ސެންޓޭގެ ހެޓްރިކުން އޮޑި ބަލިކޮށް ނިއު ރޭޑިއަންޓް އެފްއޭ ކަޕްގެ ސެމީ ފައިނަލަށް

Apr 10, 2026, 11:02 PM
އެފްްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި މިރޭ އޮޑި ކޮޅަށް ލަނޑު ޖެހުމަށް ފަހު ނިއުގެ ސެންޓޭ އުފާފާޅުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

އެފްްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި މިރޭ އޮޑި ކޮޅަށް ލަނޑު ޖެހުމަށް ފަހު ނިއުގެ ސެންޓޭ އުފާފާޅުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

އަލީ ފާސިރު (ސެންޓޭ)ގެ ހެޓްރިކާ އެކު، އެފްއޭ ކަޕްގެ އެންމެ ކާމިޔާބު ޓީމު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން މި ފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުގައި އޮޑި ސްޕޯޓްސް 4-0 އިން ބަލިކޮށް، މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެެ. 

ނިއު އިން އަންނަ ބުދަ ދުވަހު ކުޅޭ ސެމީ ފައިނަލު ފުރަތަމަ މެޗުގައި  ނުކުންނާނީ ބްލޫ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. ބްލޫ އިން ވަނީ ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި، މިއަދު ހަވީރު ޕެނަލްޓީ ޖަހައިގެން، ކްލަބް އީގަލްސް ބަލިކޮށްފަ އެވެ. 

ބާރަ ފަހަރު އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ނިއު އިން މުބާރާތުގައި މި ކުޅެނީ 2017 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކުރި ފަހުން ފުރަތަމަ ފަހަރަށެވެ. އެ ގޮތުން، 2020 އާއި 2022 ވަނަ އަހަރުގެ މުބާރާތް ބޭއްވިއިރު، ނިއު އޮތީ ސަސްޕެންޝަނެއްގަ އެވެ. މީގެ ތެރެއިން، 2020 ވަނަ އަހަރުގެ މުބާރާތް ސެމީ ފައިނަލަށް ގޮސްފައިވަނިކޮށް، ކޮވިޑް-19 އާ ހެދި މުބާރާތް ވަނީ ކެންސަލްކޮށްފަ އެވެ. 

މި ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދި އޮޑިން ގަލޮޅު ދަނޑުގައި މިރޭ ކުޅުނު ކުއާޓާ ފައިނަލް މެޗު ފަށައިގެން ރަނގަޅަށް ކުޅެމުން ދިޔަ އެވެ. އެކަމަކު، މެޗުގެ އޮއެވަރު ބަދަލުވެގެން ދިޔައީ 20 ވަނަ މިނިޓްގައި ހިލޭ ޖެހުމަކުން ސެންޓޭ ޖެހި ގޯލުންނެވެ. އޭގެ ނުވަ މިނިޓް ފަހުން، ސެންޓޭ ވަނީ ހުސްކޮށްލިބުނު ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ، ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. ސެންޓޭ، މި ގޯލު ޖެހުމުގެ ކުރިން އޮޑިން ކުރި އެޓޭކެއްގައި އެ ޓީމުގެ އިނގިރޭސި ފޯވާޑް، ކިއާނޫ މާޝް ބްރައުން އޮފްސައިޑްވި ކަމަށް ލައިންސްމަން ނިންމި ނަމަވެސް އެ ނިންމުން ގޯސް ކަމަށް އޮޑިން އެޕީލްކުރަމުންދިޔަ އެވެ. 

ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިއު އަށް ތިން ވަނަ ލަނޑެއް ޖަހައިދީ، ހެޓްރިކް ފުރިހަަމަ ކުރަން ސެންޓޭ އަށް ލިބުނު ފުރުސަތުގައި ފޮނުވާލި ޝޮޓް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ސެންޓޭ އަށް ލިބުނު ފުރުސަތުގައި އޮޑީގެ ކީޕަރު، މުހައްމަދު ޝަފީއު (ޗެކް) ކައިރިން ނައްޓާފަައި ފޮނުވާލި ބޯޅަ ދަނޑިއަށް އަމާޒުވިއިރު، އެ ބޯޅަ ނިއުގެ ނައިޖީރިއާ ފޯވާޑް އަލް ހާޖީ ގޭރޯ އަށް ދީގެން ޖެހެން ވެސް އޮތެވެ. 

ދެ ވަނަ ހާފު ފަށައިގެން އޮޑިން ރަނގަޅަށް ކުޅެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ހޯދި އެވެ. އެ ގޮތުން، މެޗުގެ 55 ވަނަ މިނިޓްގައި އޮޑީގެ މުޒްދާން ހަސަން ހުސްކޮށްލާފައި ގޯލު ކުރިމަތިން އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަށް ދިން ބޯޅަ ފޮނުވާލި ނަމަވެސް ދިޔައީ އަރިމަތިން ބޭރުންނެވެ. އޮޑި އަށް ލިބުނު ފުރުސަތުގެ ބޭނުންނުހިފުމުގެ ނަތީޖާއަކަށްވީ، މެޗުގެ 61 ވަނަ މިނިޓްގައި، ސެންޓޭ، ނިއުގެ ތިން ވަނަ ލަނޑު ޖަހައި، އޭނާގެ ހެޓްރިކް ފުރިހަމަކުރުމެވެ.  

ނިއު އިން މެޗުގެ ފަހު ވިހި މިނިޓަށް އަލީ އަޝްފާގު (ދަގަނޑޭ) ކުޅެން އަރުވައިފަ އެވެ. މެޗުގެ 85 ވަަނަ މިނިޓްގައި ގޭރޯ ވަނީ ނިއުގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ، ބްރެޒިލްގެ މިޑްފީލްޑަރު، ޑަ ސިލްވާ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ގޯލަށް ފޮނުވާލައިގެން ގޭރޯ ޖެހި ގޯލެކެވެ. 

އޭގެ އިރުކޮޅެއް ފަހުން، ނިއުގެ އޭރިއާތެރެއިން އޮޑީގެ އިއްބެ ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

މިއީ، މުޅިން އަލަށް މި ސީޒަނުގެ ފުރަތަމަ ޑިވިޝަނުގައި ކުޅުނު އޮޑި އަތުން ނިއު އަށް ލިބުނު ފުރަތަމަ މޮޅެވެ. މީގެ ކުރިން، މި ސީޒަނުގައި ނިއު އާއި އޮޑިން ވަނީ ލީގުގައި ދެ ފަހަރު އަދި ޕްރެޒިޑެންޓްސް ކަޕްގައި އެއް ފަަހަރު ބައްދަލުކޮށްފަ އެވެ. ނިއު އިން ލީގުގައި އޮޑި އަތުން އެއް މެޗުން 1-0 އިން ބަލިވިއިރު، އަނެއް މެޗުން 0-0 އިން ވަނީ އެއްވަރުވެފަ އެވެ. އަދި، ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖުގައި އެ ދެ ޓީމު ކުޅުނު މެޗުން ވަނީ 1-1 އިން އެއްވަރުވެފަ އެވެ.

ނިއު އިން އެންމެ ފަހުން އެފްއޭ ކަޕް ކުޅުނު ފަހަރު، 2017 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކުރީ ފައިނަލުގައި ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. ނިއު އިން އެފްއޭ ކަޕާ ކުރިމަތިލީ މި ސީޒަނުގައި އެ ކްލަބްގެ ޓެކްނިކަލް ޑިރެކްޓަރު ކަމަށް ގެނައި، ފްރަންސިސްކޯ މެނުއަލް ކައިންޒޯސް (އަންދްރޭ)ގެ ކޯޗުކަމުގަ އެވެ. ނިއު އަށް މި ސީޒަނުގެ ފުރަތަމަ ދެ މުބާރާތުގައި އިރުޝާދުދިން މަޝްހޫރު ކޯޗު، އަލީ ސުޒޭން ވަނީ ޕްރެޒިޑެންޓްސް ކަޕަށް ފަހު އަމިއްލަ ކަމެއްގެ ސަބަބުން ކޯޗުގެ ޒިންމާ އިން ދުރުވެ، ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާ ހަވާލުވެފަ އެވެ.  

މުބާރާތުގައި މާދަމާ ހަވީރު ކުޅޭ ކުއާޓާ ފައިނަލުގައި ޓީސީން ކުޅޭނީ ވިކްޓަރީ ސްޕޯޓްސް ކްލަބާ އެވެ. އަދި، މާދަމާރޭ، އެންމެ ފަހުގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުޅޭނީ ބުރު ސްޕޯޓްސް ކްލަބާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox