ރިޕޯޓުމަހުދީ ނިޔާވި ޑައިވުގައި ވީގޮތް އެހާ ފަސޭހައިން ވަޅުލެވޭކަށް ނެތް!

މަހުދީ ނިޔާވި ޑައިވުގައި ވީގޮތް އެހާ ފަސޭހައިން ވަޅުލެވޭކަށް ނެތް!

ވާވު އަތޮޅުގައި ގެއްލުނު އިޓަލީގެ ޑައިވަރުންގެ މަރުގެ މައްސަލަ ބައިނަލްއަގުވާމީ ފެންވަރުގައި ތަހުގީގު ކުރަމުންދާއިރު އެ މީހުން ހޯދުމުގެ އޮޕަރޭޝަނުގައި އުޅުނު ދިވެހި ސިފައިންގެ މީހާ، މުހައްމަދު މަހުދީ ނިޔާވި ހާދިސާގެ ހަގީގަތެއް ނޭނގޭ. މަހުދީ ނިޔާވި ގޮތުގެ ތަފްސީލު ހާމަނުކޮށް، އޮޓޮޕްސީއެއް ވެސް ނުހަދައި އޭނާ ވަޅުލާފައިވާތީ ގިނަ ސުވާލުތަކެއް އުފެދޭ.

ކަނޑު އަޑީގައި ހުންނަ ހޮހޮޅައެއްގެ ތެރޭގައި ޑައިވަރަކު ހަރަކާތްތެރިވާ މަންޒަރު ފެންނަ ކުރެހުމެއް: މިހާ އަޑީގައި ހުންނަ ތަންތަނަށް މީހުން ފީނަނީ އެކަމަށް ބޭނުންވާ ހާއްސަ ތަމްރީނު ހަދައި، އާލަތްތަކާ އެކީ --- އިލަސްޓްރޭޝަން: އިސްމާއިލް އިމްދާދު/އަދަދު
ކަނޑު އަޑީގައި ހުންނަ ހޮހޮޅައެއްގެ ތެރޭގައި ޑައިވަރަކު ހަރަކާތްތެރިވާ މަންޒަރު ފެންނަ ކުރެހުމެއް: މިހާ އަޑީގައި ހުންނަ ތަންތަނަށް މީހުން ފީނަނީ އެކަމަށް ބޭނުންވާ ހާއްސަ ތަމްރީނު ހަދައި، އާލަތްތަކާ އެކީ --- އިލަސްޓްރޭޝަން: އިސްމާއިލް އިމްދާދު/އަދަދު

ވާވު އަތޮޅު ދެވަނަ ކަނޑުގެ ހޮހޮޅަ ތެރޭގައި ފުރާނަދިޔަ އިޓަލީގެ ފަސް ޑައިވަރުންގެ ހިތާމަވެރި ހާދިސާއަށް މުޅި ދުނިޔޭގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ. އިޓަލީގެ ޕްރޮސެކިއުޓަރުން މިހާރު ވެސް ދަނީ މީހަކު މެރުމުގެ އަމަލެއް ހިންގުމުގެ ކުށުގެ ބޮޑު ތަހުގީގަކަށް ތައްޔާރުވަމުންނެވެ. ދުނިޔޭގެ ބޮޑެތި މީޑިއާތައް ވެސް އޮތީ، މި ހާދިސާގެ އަސްލު ހޯދަން ފެންބޮވައިގެންފަ އެވެެ.

އިޓަލީގެ އިދާރާތަކާއި މުޅި ބައިނަލްއަގުވާމީ މީޑިއާއިން އިޓަލީގެ ޑައިވަރުންނަށް ވީގޮތުގެ ހަގީގަތް ހޯދަން މަސައްކަތްކުރަމުންދާއިރު، އެ މީހުން ހޯދަން ފީނި ދިވެހި ސިފައިންގެ މީހާ ނިޔާވި ހާދިސާގެ ހަގީގަތް ހޯދުމުގެ ވަށައިގެން އޮތީ ހިމޭންކަމެވެ. 

ހުރިހާ ދިމާލަކުން ލިބޭ މައުލޫމާތުން ވެސް ބުނަނީ، އެމްއެންޑީއެފްގެ ސާޖަންޓު މުހައްމަދު މަހުދީ (44 އަހަރު) އަކީ، ކޯސްޓުގާޑުގައި ހުރި އެންމެ މޮޅު، އެންމެ ހިތްވަރުގަދަ އެއް ޑައިވަރު ކަމަށެވެ. ކުރިން ވެސް ސާޗް، ރެސްކިއު އަދި ރިކަވަރީ މިޝަންތަކުގައި ބައިވެރިވެފައި ހުރި ތަޖުރިބާާކާރު ސިފައިންގެ މީހެއް ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ވެސް އޭނާގެ ޓީމާއެކީ، ވާވުގެ އޮއެގަދަ ކަނޑުގެ އަޑީގައިވާ ހޮހޮޅައަށް ފީނަން މަހުދީ އެރުނީ، އޭނާއަށް ލިބިފައިވާ އޯޑަރާ އެއް ގޮތަށް އިޓަލީގެ ޓޫރިސްޓުން ހޯދުމުގެ "މިޝަން" ކާމިޔާބުކުރާށެވެ. ނަމަވެސް، މި ޑައިވް ވެގެން ދިޔައީ މަހުދީގެ ފަހު ޑައިވަށެވެ. މަހުދީއާ އެކީ ފޭބި ސިފައިންގެ ހަތް ޑައިވަރުން އެރި ނަމަވެސް، އޭނާ މައްޗަކަށް ނާރަ އެވެ.

ސަރުކާރުން ބޭރުގެ މީޑިއާތަކަށް ބުނެފައިވާ ގޮތުގައި ސިފައިންގެ ޑައިވަރުންނަށް މަހުދީ ނެތް ކަން އެނގުނީ ވެސް ފެނުން މައްޗަށް އެރި ފަހުންނެވެ. އެހާ ހިސާބުން މަހުދީ ސަލާމަތްކުރަން ހިންގި "ރެސްކިއު" އޮޕަރޭޝަނަކަށް ފަހު، އޭނާ އަޑިން ނަގައިގެން، ހޮސްޕިޓަލަށް ގެންދިޔަ ފަހުން މަހުދީ ނިޔާވީ އެވެ. ހަމަ އެ ރޭ، އެއްވެސް ފޮރެންސިކް އޮޓޮޕްސީއެއް ހެދުމެއް ނެތި މަހުދީ ވަނީ، ގައުމީ ބަތަލެއްގެ ޝަރަފާއެކީ ރަސްމީ އިއްޒަތުގައި ވަޅުލާފަ އެވެ.

އެ ދުވަހުގެ ފަހުން މިއަދާ ހަމައަށް ސަރުކާރާއި އެމްއެންޑީއެފްއިން މަހުދީ ނިޔާވި ހާދިސާގެ ވަށައިގެން ޗުއްޕު ވެސް ނުބުނާ ގޮތަށް ބޮޑު ފަރުދާއެއް ކަހާލާފަ އެވެ. މަހުދީ ނިޔާވި އޮޕަރޭޝަނާ ގުޅިގެން ސުވާލެއް ކުރުމުން ޖަވާބު ނުދޭ ތަނުގައި ކަން ހިނގި ގޮތް ކަމަށް ބުނެ ބޭރުގެ މީޑިއާތަކަށް ދީފައިވާ މައުލޫމާތުގެ އިތުރުން އެހެން މައުލޫމާތެއް ދޭން ވެސް ފުލުހުންނާއި ސިފައިން ވަނީ އިއުތިރާޒު ވެފަ އެވެ. ސުވާލެއް ކުރުމުން ބުނަނީ ރައީސް އޮފީހަށް ގުޅައިގެން މައުލޫމާތު ހޯދާށެވެ. އެ މީހުންނަށް އެ ވާހަކަ ދެއްކުން މަނަލެވެ.

ވާވު އަތޮޅުގެ ރެސްކިޔު އޮޕަރޭޝަނުގައި މަހުދީ ހަރަކާތްތެރިވާ މަންޒަރު ދައްކުވައިދޭ ކުރެހުމެއް: މަހުދީއަކީ މީގެ ކުރިން ވެސް ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންތަކުގެ ތަޖުރިބާ ހުރި ކުޅަދާނަ ޑައިވަރެއް --- އިލަސްޓްރޭޝަން: އިސްމާއިލް އިމްދާދު/އަދަދު
ވާވު އަތޮޅުގެ ރެސްކިޔު އޮޕަރޭޝަނުގައި މަހުދީ ހަރަކާތްތެރިވާ މަންޒަރު ދައްކުވައިދޭ ކުރެހުމެއް: މަހުދީއަކީ މީގެ ކުރިން ވެސް ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންތަކުގެ ތަޖުރިބާ ހުރި ކުޅަދާނަ ޑައިވަރެއް --- އިލަސްޓްރޭޝަން: އިސްމާއިލް އިމްދާދު/އަދަދު

ސިފައިންނާއި ފުލުހުންނަށް މަހުދީ ނިޔާވި ހާދިސާގެ ވާހަކަ ދެއްކުން މަނާކަމަށް ގަބޫލުކުރެވޭ އެންމެ ބޮޑު ސަބަބަކީ، މި ހާދިސާ ހިނގި ފަހުން ޗީފް އޮފް ޑިފެންސް ފޯސް އިބްރާހިމް ހިލްމީ އާއި ކޯސްޓުގާޑުގެ ކޮމާންޑާންޓު މުހައްމަދު ސަލީމް ލައިވް ޓީވީގައި ދެއްވި އިންޓަވިއު އެވެ. ގާތްގަނޑަކަށް ގަޑިއިރަކަށް ދެމިގެން ދިޔަ އެ އިންޓަވިއުގައި ދެ މީހުން ކުރެ އެކަކު މަހުދީގެ ނަން ވެސް ބުނެނުލަ އެވެ. 

މި ވާނުވާއާ މެދު ވިސްނާލާއިރު ގަބޫލުކުރެވެނީ، ވާހަކަ ނުދައްކާ ތިބެ ސަރުކާރާއި މުއައްސަސާތަކުން ބޭނުންވަނީ އެ ދުވަހު ކަން ހިނގައި ދިޔަ ގޮތާ ގުޅިގެން އަމާޒުވެދާނެ ފާޑުކިޔަމަކުން ރެކޭށެވެ. އެއްޗެކޭ ނުބުނެ ތިބި ބޭނުންވަނީ މީހުންގެ ސަމާލުކަން ގެއްލުވާލާށެވެ. މިހެން ނަމަވެސް ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ގިނަ ބަޔަކު އަންނަނީ މަހުދީ ނިޔާވި ޑައިވުގައި ވީކިހިނެއްތޯ ސުވާލުކުރަމުންނެވެ.

މި ސުވާލުތައް ކުރަމުންްދަނީ އެ ޑައިވުގައި ކަން ހިނގައި ދިޔަ ގޮތާ ގުޅިގެން ދައްކާފައި ހުރި ވާހަކަތަކުގައި ހުރި ފުށުއެރުންތަކާއި ސިފައިންގެ އެވަރުގެ ތަމްރީނާއި ވަސީލަތްތައް ނެތި، މި ވަރުގެ ނުރައްކާތެރި އޮޕަރޭޝަނަކަށް ފެހި ސިގްނަލް ދިނުމާ ގުޅިގެންނެވެ.

ހޮހޮޅައިގެ އަނދިރިގަނޑުގެ ތެރޭގައި ހިނގި ކަމެއްތަ؟

ޑައިވިންގެ ސްޓޭންޑާޑް އޮޕަރޭޓިންގް ޕްރޮސީޖާސްގައި ބަދަލުނުވާ އަސާސެއް އޮވެ އެވެ. އެއީ ބަޑީ ސިސްޓަމް (ބައިވެރިޔަކާއެކު އުޅުން) އެވެ. ޑައިވަރުން މަސައްކަތް ކުރަނީ ދެ މީހުންގެ "ލައިފް-ސަޕޯޓް ރެޑަންޑަންސީ" ނޫނީ އަވަސް އެހީ އެކަކު އަނެކަކަށް ލިބޭ ގޮތަށް، ޖޯޑެއް ގޮތަށެވެ. މިއީ ރެކްރިއޭޝަނަލް ޑައިވިނާއި މިލިޓަރީ ޑައިވިނުގައި ވެސް ތަފާތުނުވާ، ހިފަހައްޓަން ޖެހޭ ހަރުކަށި އުސޫލެކެވެ.

މަހުދީ ނިޔާވި ހާދިސާއާ ގުޅިގެން އަދަދު ނޫހުން ވާހަކަ ދެއްކި މަސްދަރުތަކުން އެންމެ ބޮޑަށް ސުވާލު އުފައްދަނީ އެ ބުނާ ގޮތަށް ފެނުން މައްޗަށް އެރި ފަހުން މަހުދީ ނެތް ކަން އެނގުނު ކަމަށް ބުނާތީ އެވެ. މި ނޫހުން ވާހަކަ ދެއްކި އެންމެން ވެސް އިއްތިފާގުވާ ގޮތުގައި، އެ އޮތީ އޮޕަރޭޝަނަލް ޕްރޮޓޮކޯލް މުޅިން މުގުރިގެން ގޮސްފަ އެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ މަހުދީ ޑައިވްކުރީ ހަމަޖެހިފައިވާ ގޮތަށް ޑައިވް ބަޑީއަކާ އެކީ ކަމުގައި ވަނީ ނަމަ، އެ މީހުން ވަކިވީ ކީއްވެގެން ހެއްޔެވެ؟ ވަކިވީ ކޮން ހިސާބަކުން ހެއްޔެވެ؟ މަހުދީއަށް އަޑީގައި ހާލަތެއް ދިމާވިއިރު، އޭނާގެ ޑައިވް ބަޑީ ކޮބައިހެއްޔެވެ؟ މަހުދީގެ ރިޑަންޑަންސީ ޕްލޭނުގައި އޮތް ގޮތަށް އޭނާއަށް ކަމެއް ދިމާވެއްޖެ ހާލަތެއްގައި އެހީވާން ޖެހޭ ޑައިވް ބަޑީ ހަގީގަތުގައި ކުރަމުންދިޔައީ ކޮން ކަމެއް ހެއްޔެވެ؟

މި ހާދިސާ ހިނގައިދިޔަ ގޮތާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ކަށަވަރު ނުވާ މައުލޫމާތުތަކުން ކުރަހައިދެނީ މުޅިން އެހެން މަންޒަރެކެވެ. އެ ރިޕޯޓުތައް ބުނާ ގޮތުގައި، ސިފައިންގެ ޑައިވަރުން މައްޗަށް އަރާފައި މަހުދީ އޮތީ ހޮހޮޅައިގައި ކަން އެންގުމުން އޭނާ ހޯދަން އަޑިއަށް ފީނީ މެރިން ޕޮލިސްގެ ޑައިވަރުންނެވެ. މިއީ ސިފައިންގެ ޑައިވަރުންގެ އޮންނަ މިލިޓަރީ ޑައިވް ހުއްދަތައް ވެސް ނޯންނަ ރެކްރިއޭޝަނަލް ޑައިވިން ހުއްދަތައް އޮތް ޑައިވަރުންތަކެއް ކަމަށް މައުލޫމާތު ލިިބެ އެވެ. 

މިކަމާ ގުޅިގެން ސުވާލުކުރުމުން ސަރުކާރުގެ އިސް ތަރުޖަމާނު މުންދު ވަނީ މަހުދީ ނެގީ ފުލުހުންގެ ޑައިވަރުންތަކެއް ކަން މި ނޫހަށް ކަށަވަރުކޮށްދީފަ އެވެ. މިކަން ކަށަވަރުކޮށްދިން ނަމަވެސް، މުންދު ވަނީ ހާދިސާ ހިނގި ގޮތާ އިތުރު މައުލޫމާތަކީ "އޮޕަރޭޝަނަލް" މައުލޫމާތު ކަމަށް ބުނެ އިތުރު ތަފުސީލެއް ދިނުމުން އުޒުރުވެރިފަ އެވެ.

މި ތަފުސީލުތައް ލިބޭތޯ މަސައްކަތް ކުރީ މެރިން ޕޮލިސްގެ ޑައިވަރުން ހޮހޮޅައިގެ ފުން ހިސާބަކުން ނެގި ކަމަށް ދެކެވޭ ވާހަކަތައް ކަށަވަރުކުރެވޭތޯ އެވެ.

އަދަދު ނޫހާ ވާހަކަ ދެއްކި އޮޕަރޭޝަނުގެ މައުލޫމާތު އެނގޭ މީހަކު ނަން ނުޖަހާ ގޮތަށް ބުނި ގޮތުގައި ސިފައިން އެ ދުވަހު ކުރި ޑައިވްއަކީ ހޮހޮޅައިގެ ތިން ވަނަ ޗެމްބަރާ ހަމައަށް ފީނަން ކުރި ފުރަތަމަ ޑައިވް އެވެ. އޭނާ ބުނި ގޮތުގައި އޭގެ ކުރިން ދުވަސްތަކުގައި ސިފައިން ވަނީ ފުރަތަމަ ޗެމްބަރާއި ދެ ވަނަ ޗެމްބަރަށް ފީނާ، ޓެދާ ލައިން ނުވަތަ ގައިޑް ލައިން (މަގުދައްކާ ވާގަނޑު ދަމާފަ) އެވެ. 

އެހެން ސިއްރު މަސްދަރަކުން އަދަދު އަށް ދިން މައުލޫމާތުގައި ބުނީ، އެ ޑައިވުގައި ހޮހޮޅައިގެ އެންމެ އެތެރޭގައި ހުރި ތިން ވަނަ ޗެމްބަރު ކަމަށް ބުނާ ޗެމްބަރަށް ވަނެވެ. މަހުދީ ހޭނެތުނީ އެ ޗެމްބަރަށް ވަނުމަށް ފަހު ދެ ވަނަ ޗެމްބަރަށް ނިކުމެވުނުތަނާހެނެވެ.

އެ ތަނުގައި މަހުދީ އޮއްވާ އޭނާގެ ޑައިވް ބަޑީ އޭނާ ނަގަން މަސައްކަތް ކުރި އެވެ. ނަމަވެސް މަހުދީ ނެގޭ ގޮތް ނުވެ، އޭނާގެ ވެސް ވައި ހުސްވުމުގެ ބިރު އޮތުމާއެކީ މަހުދީ އެ ޗެމްބަރު ތެރޭގައި ބާއްވާފައި ޑައިވް ބަޑީ މައްޗަށް އެރީ އެވެ.

"މަހުދީ ހޭނެތުނީ ކޭވްގެ އެތެރޭގައި. އޭނާގެ ސަޕޯޓް ޑައިވަރު އޭނާ ނެރެން މަސައްކަތްކުރި. ނަމަވެސް، އޭނަގެ އަމިއްލަ ގޭސް ލިމިޓު ހަމަވާތީ، އޭނާ ނުނެރެވެނީސް އަމިއްލަ ފުރާނަ ސަލާމަތްކުރަން އެކަނި މައްޗަށް އަރަން މަޖުބޫރުވީ" މި ނޫހާ ވާހަކަ ދެއްކި މަސްދަރުން ބުންޏެވެ.

މި ވާހަކަތަކުގެ ޒައްރެއްގެ މިންވަރަކީ ވެސް ތެދެއް ނަމަ، ސަރުކާރުގެ ހުރިހާ ވާހަކަތަކާއި ހާދިސާ ހިނގައިދިޔަ ގޮތް ކަމަށް ބުނެ ދެއްކި ޓައިމްލައިން އެއްކޮށް ފުނޑުފުނޑުވީ އެވެ.

މިހާ ހިސާބުން އަނެއްކާ ވެސް އުފައްދަން ޖެހެނީ ކުރަން އުނދަގޫ އެހެނަސް ޖަވާބު ބޭނުންވާ ސަުވާލުތަކެކެވެ. ޓެކްނިކަލް ތަމްރީނާއި ސާމާނު ނެތި މި އަނދިރި، ހޮހޮޅައިގެ ތެރެއަށް ވަނުމުގެ ހުއްދަ ކޯސްޓްގާޑު ޔުނިޓަށް ދިނީ ކާކު ހެއްޔެވެ؟ އަދި، ޑައިވަރަކު ހޭނެތިއްޖެނަމަ އޮތް ރެޑަންޑަންސީ ޕްލޭން (ބެކަޕް ޕްލޭން) ކޮބައިހެއްޔެވެ؟

ޓެކްނިކަލް ރިކަވަރީ ޕްރޮޓޮކޯލްތައް ބުނާގޮތުން ސްޓޭންޑްބައި ޑައިވަރުން ގޭސް ސްވިޗުތަކާއެކު ތިބެން ޖެހެ އެވެ. ނިކުންނަ ދޮރުމަތީގައި ސްޓޭޖް ސިލިންޑަރުތައް ހުންނަން ޖެހެ އެވެ. އަދި ސާފު "ހޭންޑް-އޮފް" ޕްލޭންތައް އޮންނަން ޖެހެ އެވެ. ގަބޫލުކުރެވެނީ ސިފައިން ވެސް ދިޔައި މީގެ ތެރެއިން ބައެއް ކަންކަން ޑައިވް ޕްލޭނުގައި ހިމަނައިގެންނެވެ.

އެމްއެންޑީއެފްއިން މުއިއްޒުއަށް އެރުވި ބްރީފިންގައި ދެއްކި ޑައިވް މެޕް ރީކޮންސްޓްރަކް ކޮށްފައި. މި މެޕު ރައީސް އޮފީހުގެ ޔޫޓިބަށް އަޕްލޯޑްކޮށްފައިވާ ވީޑިއޯއިން ފެންނާނެ.
އެމްއެންޑީއެފްއިން މުއިއްޒުއަށް އެރުވި ބްރީފިންގައި ދެއްކި ޑައިވް މެޕް ރީކޮންސްޓްރަކް ކޮށްފައި. މި މެޕު ރައީސް އޮފީހުގެ ޔޫޓިބަށް އަޕްލޯޑްކޮށްފައިވާ ވީޑިއޯއިން ފެންނާނެ.

މިކަމަށް ބާރުދެނީ، މި ހާދިސާ ހިނގި ދުވަހު ރައީސް މުހައްމަދު މުއިއްޒު އާއި ކެބިނެޓުގެ ވަޒީރުން އެ ތަނަށް ޒިޔާރަތްކުރި ވީޑިއޯތަކުގައި ފެންނަ ޑައިވް ޕްލޭނެވެ. އެ ޕްލޭނުން ފެންނަ ގޮތުގައި ހޮހޮޅައިގެ އަނގަމަތީގައި ސްޓޭޖިން ޓޭންކުަތައް ބަހައްޓަން އޮތެވެ. އަދި ހޮހޮޅައިގެ ތެރެއަށް ދެ ޓީމަކުން ޖުމްލަ ހަަތަރު ޑައިވަރުން ވަންނަ ގޮތަށް އޮތެވެ. 

މި ޕްލޭނަށް ބަލާއިރު، ހޮހޮޅައިގެ ތެރޭގައި އޮތް ކަން ނޭނގި މައްޗަށް އެރި ފަހުން މަހުދީ ނެތް ކަން އެނގުނު ކަމަށް ބުނާ ވާހަކަތަކުގައި އެއްވެސް ވަރަކަށް ފެނެއް ނުހިފަ އެވެ. 

މަރުވީ ޑީކޯ ވެގެން ކަމަށް ބުނާ ވާހަކަތައް ދިމާ ނުވޭ 

ސަރުކާރުން ބޭރުގެ މީޑިއާތަކާ ވާހަކަ ދައްކައިގެން މަހުދީ ނިޔާވި ޑައިވުގެ ހާދިސާ ވަކި ގިންތިއަކަށް ފެއްތި އެވެ.  ބޭރުގެ މީޑިއާތަކުގައި މުންދު އާއި އަހުމަދު ޝާމް ކިޔާ ބޭފުޅަކާ ހަވާލާދީ ލިޔެފައިވަނީ މަހުދީ ނިޔާވީ ޑިކޮމްޕްރެޝަން ސިކްނަސް (ޑީކޯ ވެގެން) ޖެހިގެން ހާލުދެރަވެގެން ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށެވެ. 

ސަރުކާރުން މިހެން ބުންޏަސް، އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަހުދީ ފެނުން މައްޗަށް ނެގި އިރު ވެސް އެއްވެސް ވިންދެއް ނެތެވެ. އޭނާ މައްޗަށް ނެގުމަށް ފަހު ސީޕީއާރު ދިނުމުން ވެސް ހެޔެއް ނާރަ އެވެ.

މި ހާދިސާ މިހެން ހިނގުމަށް ވުރެ ކަންބޮޑުވާ ކަމެއްގެ ގޮތުގައި އޮތީ، މަހުދީ ނިޔާވި ކަމަށް ބުނާ ޑީކޮމްޕްރެޝަން ސިކްނަސްގެ ބައެއް ކްލިނިކަލް ހަގީގަތްތަކާ ސަރުކާރުން ދައްކާފައިވާ ދިމާނުވުމުވެ.  މަހުދީގެ ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދިޔުމާ އޭނާ ނިޔާވީ ކަމަށް ބުނުމާ ހަމައަށް ހޭދަވީ ވަގުތުން ބޮޑަށް ގަބޫލުކުރެވެނީ މަހުދީ ނިޔާވީ ސެރީބްރަލް އާޓީރިއަލް ގޭސް އެމްބޮލިޒަމް (ކޭޖު) ގެ ސަބަބުން ކަމަށެވެ. މިއީ ހަގީގަތް ނަމަ، ސަރުކާރުން ވަނީ އެންމެނަށް އޮޅުވާލާފަ އެވެ. 

ކެބިނެޓު ވަޒީރުންނަށް ދިން ބްރީފިންގައި މަހުދީ ފެންނަ މަންޒަރެއްގެ ކުރެހުމެއް: މަހުދީ ނިޔާވީ މީގެ ދެ ދުވަސް ފަހުން ކުރި ޑައިވެއްގައި --- އިލަސްޓްރޭޝަން: އިސްމާއިލް އިމްދާދު/އަދަދު
ކެބިނެޓު ވަޒީރުންނަށް ދިން ބްރީފިންގައި މަހުދީ ފެންނަ މަންޒަރެއްގެ ކުރެހުމެއް: މަހުދީ ނިޔާވީ މީގެ ދެ ދުވަސް ފަހުން ކުރި ޑައިވެއްގައި --- އިލަސްޓްރޭޝަން: އިސްމާއިލް އިމްދާދު/އަދަދު

ސަރުކާރުން އޮޅުވާލާފައިވާ އޮޅުވާލުމުގެ ފުންމިން ދެނެގަތުމަށްޓަކައި، މި ދެ ފިޒިއޮލޮޖިކަލް ހާލަތުގެ މެދުގައި ހުރި ތަފާތުތަކަށް ބަލަން ޖެހެ އެވެ.

އަދަދު އިން ވާހަކަ ދެއްކި ފުންނާބު އުސް ޑޮކްޓަރަކު ވިދާޅުވި ގޮތުގައި ޑީކޮމްޕްރެޝަން ސިކްނަސްއަކީ ގޭސް ސޮލިއުބިލިޓީގެ ސަބަބުން ލިބޭ އަނިޔާއެކެވެ. އެއީ ޑައިވަރަކު ފުނުގައި ގިނައިރު ހުރުމުގެ ސަބަބުން، ނައިޓްރޮޖަން ގޭސް ސީދާ އެ މީހާގެ ޓިޝޫތަކަށް އެބްސޯބްވުމަށް ފަހު (ގިރިގެން ދިޔުމަށް ފަހު) މައްޗަށް އަރާއިރު ދިމާވާ ކަމެކެވެ. އެ މީހުން ޑީކޮމްޕްރެޝަން ސްޓޮޕްތައް ދޫކޮށްލައިފި ނަމަ، އެ ގޭސްތައް ގަޑިއިރުތަކެއްގެ ތެރޭގައި ލެޔާއި ހުޅުތަކުގެ ތެރޭގައި ބޮކިތަކަކަށް ބަދަލުވެ އެވެ.

އެއާ ހިލާފަށް ކޭޖްއަކީ، ޑޮކްޓަރު ބުނި ގޮތުގައި، ކުއްލިއަކަށް ހިނގާ، ބާރުގަދަ ޓްރޯމާއެކެވެ. މިއީ ފުއްޕާމޭ މާބޮޑަށް ފުޅާވުމުގެ ސަބަބުން ލިބޭ އަނިޔާއެކެވެ. ޑައިވަރަކު ބިރުގަނެގެން، ނުވަތަ އިކުއިޕްމަންޓުގެ މައްސަލައެއް ދިމާވެގެން، ނުވަތަ ކޮންޓްރޯލުން ނެއްޓިގެން މައްޗަށް އަރާއިރު ނޭވާ ހިފަހައްޓައިފިނަމަ، ވަށައިގެންވާ ފެނުގެ ޕްރެޝަރު ދަށްވާ ވަރަކަށް، ފުއްޕާމޭގެ އެތެރޭގައި ހުރި ވައި ބާރުމިނުގައި ފުޅާވެ އެވެ. މީގެ ސަބަބުން ފުއްޕާމޭގެ ނާޒުކު އަލްވިއޮލައި ފަޅައިގެންދެ އެވެ.

ފުޅާވަމުންދާ ގޭސް ސީދާ ފުއްޕާމޭގެ ކެޕިލަރީތަކުގެ ތެރެއަށް ވަދެ، ހިތް މެދުވެރިކޮށް ސީދާ ސިކުނޑީގެ ލޭހިނގާ ނާރުތަކަށް ދަތުރު ކުރެ އެވެ. އެ ތަނުން ސިކުނޑީގެ އާޓަރީތައް ބެދި، ސިކުނޑީގެ ޓިޝޫތަކުން އޮކްސިޖަން ކަނޑާލައި، މައްޗަށް އަރާތާ މިނެޓުތަކެއްގެ ތެރޭގައި ކުއްލިއަކަށް ހޭނެތުމާއި، ތެޅުމާއި ނޫނީ މަރުވުން ދިމާވެ އެވެ.

ފެންނަން ހުރި ކަށަވަރު ޓައިމްލައިނާ މި މައުލޫމާތާ އަޅައިބެލުމުން، މަހުދީ ނިޔާވި ގޮތް ކަމަށް ބުނާ ގޮތާ މެދު ވެސް ސުވާލު އުފެދެ އެވެ. 

މަހުދީ ހޮސްޕިޓަލަށް ގެންދިޔައީ ފީނާ ނިންމިތާ ގަޑިއިރުތަކެއް ފަހުން ހުޅުތަކުގައި ރިއްސުން ނުވަތަ ހަށިގަނޑުގައި ބޮކި އުފެދިގެން ނޫނެވެ. ބޮޑަށް ބުރަވެވޭ ގޮތުގައި މަހުދީއަށް އެ ދިމާވި ކަމެއްވީ ކަނޑުގެ އަޑީގައި ނުވަތަ ކަނޑުން ނެގި ތަނާހެނެވެ. މި ނޫހާ ވާހަކަ ދެއްކި ޑޮކްޓަރު ބުނީ އަޑީގެ ފަރުވާގެ ޕްރޮޓޮކޯލްތައް ފުރިހަމަ ނުކޮށް މަހުދީ ނެގިނަމަ، މަހުދީ އަޑިން މައްޗަށް ނެގި ވަގުތާ ދާދި އެއް ވަގުތެއްގައި ނޫނީ އޭގެ ކުރިން އޭނާ އޮތީ ނިޔާވެފަ އެވެ.

މިހާ ހިސާބުން އަނެއްކާ ވެސް ސަރުކާރާއި ކަމާބެހޭ އިދާރާތަކުން ކޮންމެހެން ޖަވާބު ބޭނުންވާ ސުވާލުތަކެކެވެ. މަހުދީ ނިޔާވީ ޑީކޯ ވެގެން ހޮސްޕިޓަލަށް ގެންދިޔުމުން ކަމަށް ދައްކަން މި އުޅެނީ ކީއްވެ ހެއްޔެވެ؟ މަރުވީ އަސްލު ސަބަބު ހާމަނުކޮށް ސަރުކާރުން ބޭނުންވެގެން މި އުޅެނީ ކޮން ސިއްރުތަކެއް އޭގައި ފޮރުވިފައިވާތީ ހެއްޔެވެ؟

އިޓަލީގެ ޑައިވަރުންނަށް ދިމާވި ހާލަތު އަލުން ކުޅުވީ؟

މަހުދީގެ ގުރުބާނީގައި ހިތާމަވެރި، އަދި ހިތްދަތި ކަމެއް ފާހަގަކުރަން ޖެހެ އެވެ. މަހުދީ އެ މިޝަންގައި ފޮނުވަން ޖެހުނީ އެކަށީގެންވާ ތަމްރީނާއި ސާމަނު ނެތް ޑައިވަރުންތަކެއް، ގަވާއިދުތައް މުގުރާލާފައި ފީނަން ދިޔަ ކަނޑުއަޑީގެ ހޮހޮޅައެއްގައި ތާށިވެފަ ތިބިގެންނެވެ. ސިފައިންގެ ކޮމާންޑުން މަހުދީ ވެސް އަޑިއަށް ފޮނުވީ ހަމަ އެގޮތަށް، ތަމްރީނެއް ނެތި، އެއް ގޮތަކަށް ވެސް ކަމުނުދާ އިކުއިޕްމަންޓު ހިފައިގެންނެވެ. 

އެމްއެންޑީއެފް ކޯސްޓްގާޑު ޑައިވަރުންނަކީ އެންމެ ގިނަވެގެން 50 މީޓަރުގެ ފުންމިނަށް އޮޕަރޭޝަނަލް ސެޓިފިކެޓް ލިބިފައިވާ ބައެކެވެ. ސިފައިންގެ ކޮމާންޑުން ހެދި ފުރަތަމަ ގޯހަކީ، މިކަން އެނގިތިބެ ސިފައިންގެ ޑައިވަރުން ތަކުރާރުކޮށް ރިސްކު ނަގަން އަޑިއަށް ފޮނުވީމަ އެވެ.

ސިފައިންގެ ކޮމާންޑުން ހެދި އަނެއް ގޯހަކީ، މާ ފުނުގައި ގިނަ އިރު ޑައިވު ކުރާ ނަމަ، ހާއްސަކޮށް ހޮހޮޅައެއް ފަދަ މަތި ބެދިފައިވާ މާހައުލެއްގައި ފީނާ ނަމަ ޒަރޫރީ، ހީލިއަމް ހިމެނޭ ޓްރައިމިކްސް ނުލައި، އާދައިގެ ކޮމްޕްރެސްޑް ވައިގައި 60 މީޓަރު ފުނަށް އެ މީހުން ފޮނުވުމެވެ. މި ހީލިއަމްއަކީ ފުނުގައި ދިމާވާ ނައިޓްރޯޖަން ނާކޯސިސްގެ ސަބަބުން ސިކުނޑީގެ ފުސްކަން ސާފުކުރުމަށް ބޭނުންވާ ގޭހެވެ.  

ސިފައިންގެ ކޮމާންޑުން މި ގޯސްތައް ހެދުމަށް ފަހު، މިހާރު މިސްރާބު ހުރީ މި ވާހަކަތަކަށް ފަސް އަޅައި ފޮރުވާށެވެ. މިހެން މި ބުނަނީ މި ހާދިސާގައި ފުރާނަ ގެއްލިގެން ދިޔަ އިޓަލީ މީހުންގެ މައްސަލައަށް އެ ގައުމުން އިޖާބަދީ ބޮޑު ތަހުގީގަކަށް ތައްޔާރުވަމުންދާއިރު، އަހަރަމެންގެ ސިފައިންގެ މީހާ މަރުވީ ކިހިނެއްތޯ ވެސް ކަށަވަރުނުކޮށް ވަޅުލީމަ އެވެ.

ސަރުކާރާއި މުއައްސަސާތަކުން މަހުދީ ނިޔާވި ހާދިސާއާ މެދު އަމަލު ކުރަމުން ގެންދަނީ އޮޕަރޭޝަނަލް ލަޔަބިލިޓީއެއް ގޮތަށެވެ. ސިފައިންނަކީ ފުރާނަ އަތް މައްޗަށް ލައިގެން، ރިސްކު ނަގާ ބަޔެކޭ ބުނެ އިސް އޮފިސަރުން ނެރެގެން ވާހަކަތައް ދައްކުވަނީ މިއީ ވެދާނެ ކަމެއްކަން އާންމުންނަށް ވިސްނައިދޭށެވެ.

ސަރުކާރުގެ ސްޓްރެޓަޖީ ވަރަށް ސާފެވެ. އެއީ  މީޑިއާ ބްލެކްއައުޓެއް ދަމަހައްޓައި، ހޮހޮޅައިގައި ހިނގި ކަމަށް ބުނާ ގޯސް ރިކަވަރީގެ ވާހަކަތަކަށް އަޅާނުލައި، ހަބަރުތައް އެހެން ދިމާލަކަށް އެނބުރެންދެން މަޑުކުރުމެވެ. އެކަމަކު މަހުދީގެ ވާހަކަ އެހާ ފަސޭހައިން އޮއްބާލެވޭކަށް ނެތެވެ. މިއީ ގައުމީ ބޮޑު މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް ޒިންމާދާރު ކުރަން ޖެހޭ ބަޔަކު ޒިންމާދަރުކުރަން ކޮންމެހެން ވެސް މަސައްކަތް ކުރަން ޖެހޭ ހާދިސާއެކެވެ. 

މިކަމުގެ ހަގީގަތް ހޯދެން އޮތް ހަމައެކަނި ގޮތަކީ މިހާރުންމިހާރަށް މިނިވަން ތަހުގީގެއް ނޫނީ ބޭރުގެ ބަޔަކާ ހަވާލުކޮށްގެން ވިޔަސް އިންކުޔަރީއެއް ހެދުމެވެ. އެ ޑައިވްގެ ހުއްދަ ދިނީ ކާކުތޯ އާއި، ބަޑީ ސިސްޓަމް ބޮއްސުންލީ ނަމަ އެހެން ދިމާވީ ކީއްވެގެންތޯ އާއި، ކަނޑުގެ ސަރަހައްދު ބަލަހައްޓާ ސިފައިން އެކަށީގެންވާ ވަރަށް ތަމްރީނުނުކުރަނީ ކީއްވެތޯ އާއި، ޕޯޓަބަލް ރީކޮމްޕްރެޝަން ޗެމްބަރުތައް ފަދަ އާލަތްތައް ނެތީސް  ސިފައިން ފޮނުވަން ޖެހުނީ ކީއްވެގެންތޯ ޔަގީންކުރަން ޖެހެ އެވެ. މި

ގައުމަށް ޓަކައި ފުރާނަދިން އިހުލާސްތެރި ސާޖަންޓު މަހުދީގެ ހަނދާންތަކަށް އިހުތިރާމްކުރުމަށް ޓަކައި ވިޔަސް މި ހަގީގަތް ހޯދަން ޖެހެ އެވެ. ނިންމާލަމުން ފާހަގަކޮށްލަން ޖެހޭ ވަރަށް މުހިންމު ކަމައް އެބައޮތެވެ. އެއީ، މަހުދީ ނިޔާވީ އޭނާގެ ނާގާބިލުކަމުން ނޫނީ ގުދުރަތީ ހާލަތެއް މެދުވެރިވެގެން ނޫން ކަމެވެ. މަހުދީ ނިޔާވީ އޭނާ މާތް ﷲ ގަންދީ ހުވާކުރި މުއައްސަސާއިން އޭނާއަށް ރައްކާތެރިކަން ނުދީ އިހުމާލުވީމަ އެވެ.

އެ މީހުން މަހުދީ ވަޅުލާ، ފަސް އަޅާ ފޮރުވިޔަސް، މަހުދީގެ ހަނދާނުގައި މި ހާދިސާއަށް އެހެން ވިޔަ ނުދޭނަމެވެ.

އަމަން ހަލީމް

ޖާނަލިސްޓް

އަމަން ހަލީމް އަކީ ހުނަރުވެރި އުއްމީދީ ނޫސްވެރިއެކެވެ. އަދި ޓީވީ ޕްރެޒެންޓަރެއް ވެސް މެ އެވެ. ސިޔާސީ ދާއިރާ އިން ފެށިގެން ވިޔަފާރި އާއި އިގުސާދީ ދާއިރާގައި ވެސް އޭނާގެ ގަލަން ހިނގަ އެވެ. އޭނާ ކުރިން މަސައްކަތްކުރީ "ރާއްޖެ ޓީވީ" ގަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox