ސުޕްރީމް ކޯޓުގެ ހުކުމާއެކު ސިނާނުގެ ގޮނޑި ގެއްލިއްޖެ

ހިތަދޫ އުތުރު ދާއިރާގެ މެންބަރު ސިނާން:  -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހިތަދޫ އުތުރު ދާއިރާގެ މެންބަރު ސިނާން: -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު، މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ. 

ސުޕްރީމް ކޯޓުން މި މައްސަލައިގައި ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅީ މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އެވެ. 

"ހިތަދޫ ކޯޓުގެ ގަޒިއްޔާއިން މުހައްމަދު ސިނާނުގެ މައްޗަށް ސާބިތުވި ދަރަނި އެ ހުކުމާ އެއްގޮތަށް ދައްކާފައި ނުވުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން މުހައްމަދު ސިނާނު ވަކިވެއްޖެ ކަމަށް ކަނޑައަޅަން،" ހުކުމް އިއްވަމުން ޝުޖޫން ވިދާޅުވި އެވެ. 

އޭނާގެ ރައުޔަށް ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް، ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމް ތާއިދު ކުރެއްވި އެވެ.

މިއީ އެންމެ މަތީ ކޯޓުގެ ހުކުމަކާއެކު ވިހިވަނަ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލުނު ފުރަތަމަ ފަހަރެވެ. 

ސިނާނުގެ ގޮނޑި ގެއްލުނު ކަމަށް ބުނެ މައްސަލައެއް ހުށަހެޅީ، ސިނާން އާއި އެހެން ބަޔަކާ ގުޅިގެން އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއްގެ މައްސަލައިގައި ކުރި ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކި މައްސަލައެއް ފެންމަތިވުމުންނެވެ. އެ މައްސަލައިގެ އަޑުއެހުންތައް މިދިޔަ ޖުލައި މަހު ވަނީ ނިމިފަ އެވެ.

އެ މައްސަލައިގައި ހިތަދޫ ކޯޓުން އޮކްޓޯބަރު، 2024، ގައި ހުކުމް ކުރީ ހަ މަހަށް ބަހާލައިގެން 2.5 މިލިއަން ރުފިޔާ ދެއްކުމަށެވެ. އެ ހުކުމް އިއްވީ ސިނާނުގެ ޣައިރު ހާޒިރުގަ އެވެ. ސިނާނުގެ ވަކީލު ކޯޓުގައި ވިދާޅުވި ގޮތުން ނަމަ، ސިނާނަށް މި ހުކުމެއް އޮތް ކަން އެނގުނީ އެ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކައިގެން އެމްއައިބީން ކޯޓަށް ތަންފީޒީ މައްސަލަ ހުށަހެޅުމުންނެވެ.

ސިނާނުގެ ގޮނޑި ގެއްލުނުކަމަށް ބުނާ މައްސަލައިގައި ބާއްވާފައި ވަނީ ދެ އަޑުއެހުމެކެވެ. ފުރަތަމަ ބޭއްވި އަޑުއެހުމުގައި މެންބަރު ސިނާނު ވަނީ މި މައްސަލައިގައި ހުކުމް ކުރި ކަމާއި ތަންފީޒީ މައްސަލަ ހުށަހެޅިކަން ނޭނގޭ ކަމަށް ބުނެ ދިފާއު ނަންގަވައިފަ އެވެ. ނަމަވެސް، މިއަދު ސުޕްރީމް ކޯޓުން ބުނި ގޮތުގައި އެއީ އެއްވެސް ބުރަދަނެއް ދެވޭނެ ހަމައެއް ހުރި ވާހަކަތަކެއް ނޫނެވެ. 

"ކޯޓުން ކުރާ ހުކުމެއްގެ ބާރު ހުކުމް ކުރާ ހިސާބުން ދެމި އޮންނާތީ އާއި ގާނޫނު ނޭނގުމަކީ ކޯޓުގެ ކުރިމަތީގައި ހުއްޖަތެއް ކަމުގައި ނުވާތީ އާއި އަމިއްލަ އަމަލުތަކުގެ ސަބަބުން މެދުވެރިވާ ކަންތައްތަކުގެ ހަގީގަތް ނޭނގޭތީ ޒިންމާ ނަގަން ނުޖެހޭ ކަމަށް ބުނުމަކީ ގާނޫނު ގަބޫލުކުރާ ކަމެއް ނޫން،" ޝުޖޫންގެ ރައުޔުގައި ވިދާޅުވެފައިވެ އެވެ. 

ޖުލައި 13، 2025 ގައި އޮތް އެ މައްސަލައިގެ ދެވަނަ އަޑުއެހުމުގައި ސިނާނުގެ ވަކީލު މޫސާ އާލިމް ވިދާޅުވީ، މި މައްސަލައިގައި ހުކުމް ކުރިކަން ސިނާނަށް އެނގުނީ މިދިޔަ އަހަރުގެ ޖެނުއަރީ 22، ގައި ކަމަށެވެ. އަދި، މި ހުކުމް ކުރިކަން އެނގުމާ އެކު މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އާ މުއާމަލާތްކޮށް، ފައިސާ ދައްކާނެ ގޮތަކާ މެދު އެއްބަސްވުމަކަށް އައިސް، އެ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ސިނާނުގެ ފަރާތުން ކޯޓަށް މައުލޫމާތު ދީފައި ވެ އެވެ.

ނަމަވެސް، ހިތަދޫ ކޯޓުން ހުކުމް ކުރި ދުވަހު އެމްއައިބީން ވަނީ ސިނާނަށް އެ ހުކުމް ވައިބާއިން ފޮނުވައިފަ އެވެ. އެމްއައިބީން ހުކުމާ އެކީ ފޮނުވި މެސެޖުގައި ވަނީ "މޯލްޑިވްސް އިސްލާމިކް ބޭންކް އިން ދައުވާކުރި މައްސަލަ ޣައިރު ހާޒިރުގައި ހުކުމް ކޮށްފައިވާތީ ޝަރީއަތް ނިމުނު ގޮތް ފޮނުވިން" މިހެން ލިޔެ، މެސެޖު ލިބުނުކަން ހިއްސާކޮށްދޭން އެދިފަ އެވެ. މި މެސެޖު ފޮނުވިތާ ގަޑިއިރެއް ނުވަނީސް "ގޮޓް ތެންކް ޔޫ" ޖަހާފައި މި މެސެޖަށް ސިނާނު ރިޕްލައިކޮށްފައިވެ އެވެ.

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ، އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ ނަމަ، މަޖިލީހުގެ މެންބަރު ކަމަށް ވާދަ ވެސް ނުކުރެވޭނެ ކަމަށާއި މެންބަރެއްގެ ގޮތުގައި ހުއްޓައި އެފަދަ ހާލަތެއް މެދުވެރި ވެއްޖެ ނަމަ މެންބަރުކަމުގެ ޝަރުތު ގެއްލޭނެ ކަމަށެވެ.

2024 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ސިނާނު ކާމިޔާބު ކުރެއްވޯ 1079 ވޯޓާއެކު 39 ޕަސެންޓު ވޯޓާއެކު އެވެ. އެންމެ ކައިރިން ވާދަކުރެއްވީ ނަވާރަވަނަ މަޖިލީހުގެ ރައީސްކަން ކުރެއްވި މުހައްމަދު އަސްލަމް އެވެ. އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި އަސްލަމްއަށް 838 ވޯޓު ލިބިވަޑައިގަތެވެ. 

ސިނާނުއަކީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އާއި ޕެޓިޝަން ކޮމިޓީ އަދި ގެދޮރުވެރިކަމުގެ ކޮމިޓީގެ މެންބަރެކެވެ.

އެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން 60 ދުވަހުގެ ތެރޭގައި ބާއްވަން ޖެހޭނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox