ސޯފާ ހެލޭ ގޮތުން ކުރެވޭ ދޭހައާއި ޚަބީރުންގެ ރައުޔު

އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ މަންޒަރެއް

އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ މަންޒަރެއް

'އައިޝާ' ޑޮކިއުމަންޓްރީގެ މައްސަލައިގެ ފަސްފަހަތް އަޅުގަނޑުމެން އެންމެންނަށް އެނގެ އެވެ. އެހެންވެ ދިގުކޮށް އެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. އެ ޑޮކިއުމަންޓްރީގައި ކިޔައިދެނީ ވަޒީފާއަކަށް އެދި ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ދިޔަ އެކަނިވެރި މަޔަކަށް ވަޒީފާގެ ފުރުސަތު ދެއްވައި، ކައިވެނިކުރައްވާނޭ ކަމުގެ ވައުދުވެވަޑައިގަތުމަށް ފަހު އޭނާގެ ފުށުން ނާޖާއިޒު މަންފާ ހޯއްދެވިކަމަށް އޭނާ ކުރާ ތުހުމަތުތަކެވެ.

އެ ޑޮކިއުމަންޓްރީ ގެނެސްދިނީތީ އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އެއޮތީ ގަޒުފު ކުރުމުގެ ދައުވާކޮށްފަ އެވެ. މިއީ ރާއްޖޭގައި އާންމުކޮށް ކުރެވޭ ބާވަތުގެ ދައުވާއެއް ނޫނެވެ. އަދި މަދުމަދުން މިފަދަ ދައުވާ ކުރެވުނަސް، އެއާމެދު މީހުން މާބޮޑު ސަމާލުކަމެއް ދޭ ބާވަތުގެ ދައުވާތަކެއް ވެސް ނޫނެވެ. މިފަހަރު މިއީ ކަމަކަށް ވެގެން މިއުޅެނީ މި އިސްލާމީ ދައުލަތުގެ އެންމެ މަތީ ވެރިޔާ މިކަމުގައި ޝާމިލުވާތީ އެވެ.

ގަޒުފުކުރުމަކީ ކޮބައިކަމާއި ސާބިތުކުރުމަށް ބޭނުންވާ އުންސުރުތައް

ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާގައިވާގޮތުން ގަޒުފުކުރުމަކީ އެ ތުހުމަތަކީ ދޮގު ތުހުމަތެއްކަން އެނގިހުރެ، މި ގާނޫނުގެ 411 ވަނަ މާއްދާގެ ނުވަތަ 413 ވަނަ މާއްދާގައި ބުނާގޮތަށް މީހަކު ޒިނޭ ކޮށްފިކަމަށް ނުވަތަ ކުރަމުންދާކަމަށް ބުނެ މީހަކާމެދު ތުހުމަތުކޮށް، އެވާހަކަ ދެއްކުން ނުވަތަ ތަކުރާރުކުރުމެވެ. މި މާއްދާގެ އިބާރާތަށް ބެލުމުން އެ ކުށް ސާބިތުކުރުމަށްޓަކައި ބޭނުންވާ އުންސުރުތައް ދެނެގަނެވިދާނެ އެވެ. އެއީ؛

(1)    މީހަކު ޒިނޭކޮށްފި ކަމަށް ނުވަތަ ކުރަމުންދާ ކަމަށް ބުނުން

(2)    އެ ތުހުމަތަކީ ދޮގު ތުހުމަތެއްކަން އޭނާއަށް އެނގުން

މިކުށް ސާބިތުވުމަށްޓަކައި 'އެނގުން' ނިސްބަތްވަނީ ކުށުގެ އަމަލުގެ ރުކުނަށް ކަމަށްވާތީ އޭނާ އެކުރާ އަމަލަކީ އެޒާތުގެ ނުވަތަ އެބާވަތުގެ އަމަލެއްކަން އޭނާއަށް އެނގިގެންވާކަން ސާބިތުކޮށްދިނުމުން އެ އުންސުރު ފުރިހަމަ ވެ އެވެ. އޭނާ އެ ބުނާ ބުނުމަކީ ދޮގު ތުހަމަތެއް ނޫންކަމަށް އޭނާއަށް ވިސްނިފައި އޮވެދާނޭ ހާލަތެއް އޮތްކަން ދައުވާލިބޭމީހާ ސާބިތުކޮށްދީފިނަމަ އެ މައްސަލައިގައި ސާބިތުކޮށްދޭންޖެހޭ އެއް އުންސުރު ސާބިތުކޮށްނުދެވުނީ އެވެ. މިސާލަކަށް ޒިނޭގެ އަމަލުތަކުގެ މައްސަލަ ބަލައި ނިޔާ ކަނޑައަޅަންހުރި ފަނޑިޔާރަކު ރަށު ހޮޅުއަށީގައި އިނދެ 'މަ މިވެނި މީހެއްގެ މައްޗަށް ޒިނޭކުރިކަން ސާބިތުވެގެން ހުކުމް ކުރީމޭ' ބުނާ އަޑު އަހާ މީހާ، އެއީ ތެދު މައުލޫމާތެއް ކަމަށް ގަބޫލުކުރާނެ އެވެ. އެހެންވީމާ ދެން ޒުވާބެއް ކޮށްލާ ދުވަހަކު އޭނާ އެ ވާހަކަ ގޮވާލާނީ އެ ގާޒީގެ ފުށުން ލިބުނު މައުލޫމާތު ތެދުކަމަށް ދެކިގެން ހުރެ އެވެ.

ދެވަނަ، އަދި އެންމެ މުހިންމު އުންސުރަކީ ވަކި މީހަކު ޒިނޭކުރި ކަމަށް ނުވަތަ ކޮށްފި ކަމަށް ބުނުމެވެ. ބުނުމަކީ ދުލުން ބުނުމެވެ. ހިތުން ނިޔަތް ގަތުމެއް އިނގިލިން އިޝާރާތެއް ކުރުމެއް ނޫނެވެ. ހަމަ ބުނުމެވެ.

'އައިޝާ' ޑޮކިއުމަންޓްރީގެ އެއްވެސް ހިސާބެއްގައި އެ ޑޮކިއުމަންޓްރީގައި ވާހަކަ ދައްކާ ކުއްޖާ ވެސް، އަދި ރިޕޯޓަރު ވެސް 'ޒިނޭ' މި ބަސް ބޭނުންކޮށްފަ އެއް ނުވެ އެވެ. 'ރައީސް އަޅުގަނޑާއެކު ތިންފަހަރު ސެކްސް ކުރި' ކަމަށް ބުނި ބުނުމަކީ 'ޒިނޭ' ކުރި ކަމަށް ބުނުންތޯ އެއީ ބަސްވާރުންގެ މެދުގައި މިހާރު ވެސް އިހުތިލާފު އުފެދި ބޮޑެތި ބަހުސްތައް ކުރެވެމުންދާ ކަމެކެވެ. މިވީ ދުވަސްކޮޅުގައި ކުރެވުނު ބަހުސްތަކުން އެކަމުގައި ކިތަންމެ މަޒުހަބެއް އުފަންވެގެން ގޮސްފި އެވެ. އެހެންވީމާ 'ސެކްސް ކުރުން' އެއީ ޒިނޭ ކުރުން ކަމުގެ މައްޗަށް އެންމެން އިއްތިފާގު ރައުޔެއް ނެތެވެ.

އެހެންވީމާ، ރައީސް ޒިނޭ ކުރިކަމަށް މީހަކު ތުހުމަތެއް ނުވެސް ކުރެ އެވެ. މިސްކިތު ހުޅުޖެހިމީހާއަށް ވެވަޑައިގެންނެވުނީ ރައީސް އަމިއްލަފުޅަށެވެ. އެ ޑޮކިއުމަންޓްރީގައި އެކިޔަނީ ޒިނޭކޮށްފިޔޭ ވިދާޅުވީ ރައީސް އެވެ. އެ ވިސްނުން މީހުންގެ ބޮލަށް ވެއްދީ އެހެން ދެވަނަ އިންސާނެއް ނޫނެވެ. ހަމަ ރައީސުލްޖުމްހޫރިއްޔާ އެވެ.

'ޒިނޭކުރިކަމަށް ތުހުމަތުކުރުން' އެއީ މި ބާވަތުގެ މައްސަލަތަކުގައި ސާބިތުކޮށްދޭންޖެހޭ އުންސުރެއްކަން ޕީޖީ އޮފީހަށް އެނގިވަޑައިގަންނަވާނެ އެވެ. އެހެންވެ ޕީޖީ އޮފީހުން އިރުޝާދު ދެއްވައިގެން، އެ ބައި ފުރިހަމަ ކުރެއްވުމަށްޓަކައި ފުލުހުން ވެސް ތަހުގީގުގެ ދާއިރާ ފުޅާކުރައްވައިފި އެވެ. ޒިނޭގެ ތުހުމަތުކޮށްފައި އޮތްކަން ސާބިތުކުރާނެ ގޮތަކާމެދު ފިކުރު ހިންގެވުމަށްފަހު އެކަން ކުރައްވާން ނިންމެވީ އެކްސްޕާޓް އޮޕީނިއަން ނުވަތަ ހަބީރުންގެ ރައުޔުގެ މައްޗަށެވެ.

ފުލުހުން ކުރެއްވި ކަމަކީ އެ ޑޮކިއުމަންޓްރީގެ ވަކި ހިސާބަކުން ސޯފާ ހެލޭ މަންޒަރުން ކުރެވޭ ދޭހައަކީ ކޮބައިތޯ ބައްލަވަން ބައެއްގެ ރައުޔު ނުވަތަ ދެކޭ ގޮތް ހޯއްދެވީ އެވެ. އެކަމުގައި ކުރިއަށް ޖެހިވަޑައިގެންނެވި އެއް ބޭފުޅަކީ ޒަމްޒަމް ފާރިޝް ނަމަކަށް ކިޔާ ބޭފުޅެކެވެ. އަޅުގަނޑަށް އެކަން އެނގުނީ އެތައް ބަޔަކު ސޯޝަލް މީޑިއާއަށް ދޫކޮށްފައިވާ ބަޔާނަކުންނެވެ. 

ސޯފާއެއް ހެލޭގޮތަށް ބަލައި އެ ސޯފާ މަތީގައި ކުރެވޭ އަމަލު ދެނެގަންނާނޭ ގޮތުގެ މައްޗަށް ވަކި އިލްމެއް ވުޖޫދުވެފައި އޮތްކަން އަޅުގަނޑަށް އެނގިފައިއެއް ނެތެވެ. އެއްވެސް މަދަރުސާއަކުން އުގަންނައިދޭ މުގައްރަރުގައި އެފަދަ އިލްމަކާ ގުޅޭ މާއްދާއެއް ހިމެނިފައިވޭތޯ ޖެހޭނީ ދިރާސާކުރާށެވެ.

ޒަމްޒަމް ފާރިޝްއަށް ފުލުހުން އެޑޮކިއުމަންޓްރީ ދެއްކުމުން ވަރަށް ފަރުވާތެރިކަމާއެކު ބައްލަވާފައި ވިދާޅުވީ އެ ސޯފާ ހެލޭ ގޮތުން އެ ސޯފާ މަތީގައި ކުރެވުނީ ޒިނޭކަމަށް އޭނާއަށް ދޭހަކުރެއްވޭ ކަމަށެވެ. ހަލަނި މީހަކު ނިދީގައި ތެޅިފޮޅޭއިރު ސޯފާ ހެލޭނޭ ގޮތާއި، ބައްދައި ތޮޅޭއިރު ސޯފާ ހެލޭނޭ ގޮތާއި އަތްއަތަށް ފުރޮޅޭއިރު އަންނާނޭ ހެލުމާއި ޒިނޭކުރާއިރު ސޯފާ ހެލޭގޮތް ތަފާތު ވަނީ ތޯއްޗެކެވެ. އެނގޭނީ އިލްމުގެ އަހުލުވެރިންނަށެވެ. ފުލުހުން މިކަމުގައި އަމަލުކޮށްފައި އޮތީ އަލްނަޙްލު ސޫރަތުގެ 43 ވަނަ އާޔަތަށް ކަމަށް ލަފާކުރެވެ އެވެ. އެ އާޔަތުގެ މާނައިގައި އޮތީ 'ފަހެ، ތިޔަބައިމީހުން ނުދަންނަ ކަމުގައިވާނަމަ އިލްމުގެ އަހުލުވެރިންނާ ތިޔަބައިމީހުން ސުވާލުކުރާށެވެ" މިހެންނެވެ.

ސޯފާ ހެލޭގޮތާއި މިންވަރާމެދު ވިސްނުން ހިންގައި އެއިން ދޭހަތައް ނެރުމަކީ ތަދު އިލްމެކެވެ. މިފަދަ އިލްމުތަކަށް އަޅުގަނޑުމެން ރައްކާތެރިނުވެއްޖެނަމަ، އާސިފުބުނު ބަރުޚިޔާއާއެކު ވަޅުލެވުނު އިލްމު ފަދައިން މި އިލްމު ވެސް ނެތިދާނީ އެވެ. އެހެންވީމާ މިއީ ސަމާލުވުން މުހިންމު އިލްމެކެވެ.

ހެކީގެ ގޮތުގައި ރައުޔު ހުށަހެޅުމާއި ޚަބީރުންގެ ރައުޔުގެ ތަފާތު

ހެއްކާބެހޭ ގާނޫނުގެ 120 ވަނަ މާއްދާގައި އޮތީ "ވަކި ވާގިއާއެއް ވުޖޫދުގައި އޮތްކަމަށް މީހަކު ދޭ ރައުޔަކީ، މި ގާނޫނުގައި އެހެންގޮތަކަށް ކަނޑައަޅާފައިނުވާހާ ހިނދަކު، އޭގެ ޒާތުގައި ހެކީގެ ގޮތުގައި ބަލައިގަނެވޭނެ ރައުޔެއް ނޫނެވެ." މިހެންނެވެ. ކޮންމެ ކަމެއްގައި ކޮންމެ މީހެއްގެ ވެސް ރައުޔެއް އޮންނާނެ އެވެ. ވަކި ހަގީގަތަކާމެދު މީހަކު ދެކޭ ގޮތަކީ ޝަރުއީ ކޯޓެއްގައި ކަމެއް ސާބިތުކުރަން ބޭނުންކުރެވޭނޭ ހެކިބަހަކަށް ފުދިގެން ނުވާނެ އެވެ. ގާނޫނުގެ 120 ވަނަ މާއްދާގައި އެ ބުނަނީ އެ ވާހަކަ އެވެ.

އެހެންވިޔަސް އެ މާއްދާތަކަށް އިސްތިސްނާތައް އެބަހުއްޓެވެ. އެއީ ކަމާ ގުޅޭ ޚަބީރަކު ނުވަތަ އެކްސްޕާޓަކު ދޭ ރައުޔަކަށް ވުމެވެ. މިސާލަކަށް، މީހެއްގެ ނަފްސާނީ ހާލަތު ހުރީ ކިހިނެއްތޯ ބަލައި ކޯޓަށް ރައުޔެއް ދޭނީ އެކަމުގެ އިލްމު ލިބިހުރި ޚަބީރެކެވެ. ލިޔެކިޔުންތަކުގެ ސައްހަކަން ދެނެގަންނަން ރައުޔު ދޭނީ އެ އިލްމުގެ ޚަބީރުންނެވެ.

ހެއްކާބެހޭ ގާނޫނުގެ 120 ވަނަ މާއްދާ އެހެން އޮއްވައި، ސޯފާއެއް ހެލޭގޮތުން ކުރެވޭ ދޭހައަކީ ކޮބައިކަމާމެދު މީހެއްގެ ރައުޔު ހޯދައި ޕީޖީ އޮފީހުން ކޯޓަށް ހުށަހަޅާނީ އޭނާއަކީ އެކަމުގެ އެކްސްޕާޓެއް ކަމަށް ދެކޭތީ އެވެ. އެކަންކަން ދެނެގަންނާނޭ އިލްމެއް އޮތީތީ އެވެ. މި ޚަބީރާ ދިފާއީ ވަކީލެއްގެ ހައިސިއްޔަތުން ޝަރީއަތުގައި ސުވާލުކޮށްލަން ލިބުމަށްވުރެ ބޮޑު އުފަލެއް ގާނޫނީ ވަކީލަކަށް ލިބިދާނެބާއޭ ހިތަށް އަރަ އެވެ. މަޖާ ވާނެ އެވެ.

ދިވެހި ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލް ހަމަ އެވަރަށް ގޮތް ހުސްވީތޯ އެވެ. މުޅި ދައުލަތުގެ ނަމުގައި ކުރަންވާން ވާނީ ދިވެހި ރައްޔިތުން ވެސް ދުނިޔޭގެ ކުރިމަތީގައި ލަދު ގަންނަން ނުޖެހޭނޭ ކަހަލަ ކަންކަމެވެ. މި އެނގުނީތާ އެވެ. މި މައްސަލައިގެ ލިޔެކިޔުންތައް ފޮރުވައިގެން ޝަރީއަތް ހިންގަން އުޅެނީ މި ދައުވާގެ ހަމަނުޖެހޭ ކަމުންނެވެ. އެކަމަކު ވެސް ބޭރުވި ގޮތަކަށް ބޭރުވެގެން މި ލިޔުން ސޯޝަލް މީޑިއާގައި އެނބުރޭތީ އަޅުގަނޑަށް ވެސް ފެނުމުން މިކަމާ ބަހެއް ބުނެނުލައި ނުހުރެވުނީ އެވެ. ފުލުހުންގެ ތަހުގީގާއި ދައުލަތުން ކުރާ ދައުވާތަކާއި ކޯޓުގައި ކުރާ ޝަރީއަތްތަކާއި ގާނޫނީ މަފުހޫމުތަކަކީ އަޅުގަނޑުގެ ނަޒަރުގައި ހުރުމަތްތެރި ކަންކަމެވެ. އެކަންކަމަކީ ޖޯކަކަށް ހައްދަވައި އެ ހިނދަކަށް ބޭނުންޖެހޭ ގޮތަކަށް ލަންބަމުން ބަޅުކުރަމުން ގެންދިޔައިމާ ހަލާކުވާނީ މުޅި ޖުޑީޝަރީގެ އޮނިގަނޑެވެ.

އެޑިޓަރުގެ ނޯޓު: މިއީ މި ލިޔުންތެރިޔާގެ އަމިއްލަ ހިޔާލެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox