ނޭމާ ހިމަނައިގެން ބްރެޒިލްގެ ވޯލްޑް ކަޕް ސްކޮޑު އިއުލާނުކޮށްފި

May 19, 2026, 5:13 AM
ބްރެޒިލްގެ ލީގުގައި ސަންޓޯސް ކުޅުނު މެޗެއްގެ ތެރެއިން ނޭމާ.

ބްރެޒިލްގެ ލީގުގައި ސަންޓޯސް ކުޅުނު މެޗެއްގެ ތެރެއިން ނޭމާ.

ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (މެއި 19) - ތިން އަހަރަށް ފަހު ބްރެޒިލްގެ ގައުމީ ޓީމުގެ ފައިނަލް ސްކޮޑުގައި ނޭމާގެ ނަން ހިމަނައި، މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގައި ވާދަކުރާނެ ބްރެޒިލްގެ ޓީމު އިއުލާނުކޮށްފި އެވެ

އުމުރުން 34 އަހަރުގެ ނޭމާ އެންމެ ފަހުން ބްރެޒިލަށް މެޗެއް ކުޅެދިނީ 2023 ވަނަ އަހަރު އެވެ. އަނިޔާ އާއި ފިޓްނަސްގެ އެކި މައްސަލަތަކުގެ ސަބަބުން ބްރެޒިލް ޓީމަށް ނޭމާ އަށް އެރޭ ގޮތެއްނުވި އެވެ.  މިދިޔަ މާޗް މަހު ބްރެޒިލުން ކުޅުނު އެކުވެރިކަމުގެ ދެ މެޗަށް ނެގި ޕްރިލިމިނަރީ ސްކޮޑު ލިސްޓުގައި ނޭމާގެ ނަން އޮތެވެ. އެކަމަކު، އަނިޔާއާ ހެދި ނޭމާ ވަކިވާން ޖެހުނީ އެވެ. 

ބްރެޒިލްގެ ކޯޗު، އިޓަލީގެ ކާލޯ އަންޗެލޮޓީ ބުނަމުން އައީ ފިޓްކޮށް ހުރެފިނަމަ ނޭމާ އަށް ބްރެޒިލްް ޓީމުން ފުރުސަތު އޮންނާނެ ކަމަށެވެ. އަންނަ މަަހު އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި ބާއްވާ ވޯލްޑް ކަޕްގައި ކުޅޭ ބްރެޒިލްގެ 26 ކުޅުންތެރިންގެ ސްކޮޑުގައި. ނޭމާގެ ނަން ހިމެނީ ފަހަކަށް އައިސް ފިޓްވުމަށްޓަކައި އޭނާ ކުރި މަސައްކަތް ކާމިޔާބުވެ، ބްރެޒިލްްގެ މެނޭޖްމަންޓަށް އެކަން ޔަގީންކޮށްދިނުމުންނެވެ. 

ވޯލްޑް ކަޕްގައި ކުޅޭ ސްކޮޑު އިއުލާނުކުރުން ބްރެޒިލުން ބޭއްވީ ރިއޯ ޑި ޖަނެއިރޯގައި ބޭއްވި އިވެންޓެއްގަ އެވެ. އެ އިވެންޓްގެ ތެރެއިން ސްކޮޑުގެ ކުޅުންތެރިންގެ ނަންތައް އިއުލާނުުކުރަމުން ދިޔައިރު، ނޭމާގެ ނަމާ އެކު ސަޕޯޓަރުންގެ އަޑުތައް ގަދަވި އެވެ. 

"އަހަރެމެން މުޅި އަހަރު މިދިޔައީ ނޭމާ އެނަލައިޒްކުރުމުގައި. އަހަރެމެންނަށް ވިސްނުނީ، އެންމެ ފަހުން މި އައި މުއްދަތުގައި ފިޒިކަލީ ނޭމާ އެ ހުރީ އެންމެ ރަނގަޅު ހާލަތުގައޭ،" އަންޗެލޮޓީ، 66، ބުންޏެވެ. 

ނޭމާ އަކީ ބްރެޒިލް ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ގައުމީ ޓީމަށް ކުޅެދިން 128 މެޗުން 79 ލަނޑު ޖަަހައިފަ އެވެ. 

ބްރެޒިލްގެ ސްކޮޑުން ޖާގަ ނުލިބުނު ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނީ މި ސީޒަނުގައި ޗެލްސީ އަށް 15 ގޯލު ޖަހައިދީ ފަސް ގޯލު ޖަހަން ފުރުސަތު ހޯދައިދިން ޖާއޯ ޕެޑްރޯ އަށެވެ. ޖާއޯ ޕެޑްރޯގެ އިތުރުން ޗެލްސީ އަށް ކުޅޭ އެސްޓެވާއޯ އަށް ވެސް އަނިޔާގެ ސަބަބުން ބްރެޒިލް ސްކޮޑުން ފުރުސަތު ނުލިބުނެވެ. 

ފަސް ފަހަރު ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ބްރެޒިލުން މި ފަަހަރުގެ މުބާރާތް ފަށާނީ، އަންނަ މަހު 13 ވަަނަ ދުވަހު މޮރޮކޯއާ ދެކޮޅަށް ކުޅޭ މެޗުންނެވެ. ދެ ވަަނަ މެޗުގައި ހައިޓީއާ ދެކޮޅަށް އަންނަ މަހުގެ 20 ވަނަ ދުވަހު ކުޅުމަށް ފަހު، އޭގެ ހަަތަރު ދުވަސް ފަހުން ގްރޫޕްގެ ފަހު މެޗުގައި ސްކޮޓްލެންޑާ ބައްދަލުކުރާނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން ޕޮޗެޓީނޯއާ އެކު ނުކުތް ޔުނައިޓެޑް ބަލިކޮށްފި

މައުރީސިއޯ ޕޮޗެޓީނޯގެ ކޯޗުކަމުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން 4-0 ގެ ބޮޑު ތަފާތަކުން ލިވަޕޫލް އަތުން ބަލިވެއްޖެއެވެ. މެޗުގެ ކުރީކޮޅު ޔުނައިޓެޑްގެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކުމުން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު މި މެޗުގައި ލިވަޕޫލްގެ ލަނޑުތައް ޖަހައިދިނީ ސޮބޯސްލާއި، ވާޓްޒް، އެންގުމޯހާ އަދި މުނޯޒްއެވެ.

ނިއު ބަލިކޮށް ވިކްޓަރީން ލީގުގެ އެއް ވަނައިގައި ލީޑުފުޅާކޮށްފި

ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓް 2-1 އިން ބަލިކޮށް، ވިކްޓަރީން ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުން ބަލިވުމާއެކު ލީގުގައި ނިއުގެ ބަލިނުވުމުގެ ސިލްސިލާ ނިމުމަކަށް އައިއިރު، ވިކްޓަރީ އަކީ މިވަގުތު ލީގުގައި ބަލިނުވެ އޮތް ހަމައެކަނި ޓީމު

މާޒިޔާ އަތުން ނިއު އަށް ފަސް ގޯލުގެ މޮޅެއް

އެފްއޭއެމް ވިމެންސް ލީގުގައި މިއަދު ކުޅުނު މެޗުން ނިއު ރޭޑިއަންޓުން 5-0 ގެ ބޮޑު ތަފާތަކުން މާޒިޔާ ބަލިކޮށް، ތިން މެޗުން މޮޅުވެ ތާވަލުގެ އެއްވަނަ ކަށަވަރުކޮށްފި. މި މެޗުގައި ނިއުގެ ސަބީނާ ކަތުން އާއި މަރިޔަމް ނޫރާ ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހިއިރު، މިއީ މިދިޔަ އަހަރުގެ ޗެމްޕިއަން މާޒިޔާ މި މުބާރާތުގައި ބަލިވި ފުރަތަމަ މެޗު

ފަހަތުން އަރައި މޮޅުވެ ބާސެލޯނާ އިން އެއް ވަނަ ދިފާއުކޮށްފި

ސްޕެނިޝް ލީގުގައި ވިޔަރެއާލް އަތުން 3-2 އިން މޮޅުވެ، ބާސެލޯނާ އިން ތާވަލުގެ އެއްވަނަ މަގާމު ދިފާއުކޮށްފިއެވެ. މެޗުގެ ކުރީކޮޅު ވިޔަރެއާލުން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ބާސެލޯނާ އިން މެޗު ކާމިޔާބުކުރީ ދެވަނަ ހާފުގެ 10 މިނިޓް ތެރޭގައި ތިން ލަނޑު ޖަހައިގެންނެވެ.

ޓީސީ ބަލިކޮށް އޮޑި ހަތަރު ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، އޮޑި ސްޕޯޓްސް ކްލަބް ތާވަލުގެ ހަތަރު ވަނައަށް ޖެހިލައިފި ޓީސީން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އޮޑިން މެޗު ކާމިޔާބުކުރީ ހަޑްސަން ޑިއާޒް ޖެހި ދެ ގޯލާއި ކެޕްޓަން އިބްރާހިމް ވަހީދު ހަސަން (އިއްބެ) ޖެހި ލަނޑުން

އިންޑިއާ ފުޓްބޯޅަ ރައީސް ޗޯބޭގެ ނުސީދާ ރައްދެއް ބުޓިއާ އަށް

އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ކަލްޔާން ޗޯބޭގެ އިސްތިއުފާ އަށް އެދި ބައިޗުން ބުޓިއާ އިސްވެ ހުރެ ޝަކުވާ ހުށަހެޅުމުން، ޗޯބޭ ވަނީ އެކަމަށް ނުސީދާ ރައްދެއް ދެއްވާފައި . ޗޯބޭ ވިދާޅުވީ ފުޓްބޯޅަ ކުރިއަރުވަން މަސައްކަތް ކުރާއިރު ޒިންމާދާރު ގޮތެއްގައި ފާޑުކިޔަންޖެހޭނެ ކަމަށާއި، ފެޑެރޭޝަނުގެ ލީޑަޝިޕްގައި ތިބި އެންމެން ވެސް ޖަވާބުދާރީވާން ޖެހޭނެ ކަމަށް

މުސިއާލާގެ ވާހަަކަ ބަޔާންގެ ވެރިން ދެއްކި ގޮތް ކަމަކުނުދިޔަ

ބަޔާން މިއުނިކްގެ މިޑްފީލްޑަރު ޖަމާލް މުސިއާލާއަށް ނާރުގެ ބައްޔެއް ޖެހިފައިވަނިކޮށް، އޭނާގެ ކޮންޓްރެކްޓާ މެދު އެ ކްލަބުގެ އިސްވެރިން ދެއްކެވި ޒިންމާދާރުކަން ކުޑަ ވާހަކަތަކަށް ފިފްޕްރޯ އިން ފާޑުކިޔައިފިއެވެ. އެ ޖަމިއްޔާއިން ބުނީ ބަލި ހާލަތެއްގައި ހުރި ކުޅުންތެރިއެއްގެ މުސްތަގުބަލާ މެދު ވާހަކަދެއްކުމުގައި ބަޔާނުން މިއަށްވުރެ ބޮޑަށް ސިއްހީ ހާލަތަށް އިހުތިރާމްކުރަން ޖެހޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox