ރިކަވަރީ މިޝަންއިން ސަރުކާރު ބަރީއަވެއްޖެ، ބުނީ ސިފައިންގެ ގާބިލުކަން ނެތް ވާހަކަ ވެސް ނުބުނާ ކަމަށް

ސިފައިންގެ އޮޕަރޭޝަން ފެށި ދުވަހު މުއިއްޒު އާއި ކެބިނެޓު ވަޒީރުންނަށް ބްރީފިންއެއް އަރުވަނީ: ސަރުކާރުން ބުނަނީ މި ބްރީފިންގައި "ރިސްކީ" ކަމަށް ބުންޏަސް ގާބިލުނޫން ކަމަށް ސިފައިން ނުބުނާ ކަމަށް --- ފޮޓޯ: ރައީސް އޮފީސް

ސިފައިންގެ އޮޕަރޭޝަން ފެށި ދުވަހު މުއިއްޒު އާއި ކެބިނެޓު ވަޒީރުންނަށް ބްރީފިންއެއް އަރުވަނީ: ސަރުކާރުން ބުނަނީ މި ބްރީފިންގައި "ރިސްކީ" ކަމަށް ބުންޏަސް ގާބިލުނޫން ކަމަށް ސިފައިން ނުބުނާ ކަމަށް --- ފޮޓޯ: ރައީސް އޮފީސް

އެކަށީގެންވާ ތަމްރީނާއި ވަސީލަތްތައް ނެތި ނުރައްކާތެރި ރިކަވަރީ އޮޕަރޭޝަނެއްގައި ސިފައިން ފޮނުވާ، ސިފައިންގެ މީހެއްގެ ފުރާނަ ގެއްލުނު އޮޕަރޭޝަނަށް ހުއްދަ ދިނުމާ ގުޅިގެން ފާޑުކިޔުން ބޮޑުވެފައިވާ ދަނޑިވަޅެއްގައި، އެ އޮޕަރޭޝަން ހިންގުމާއި ހުއްދަ ދިނުމުގައި ސަރުކާރުގެ އެއްވެސް ދައުރެއް ނެތް ކަމަށާއި ސިފައިންގެ އެ ގާބިލުކަން ނެތް ވާހަކަ ވެސް ނުބުނާ ކަމަށް ސަރުކާރުން އިއްޔެ ބުނެފި އެވެ.

މި ރިކަވަރީ އޮޕަރޭޝަނަކީ ވާވު އަތޮޅު ދެވަނަ ކަނޑުގެ ހޮހޮޅަ ތެރޭގައި ތިބި އިޓަލީގެ ހަތަރު ޓޫރިސްޓުންގެ ހަށިގަނޑު ހޯދަން ސިފައިން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގެ ދެ ވަނަ ދުވަހު، އެ އޮޕަރޭޝަނުގައި އިސްކޮށް އުޅުނު އެކަކު ކަމުގައިވާ ސިފައިންގެ ޑައިވަރު ސްޓާފް ސާޖަންޓު މުހައްމަދު މަހުދީ ވަނީ ނިޔާވެފަ އެވެ.

މިކަމާ ގުޅިގެން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެމުން ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފު (މުންދު) ގެ "ޕްރެސާ ވިތު ސްޕޮކްސް" ގައި އޭނާ ވަނީ، ސިފައިންގެ އެންމެ އިސް ކޮމާންޑަރަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ވިޔަސް، ސިފައިންގެ އޮޕަރޭޝަނަލް ނިންމުންތަކުގައި ސަރުކާރުގެ ދައުރެއް ނޯންނަ ކަމަށް ވިދާޅުވެފަ އެވެ.

Advertisement

"ބައެއް ބޭފުޅުންނަށް ފަހަރުގައި ހީފުޅު ވެފަ ކަން ނޭނގެ އޮންނަނީ މި އެމްއެންޑީއެފް އެއީ އަޅުގަނޑުމެން ޔުނީފޯމް ބޮޑީސްތަކަށް ސަރުކާރުން ކަންކަން އޮޕަރޭޝަނަލީ އަންގާ، އަމުރު މައުރޫފް ހިންގައޭ، އެއީ އެހެން ހިންގާ ކަންތައްތަކެއް ނޫނޭ،" މުންދު ވިދާޅުވި އެވެ.

މަހުދީ ނިޔާވި ހާދިސާ ހިނގުމާ ގުޅިގެން ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑުކިޔުން އަމާޒުކުރި ބައެއް މީހުން ވަނީ ސިފައިންގެ އެ ގާބިލުކަން ނެތް ކަމަށް ބުނެފަ ވަނިކޮށް، ސަރުކާރުންގެ ސިފައިން ކޮމާންޑަށް އަންގައިގެން މި އޮޕަރޭޝަން ހިންގަން މަޖުބޫރުކުރުވީ ކަމަށް ތުހުމަތުކޮށެވެ.

މުންދު ވަނީ ވަރަށް ސާފު އިބާރާތުން މިކަން ދޮގުކޮށްފަ އެވެ. އޭނާ ތަކުރާރުކޮށް ވިދާޅުވީ ސިފައިންގެ އޮޕަރޭޝަނަލް ނިންމުންތަކުގައި މުއިއްޒުގެ ނޫނީ ކެބިނެޓު ވަޒީރެއްގެ ނޫނީ ސިޔާސީ އެއްވެސް މީހެއްގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށެވެ.

މުންދު ވިދާޅުވީ އަނެއް ވާހަކައަކީ، ސިފައިންގެ ކޯސްޓުގާޑުން މުއިއްޒުއަށް ދިން ބްރީފިންގައި، މި އޮޕަރޭޝަން ކުރިއަށް ގެންދަން ގާބިލުކަން ނެތް ވާހަކަ ވިދާޅުނުވާ ކަމަށެވެ. ސިފައިން އެ ބްރީފިން ދިންއިރު، އޭނާ ވެސް އެ ތަނުގައި އިންނެވިކަން ހަނދުމަކޮށްދެއްވަމުން މުންދު ވިދާޅުވީ އެ އޮޕަރޭޝަނަކީ "ރިސްކީ" އޮޕަރޭޝަނެކޭ ބުނުމުގެ އިތުރަށް އެހެން ކަމެއްގެ ވާހަކަ އެ ބްރީފިންގައި ހިއްސާ ނުކުރާ ކަމަށެވެ. 

"އެއްވެސް ހާލެއްގައި އެ ބޭފުޅުންގެ ކެޕޭސިޓީ ދަށްވެގެން އެ ބޭފުޅުންނަށް ނުވާނެ ވަރު ކަމެއް މަތި ކުރުވާ ކަހަލަ އެއްވެސް ވާހަކައެއް ނުދެކެވޭ،" އޭނާ ވިދާޅުވި އެވެ.

މުންދުގެ މި ވާހަކަތަކާ ގުޅިގެން ނޫސްވެރިޔަކު ވަނީ އެމްއެންޑީއެފްގެ ކޮމާންޑާންޓް މުހައްމަދު ސަލީމް ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި، އެހާ ފުނަށް ފީނުމުގެ ގާބިލުކަން ސިފައިންގެ ނެތް ކަމަށް ވިދާޅުވި ނޫންތޯ އޭނާ ކުރެން އައްސަވާފަ އެވެ. ޖަވާބުގައި މުންދު ވިދާޅުވީ ސިފައިން އެ ވާހަކަތައް ދެއްކެވީ މުއިއްޒަށް  ބްރީފިން އެރުވި ފަހުން ކަމަށެވެ. 

މުއިއްޒުއަށް އެރުވި ބްރީފިންގައި، މުންދު ވިދާޅުވި ގޮތުގައި، މައިގަނޑު ގޮތެއްގައި ހިއްސާކުރީ އެ ދުވަހުގެ ހެނދުނު ސިފައިން ކުރި ޑައިވުގެ މައުލޫމާތެވެ. 

"ކެޕޭސިޓީގެ ވާހަކައެއް، އެޑިޝަނަލް ރިސްކެއް ނަގައޭ ތިމަންނާމެންނަށް އެބަ ކަމެއް ބޭނުންވެއޭ، ވިދާޅުވީނަމަ ހަމަ ހެޕިލީ އެކަން އޮބްވިއަސްލީ ސަރުކާރުން ފެސިލިޓޭޓް ވެސް ކޮށްދޭނެ،" އޭނާ ވިދާޅުވި އެވެ.

މުންދު ވަނީ ބޭރުގެ އެހީތެރިކަން ލިބިފަ އޮއްވާ އޮޕަރޭޝަން ކުރިއަށް ގެންދަން ނިންމުމާއި ބޭރުގެ ފަންނީ މާހިރުންގެ އެހީތެރިކަން ލިބުނު ފަހުން އޮޕަރޭޝަން މެދުކަނޑާނުލި ސަބަބާ ގުޅިގެން ވެސް ވާހަކަ ދައްކަވާފަ އެވެ. އޭނާ ވިދާޅުވީ އިޓަލީ ސަރުކާރާއި ޑައިވާސް އެލާޓް ނެޓްވާކް (ޑޭން) ޔޫރަޕުން އެހީތެރިކަން ހުށެހެޅިއިރު ވެސް ސިފައިން ރިކަވަރީ އޮޕަރޭޝަން ފަށައިފި ކަމަށެވެ.

ސަރުކާރުން ސިފައިންނާ މި މައުލޫމާތު ހިއްސާކުރީ މުއިއްޒުއަށް އެރުވި ބްރީފިންއަށް ފަހުގަ އެވެ. މުންދު ވިދާޅުވީ އިޓަލީ ސަރުކާރުގެ ޓެކްނިކަލް އެހީތެރިކަން ފޯރުކޯށްދޭން ހުށަހަޅާފައިވާ ކަމަަށް ފޮރިން މިނިސްޓަރު އިރުތިޝާމް ބްރީފިންއަށް ފަހު މުއާމަލާތް ކުރި ކަމަށެވެ. މިކަމަށް ސިފައިން އާނ ބަސް ބުނުމުން ވަގުތުންވަގުތަށް އިޓަލީ ސަރުކާރަށް އިޖާބަ ދީފަ ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ، 

ރިކަވަރީ އޮޕަރޭޝަނުގައި ސިފައިން އަދާކުރި ދައުރާ ގުޅިގެން މުންދު ވަނީ ސިފައިން ހިންގި އޮޕަރޭޝަން "ކުޑައިމީސް" ނުކުރަން އެދިވަޑައިގެންފަ އެވެ. އަދި، އޭނާ ވިދާޅުވި ގޮތުގައި ޑޭންގެ ޑައިވަރުންނަށް ރިކަވަރީ އޮޕަރޭޝަން ކާމިޔާބުކުރެވުނީ ސިފައިންގެ ޑައިވަރުން ކުރި މަސައްކަތުންނެވެ.

ސިފައިން ކުރިއަށް ގެންދިޔަ ރިކަވަރީ އޮޕަރޭޝަން މެދުކަނޑާލީ މަހުދީ ނިޔާވުމާ ގުޅިގެންނެވެ. މަހުދީ ނިޔާވި ފަހުން ސިފައިން ވަނީ ރިކަވަރީ އޮޕަރޭޝަނުގައި 30 މީޓަރަށް ވުރެ ފުނަށް ނުފީނާ ގޮތަށް ނިންމާފަ އެވެ. އެ އޮޕަރޭޝަނުގައި ފަހުން އިސްކޮށް އުޅުނީ ޑޭންއިން ރާއްޖެ ފޮނުވި ފިންލެންޑުގެ ތަޖުރިބާކާރު ޓެކްނިކަލް ޑައިވަރުންގެ ޓީމުންނެވެ.

ފިންލެންޑުގެ ޓީމުން ވަނީ ރިކަވަރީ އޮޕަރޭޝަނާ ގުޅި އެ މީހުން ކުރި ފުރަތަމަ ޑައިވުގައި ހޮހޮޅައިގެ ތެރޭގައި ތިބި އިޓަލީ މީހުން ހޯދާފަ އެވެ. މި ހަތަރު މީހުންގެ ހަށިގަނޑު ހޮހޮޅައިން ނެގީ ފަހަރަކު ދެ މީހަކު މަގުން ދެ ދުވަސް މަތިންނެވެ. ރިކަވާކުރި އެންމެންގެ ހަށިގަނޑު ވަނީ އިޓަލީއަށް ފޮނުވާލާފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox