މެޑްރިޑް (އޭޕްރީލް 7) - ރެއާލް މެޑްރިޑާ އެކު ހަދާފައި އޮތް ކޮންޓްރެކްޓް އާ ކުރަން ނިންމާފައި އޮތް ކަމަށް ބްރެޒިލްގެ ތަރި، ވިނީޝިއުސް ޖޫނިއާ ބުނެފި އެވެ.
ވިނީޝިއުސް، 25، މި ވަގުތު ރެއާލްގެ ކޮންޓްރެކްޓްގައި ހުރީ އަންނަ އަހަރުގެ ޖޫންގެ ނިޔަަލަށެވެ.
ރެއާލާ އެކު އާ އެއްބަސްވުމެއް ހަދަން ވިނީޝިއުސް މަޝްވަރާ ކުރަމުން އަންނަތާ އަހަރަކަށް ވުރެން ގިނަ ދުވަސް ވިއިރު ވެސް ކޮންޓްރެކްޓެއްގައި ސޮއިކުރެވޭ ގޮތެއްނުވެ އެވެ. އެހެންވެ، މީޑިއާގައި ވިނީޝިއުސްގެ މުސްތަގުބަލާ ގުޅޭގޮތުން އަންނަނީ ގިނަ ގޮތްގޮތުން ދެކެވެމުންނެވެ. އެ ގޮތުން، މެންޗެސްޓާ ސިޓީ އާއި އާސެނަލް އަދި ލިވަޕޫލުން ވެސް ވިނީޝިއުސް އަށް ޝައުގުވެރިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މިރޭ ބަޔާން މިއުނިކާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވިނީޝިއުސް ބުނީ، ރެއާލާ އެކު އާ އެއްބަސްވުމެއް ހަދަން ތައްޔާރަށް ހުރި ކަމަށެވެ.
"ރަނގަޅު ވަގުތުގައި އަހަރެން ކޮންޓްރެކްޓް އާ ކުރާނަން. އަދި، އަހަރެން ދިގު މުއްދަތަކަށް މި ޓީމުގައި ހުންނާނެ،" ވިނީޝިއުސް ބުންޏެވެ.
ވިނީޝިއުސް ބުނީ، ރެއާލްގައި މިދިޔަ އަހަރު މަސައްކަތްކުރި ކޯޗު، ކާލޯ އަންޗެލޮޓީ އާއި މިހާރު އެ ޓީމާ ހަވާލުވެ ހުރި ކޯޗު، އަލްވާރޯ އާބެލޯއާ ވެސް ގާތް ގުުޅުމެއް އެބައޮތް ކަމަށެވެ. އަދި، ބޭނުންވަނީ، ރެއާލްގައި ކާމިޔާބު އަހަރުތަކެއް ހޭދަކުރަން ކަމަށް ވިނީޝިއުސް ވަނީ ބުނެފަ އެވެ.
"ރެއާލަކީ އަހަރެންގެ ހުވަފެނީ ކްލަބް، އެއް އަހަރުގެ ކޮންޓްރެކްޓެއް އަދި އެބައޮތް، އަހަންނަށް ޔަގީންކަން އެބައޮތް މި ކްލަބްގެ ރައީސް ފްލޮރެންޓީނޯއާ މެދު،" ވިނީޝިއުސް ބުންޏެވެ.
މިދިޔަ އަހަރު ވިނީޝިއުސް އަށް ރެއާލުން ހުށަހެޅި ކޮންޓްރެކްޓެއްގައި އޮތީ އަހަރަކަށް 20 މިލިއަން ޑޮލަރެވެ. އެކަމަކު، ފަސް އަހަރަށް އޮތް އެ އެއްބަސްވުމާ މެދު ވިނީޝިއުސް ހިތްހަމަނުޖެހޭތީ މަޝްވަރާތައް ކުރިއަށް ނުދެ އެވެ. އެކަމަކު، މިހާރު އަނެއްކާ ވެސް ރެއާލުން އަންނަނީ ވިނީޝިއުސްއާ އެކު ވާހަކަތައް ކުރިއަށްގެންދަމުންނެވެ.
ރެއާލުން 2017 ވަނަ އަހަރު ވިނީޝިއުސް ގަތީ ފްލަމެންގޯ އަށް 50 މިލިއަން ޑޮލަރު ދައްކައިފަ އެވެ. ވިނީޝިއުސް ވިއްކާނަމަ ވިއްކާނެ އެންމެ ކުޑަ އަގެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 300 މިލިއަން ޑޮލަރު އެވެ.












