުވަހު ރައީސް ލީ ޖޭ މިޔުންގް ވަނީ ފުލުހުންގެ މުއައްސަސާގެ އުސޫލުތަކަށް ބޮޑެތި އިސްލާހީ ބަދަލުތަކެއް ގެނައުމަށް އަމުރުކުރައްވާފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ފުލުހުން ވަނީ ޖެޖޫ އައިލެންޑުން ހަތަރު މީހެއްގެ ހަށިގަނޑު ހޯދާފަ އެވެ. އޭގެ ތެރޭގައި މިދިޔަ މޭ މަހު ގެއްލުނު އުމުރުން 37 އަހަރުގެ ޖަންގް މީ-ރާންގެ ހަށިގަނޑު ވެސް ހިމެނެ އެވެ.

ހޯމަ ދުވަހު ޖަންގްގެ ހަށިގަނޑު ފެނިފައިވަނީ އޭނާ ހުރި ތަނާ ގާތްގަނޑަކަށް 500 މީޓަރު ދުރުގައި ހުރި ދަނޑަކުންނެވެ. ބެލެވޭ ގޮތުގައި އޭނާ މަރުވީ އަމިއްލައަށެވެ.

ތުހުމަތު ކުރެވޭ ގޮތުގައި ސާޖަންޓް ބޫ ވަނީ ޖަންގް ހުރި ތަނެއް ކަށަވަރު ނުކޮށް، އޭނާ ހޯދުމުގެ މައްސަލަ މާ އަވަހަށް ނިންމާލާފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ބޫ ވަނީ ޖަންގްގެ ލޯބިވެރިޔާ ގާތު ޖަންގްއާ ފޯނުން ވާހަކަދެއްކި ކަމަށާއި، ލޯބިވެރިޔާއާ ވާހަކަދައްކަން ބޭނުންނުވާ ކަމަށް ޖަންގް ބުނި ކަމަށް ބުނެ ދޮގު ހަދާފަ އެވެ.

މީގެ އިތުރުން، ޖެޖޫ ސިޓީއަށް ނިސްބަތްވާ އުމުރުން 60 އަހަރުގެ ފިރިހެނެއްގެ ހަށިގަނޑު ވެސް ހޮނިހިރު ދުވަހު ފުލުހުން ވަނީ ހޯދާފަ އެވެ.

މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހު ގެއްލުނު މި މީހާގެ މައްސަލަ ވެސް ބޫ ވަނީ ނިންމާލާފަ އެވެ. އަދި އެ މީހާ ފެނިފައިވާ ކަމަށާއި، އޭނާ ހުރީ "ސަލާމަތުން" ނަމަވެސް "އާއިލާއަށް އޭނާ ހުރި ތަން އަންގަން ބޭނުންނުވާ" ކަމަށް ބޫ ބުނެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ފެނުނު އަނެއް ދެ މީހުންގެ މަރުގެ މައްސަލާގައި ބޫގެ ބައިވެރިވުމެއް އޮތްތޯ އަދި ސާފެއް ނުވެ އެވެ.

ފުލުހުން މިހާރު ދަނީ ބޫ ބަލާފައިވާ ހުރިހާ މައްސަލަތަކެއް އަލުން ތަހުގީގު ކުރަމުންނެވެ. މީގެ ތެރޭގައި ގާތްގަނޑަކަށް 300 އެއްހާ މައްސަލަ ހިމެނެ އެވެ.

ޖެޖޫ އަކީ ދެކުނު ކޮރެއާގެ އެންމެ މަގުބޫލު ފަތުރުވެރި މަންޒިލްތަކުގެ ތެރެއިން އެއް ތަނެވެ.

ދެކުނު ކޮރެއާގައި ނުރައްކާތެރި ކުށްތައް ހިނގާ މިންވަރު މަދު ނަމަވެސް، އަމިއްލައަށް މަރުވާ މީހުންގެ ނިސްބަތް ވަރަށް ގިނަ އެވެ.

ބައެއް މާހިރުން ވިދާޅުވާ ގޮތުގައި، ކުށްކުރުން މަދުވުމަކީ ގެއްލޭ މީހުންގެ މައްސަލަތައް ސީރިއަސްކޮށް ނުބެލުމަށް މެދުވެރިވާ އެއް ސަބަބެވެ.

ދެކުނު ކޮރެއާގައި ކޮންމެ އަހަރަކު 70،000 އަށްވުރެ ގިނަ ބޮޑެތި މީހުން ގެއްލިގެން ރިޕޯޓްކުރާއިރު، އޭގެ ތެރެއިން 99 އިންސައްތަ މައްސަލަ އެއް މަސްދުވަސް ތެރޭގައި ހައްލުވާ ކަމަށް ރެކޯޑްތަކުން ދައްކަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox