އެމްޑީޕީގެ އެތެރޭގެ ކޯޅުމަކީ އަބަދުވެސް ވަގުތީ ކަމެއްކަން ދަންނާށެވެ.

އެމްޑީޕީގެ ލީޑަޝިޕް

އެމްޑީޕީގެ ލީޑަޝިޕް

ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާ ދެމެދު އެމްޑީޕީގެ ކަންކަން ހިނގައިދިޔަ ގޮތް ކިޔައި ބަލާށެވެ. ބޭރަށް ފެނުނީ ހަރަކާތެއް ނެތްތަނެވެ. ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބާއި ކައުންސިލް އިންތިހާބާއި ބޭއްވި ނަމަ ބޭއްވިހައި ބައި އިލެކްޝަންތަކުން ވެސް ވީ ބައްޔެވެ. 2015 ވަނަ އަހަރު ރައީސް ނަޝީދު ހައްޔަރުކުރުމުން ޕާޓީގެ ހަރަކާތްތަކެއް ކުޑަކޮށް ފެނިލާފައި، އެމަނިކުފާނަށް ހުކުމް ކުރުމާއެކު ޕާޓީ އަނެއްކާ ވެސް މާޔޫސްވެ ގެޔަށް ވަނީ އެވެ.

ޕާޓީގެ ހަރަކާތްތައް ހިނގައިގަންނާން ފެށީ، އެތައް ތަރިތަކެއް ސީދާވެ، 2017 ގެ ތެރޭގައި ހެޔޮ އިރުވަރުގަ އެވެ. އެތެރޭގައި އޭރުވެސް ލީޑަރުންގެ މެދުގައި އޮތީ ފިނި ހަނގުރާމައެކެވެ. ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވުމުގެ އުއްމީދުގައި ތިއްބެވި ބޭފުޅުންނާއި ރައީސް ނަޝީދަށް ވާދަ ނުކުރެވޭ އިންތިހާބެއްގައި ބައިވެރި ނުވުމަށް ވަކާލާތުކުރި ބޭފުޅުންނާއެކު މަޑުގިނީގައި އަނދަމުން ދިޔައީ ފިތުނައިގެ އެތައް ކަންޏެކެވެ. ދެހާސް އަށާރައިގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރާނޭ ކެންޑިޑޭޓަކު ކަނޑައެޅުމާ ހަމައަށް ދިޔައިރު ރައީސް ނަޝީދު ބާރު އެޅުއްވީ އެ އިންތިހާބު ބޮއިކޮޓް ކުރުމަށެވެ. އެހެންނަމަވެސް ފަހު ވަގުތު އެތައް ބައެއްގެ ބާރު އެޅުމާއެކު އެ ވިސްނުން ދޫކުރައްވައި، ކެންޑިޑޭޓަކު ނެރެގެން އެ އިންތިހާބު ކާމިޔާބު ކުރީ އެމްޑީޕީންނެވެ. ދުވަހަކު ފިކުރު ދިމާނުވާނޭ ކަހަލަ ކިތަންމެ ޕާޓީއަކާއި ސިޔާސީ ލީޑަރުންގެ ތާއީދު ހޯދައި އެ އެންމެން އެއް އޮޑިއަކަށް އެރުވީ އެމްޑީޕީ އިސްވެ އޮވެގެންނެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވީއިރު ވެސް ޕާޓީގެ އެތެރޭގައި އޮތީ ކޯޅުމެވެ. ގުޅިފައިވާ ޕާޓީތަކަށް ގޮނޑިތައް ބަހާލާނޭ ގޮތަކާމެދު އެއްބަސްނުވެވި، އެތައް ޒުވާބަކާއި އަރައިރުމެއް ދިޔަ އެވެ. އެކަން ނިމިގެން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ ފަސްދޮޅަސް ފަސް ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްގެންނެވެ.

ދެހާސް ތޭވީސް ވަނަ އަހަރާ ހަމައިން އުފެދުނީ ބޮޑު މައްސަލައެކެވެ. އެމްޑީޕީގެ އާންމު މެންބަރުންގެ މެދުގައި އެންމެ މަގުބޫލު ދެ ލީޑަރުންގެ ކޯޅުމެވެ. ރައީސް ނަޝީދު އެމްޑީޕީއާ ދުރަށް ވަޑައިގަތީ ޕާޓީ ރޫޅާލައްވާނޭ ކަމަށް ގަދަބަސް ވިދާޅުވެފަ އެވެ. އެކަމަކު ނިމިދިޔަ ކައުންސިލް އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކޮށްދެއްވުމަށް ކުރެއްވި މަސައްކަތް ކުޑަ ނޫންކަން ގައިމެވެ. ރޫޅާލައްވާނޭ ކަމަށް ވިދާޅުވި ޕާޓީއަށް މެންބަރުން އިތުރުކޮށް އެ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ދޮރުންދޮރަށް ހިންގެވި އެވެ. އެމްޑީޕީއާ ގާތްނުވާނޭ ކަމަށް ގޮވި އެތައް ބަޔަކު، އެންމެ މުހިންމު ދަނޑިވަޅުގައި ތިބީ އައިސް އެ ޕާޓީގެ މަސައްކަތުގަ އެވެ.

މިހައި ދިގު ހާސަރުތަކެއް މި ދަމަނީ އެމްޑީޕީއަކީ ރާއްޖެ މި ދެކޭ ސިޔާސީ ބަދަލުގެ ބިންގާ އެޅި ޕާޓީއޭ ދަންނަވަން ވެގެންނެވެ. އެ ޕާޓީގައި ތިބި ލީޑަރުންނަކީ މުޅި ރާއްޖެ ދަންނަ ސިޔާސީ ލީޑަރުންނަށް ވީ އެ ޕާޓީގެ ކުލައާއެކު ރައްޔިތުން ގާތަށް ގޮސް ކުރި މަސައްކަތުންނެވެ. އެމްޑީޕީއަކީ ކުރިއްސުރެ ސިޔާސީ ހައިސިއްޔަތު އޮތް ލީޑަރުންތަކެއް ނުކުމެ، އުފަންކުރި ޕާޓީއެއް ނޫނެވެ. އެޕާޓީގެ ލީޑަރުން އުފެދުނީ އެޕާޓީގެ ހަރަކާތްތަކުގެ ސަބަބުންނެވެ. ރާއްޖޭގެ އެހެން ސިޔާސީ ޕާޓީތަކާ އެމްޑީޕީއާ ހުރި އެންމެ ބޮޑު ތަފާތަކީ އެއީ އެވެ.

ސިޔާސީ ވާދަވެރިކަމާއި، ކޯޅުމާއި، ބަދުބަސް ބުނުމާއި ހޯއްގޮވުމާއި ހަޅޭއްފަޅޭއްޖެހުން ފަދަ ހުރިހައި ކަމެއް އެމްޑީޕީގެ ތެރެއިން އަބަދުވެސް ފެނެ އެވެ. އެ މަންޒަރު ފެންނަ ކޮންމެ ފަހަރަކު އެ ޕާޓީގެ ސިޔާސީ މުސްތަގުބަލު ބަނަވެގެންދިޔައީ ކަމަށް ނިންމައިގެން އުފާކުރާ ބަޔަކަށް ފަހުވަގުތު ލިބުނީ ކޮޅުކެހިކަން ނިމިދިޔަ ދެ ދަހަރުގެ ތާރީހުން އެއޮތީ ފެންނާށެވެ. ކޮންމެ ފަހަރަކު ވެސް ގައުމީ ބޮޑު އިންތިހާބެއް ނުވަތަ ގައުމީ މައްސަލައެއް އުފަންވާއިރު، އެޕާޓީން ކުރާ ވަކާލާތުގައި ޕާޓީ އޮންނަނީ އެކަތިގަނޑަކަށް ވެފަ އެވެ.

ހިނގައިދިޔަހައި ކަންކަމަކަށް ބަލާއިރު އަޅުގަނޑަށް ފެންނަ ގޮތުގައި މި ހިނގާ ކޯޅުމަކީ ވެސް ވަރަށް ވެސް އާދައިގެ ކަމެކެވެ. ޕާޓީގެ ޗެއާޕާސަންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން މަސައްކަތް ކުރުމާއި، އެކަމާ ގުޅިގެން ޕާޓީގެ އެތެރޭގެ ފެކްޝަންތަކުން ސިޔާސީ މަޝްވަރާތަކާއި ޒުވާބު ކުރުމަކީ ޕާޓީގެ ސިޔާސީ ނިޒާމު ދިރިއޮތްކަމުގެ ހެއްކެކެވެ.

މިކަން ނިމިގެންދާނީ މިފަދަ އެހެން ކޯޅުންތައް ވެސް ނިމިގެން ދިޔަ ގޮތަށެވެ. އެވެރިންގެ މެދުގައި ވާހަކަ ދައްކައިގެން މިކަމުގެ ދޭތެރެ ދެމެދުގެ ހައްލެއް ހޯދާނެ އެވެ.

އެމްޑީޕީގެ އެތެރޭގައި މައްސަލަތައް އުފެދި، އެ ޕާޓީ ނުހިނގައި ހުއްޓިފައި އޮތުމަކީ ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމަށް ކުރިމަތިވާނޭ ގޮންޖެހުމެކެވެ. ހާއްސަކޮށް އެމްޑީޕީއަކީ މައި އިދިކޮޅު ޕާޓީގެ ގޮތުގައި އޮންނަ ވަގުތެއްގައި މިފަދަ ހަމަނުޖެހުންތަކުގެ ސަބަބުން ކުރިމަތިވާނޭ އެންމެ ބޮޑު ގޮންޖެހުމަކީ ސަރުކާރު ޒިންމާދާރު ނުކުރެވުމެވެ. މިވަގުތަކީ ސަރުކާރަށް އިންތިހާއަށް ފާރަވެރިވާންޖެހޭ ވަގުތެކެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ އިގުތިސާދީ ހީނަރުކަމާ ގުޅިގެން މި ވީހާ ދުވަހަކު ހިމޭނުން އޮވެފައި، ބޮޑު އިންތިހާބެއް ނިމުމާއެކު އެ އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކުގެ އެކޮޅުމިކޮޅު ބަލައި، ސަރުކާރު ޖަވާބުދާރީ ކުރުވާން އޮތީ އެމްޑީޕީ އެވެ. އުފެއްދިހައި ވަޒީފާތަކާއި ދައުލަތުގެ ކުންފުނިތަކުން ކުރަމުން ގެންދާ ބޭކާރު ހަރަދާއި ދައުލަތުގެ މުދަލާއި ވަސީލަތްތަކާމެދު ސަރުކާރުން ގެންގުޅޭ ދޯހަޅި ސިޔާސަތުތަކަށް ފާރަވެރިވާންޖެހޭނީ ވެސް އެމްޑީޕީންނެވެ. ގާނޫނުއަސާސީގެ އެންމެހައި ހަމަތަކަށް ތަބާވާކަން ކަށަވަރުކުރުމަކީ އެ ޕާޓީގެ އަސާސީ ގަވާއިދުން ޕާޓީގެ ލީޑަރުންނާއި މެންބަރުންގެ މައްޗަށް ލާޒިމު ކަންކަމެވެ. އެ ޒިންމާ އަދާކުރާނޭ ޖާގަ ލިބޭނީ އެ ޕާޓީގެ އަމާޒު ސީދާކޮށްގެންނެވެ. އެ ޕާޓީއަށާއި ދިވެހިރާއްޖެއަށް ވެސް ހެޔޮ ގޮތަކީ އެތެރޭގެ ހަމަނުޖެހުންތަކަށް ހައްލެއް ހޯދައި، ގައުމީ މައްސަލަތަކާ ދިމާލަށް އަމާޒު ސީދާ ކުރުމެވެ.

 

ކޮމެންޓް

ފަހުގެ ޚަބަރު

ތިޔަ އެއްޗެއްގައި ސޮއިކުރުމަށްވުރެ ޝަހީދުވުންވެސް ރަނގަޅޭ

ޔަހޫދީންގެ މިތުރަކާ ގުޅިގެން ވާނެ ހެވެއް ނޯންނާނެ އެވެ. އިނގިރޭސިންގެ މުށުތެރެއަށް ވެއްޓިގަތުމާ ނައިބުތުއްތު ދެކޮޅުހެއްދެވިހިނދު، ދިވެހި ދައުލަތުގައި ތިބި ވެރިން އޭރުކީ ލަވަޔަކީ ހަމަ މިހާރުވެސް މި އިވޭ ލަވަޔެވެ. މިއީ އިގުތިސާދީ ކަމެކެވެ. ސިޔާސީ ކަމެކެވެ. ލައްކަ މަންފާވީނަމަ، އަހަރުތަކެއް ފަހުން އިނގިރޭސިންގެ އަތުން މިނިވަންވާކަށް ނުޖެހުނީސްތާ އެވެ!

ރަސްމާލެ މައްސަލައިގެ ނުރައްކާތައް ދިރާސާކުރުމުގެ އިލްތިމާސް

ނޮވެމްބަރު 3 ގައި ގައުމު ދިފާއުކުރި ސިފައިން، ފުރާނަ ގުރުބާންކުރީ ވަކި ތަރައްގީގެ މޮޑެލްއަކަށް ނުވަތަ އިގުތިސާދީ ސިޔާސަތަކަށް ނޫނެވެ. އެމީހުން ދިފާއުކުރީ ދިވެހިންގެ މުސްތަގުބަލުގެ ސާހިބުންނަކީ ދިވެހިން ކަމުގައިވުމުގެ ހައްގެވެ. އެ ހައްގަކީ މިއަދު ވެސް ހަމަ އެ ދަރަޖައިގައި ދިފާއުކުރަންޖެހޭ ހައްގެކެވެ.

ރަސްމާލެ: ވަތަން ވިއްކާލުން އަދި ޑިޖިޓަލް އިސްތިއުމާރު

ރަސްމާލެ މަޝްރޫއާއި ބިދޭސީންނަށް ރެސިޑެންސީ ވިއްކުމަކީ ގައުމުގެ އަމިއްލަވަންތަކަމާއި ބިމުގެ މުގައްދަސްކަން ގެއްލި، ބޭރުގެ ނުފޫޒުގަދަ ފަރާތްތަކުގެ އިސްތިއުމާރީ ބާރުގެ ދަށަށް ރާއްޖެ ހިނގައިދާނެ ކަމެކެވެ. ކުރު މުއްދަތުގެ މާލީ މަންފާއަށްޓަކައި ގައުމުގެ ވަސީލަތްތައް ދިގު މުއްދަތަށް ދޫކޮށްލުމަކީ އަމިއްލަ ވަތަނަށް ވެވޭ ހިޔާނާތެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ.

ސިޓީބިޓީ: ތަރައްގީގެ ފަރުދާގެ ފަހަތުން ވިއްކާލެވޭ ގައުމީ ސިޔާދަތު

ނަމަވެސް، މިއަދު އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތަށް ކުރިމަތިވެފައިވާ ނުރައްކާ އަންނަނީ ބަޑިއާއި ބޮމަކުން ނޫނެވެ؛ އެ ނުރައްކާ ފޯރަމުންދަނީ ތަރައްގީގެ ނަމުގައި ދައްކާ ކުލަގަދަ މަންޒަރުތަކާއި، ސިއްރުން ސޮއިކުރެވޭ އެއްބަސްވުންތަކުގެ ތެރެއިންނެވެ.

ސިޓީބިޓީ: ކަނޑު ކޮމިޝަނަކީ މުއިއްޒުގެ އަނިޔާވެރިކަމުގެ ފެށުމެއް

ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދުމަށް ރައީސް މުއިއްޒު އުފެއްދެވި "ކަނޑު ކޮމިޝަނަކީ" ސިޔާސީ ވާދަވެރިންނަށް ބިރުދެއްކުމަށާއި ރަސްމާލެ މަޝްރޫއުގެ މައްސަލަތަކުން ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށް ކުރި ކަމެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ. އަދި މިއީ ދައުލަތުގެ މުއައްސަސާތައް ބަލިކަށިކޮށް، ބަޖެޓުން ބޮޑެތި އިސްރާފުތަކެއް ހިނގާނެ، ނަތީޖާއެއް ނުނެރެވޭނެ ސިޔާސީ އުކުޅެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ރަސްމާލެ މަޝްރޫއު: ބިމުގެ އަގާ ގުޅޭ ބަހުސް

ރަސްމާލެ މަޝްރޫއަށް ހިއްކާފައިވާ ބިމުގެ އަގު ކަނޑައެޅުމުގައި، ހަމައެކަނި ހިއްކުމަށް ހިނގި ހަރަދަށް ބެލުމުގެ ބަދަލުގައި މުސްތަގުބަލުގައި އެ ބިމުން ލިބޭނެ އިގުތިސާދީ މަންފާއާއި ބާޒާރުގެ އަގަށް ރިއާޔަތްކުރަންޖެހެއެވެ. މީގެ އިތުރުން، މި މަޝްރޫއަށް ދައުލަތުގެ ކުންފުނިތަކުން ކޮށްފައިވާ އިންވެސްޓްމަންޓްތަކާއި މާލީ އިލްތިޒާމްތަކަށް ޒިންމާވާނެ ގޮތަކާމެދު ވަނީ ސުވާލު އުފެދިފައެވެ.

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox