ސާފް ފުޓްސަލް: ފޯރިގަދަ މެޗަކަށް ފަހު ލަންކާ އަށް ރާއްޖެ އަތުން މޮޅެއް

Jan 23, 2026, 11:57 AM
ލަންކާގެ އިމޭޝާ އަތުން ބޯޅަ ހޯދަން ރާއްޖޭގެ ނޫރާ މަސައްކަތް ކުރަނީ.---- ފޮޓޯ: އަބްދުﷲ އަބީދު / އަދަދު ސްޕޯޓްސް

ލަންކާގެ އިމޭޝާ އަތުން ބޯޅަ ހޯދަން ރާއްޖޭގެ ނޫރާ މަސައްކަތް ކުރަނީ.---- ފޮޓޯ: އަބްދުﷲ އަބީދު / އަދަދު ސްޕޯޓްސް

ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ކުޅުނު ފޯރިގަދަ މެޗަކަށް ފަހު ސްރީ ލަންކާ އިން ރާއްޖެ އަތުން 7-6 އިން މޮޅުވެއްޖެ އެވެ.

ރާއްޖޭން ފުރަަތަމަ ކުޅުނު ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ. ލަންކާ އިން ފުރަަތަމަ ކުޅުނު ހަތަރު މެޗުގެ ތެރެއިން، ނޭޕާލާ ވަނީ އެއްވަަރުވެފަ އެވެ. މި މެޗަށް ނުކުތްއިރު، މި ދެ ޓީމަކީ މުބާރާތުގައި މެޗަކުން މޮޅުނުވެވި އޮތް ދެ ޓީމެވެ. އެހެންކަމުން، ދެ ޓީމުން ވެސް ވަަރަށް ބޮޑަށް އެޓޭކަށް ޖެހިގެން ކުޅެމުންދިއުމުގެ ނަތީޖާ އަކަށްވީ ގިނަ ގޯލުތަކެއް މި މެޗުގައި ފެނިގެންދިއުމެވެ. ރާއްޖޭން ތިން ފަަހަރެއްގެ މަތިން ނަތީޖާ ހަމަހަމަކުރި ނަމަވެސް ލީޑެއް ނެގޭގޮތްނުވެ، މެޗުން ބަލިވީ އެވެ.

ނޮންތަބުރި ޕްރޮވިންސް ސްޓޭޑިއަމް އިންޑޯ ހޯލުގައި މިއަދު ކުޅުނު މެޗުގެ ފުރަތަމަ 10 ވަރަކަށް މިނިޓް ތެރޭ ލަންކާ އިން ވަނީ ތިން ލަނޑު ޖަހައިފަ އެވެ. މިއީ، ރާއްޖޭގެ ކުޅުންތެރިންނަށް ސަމާލުކަން ނުބެހެއްޓިގެން ކޮޅަށް ވަދެފައިވާ ގޯލުތަކެކެވެ. ފުރަތަމަ ލަނޑު ޖެހީ، އަމިއްލަ ހުސްކޮށް ހިފައިގެން އައި ބޯޅައެއް ގޯލަށް ފޮނުވާލައިގެން، އިމޭޝާ އެވެ. އޭގެ ފަހުން، އިމޭޝާ އާއި ތަރިދީ ވަނީ އިތުރު ގޯލުތަކެއް ލަންކާ އަށް ޖަހައިދީފަ އެވެ.

ރާއްޖޭގެ ފުރަތަމަ ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި އަައިމިނަތު ފަޒްލާ އެވެ. އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ފަޒްލާ ވަނީ ހަމަޖެހިލައިފައި ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. ރާއްޖޭގެ ދެ ވަަނަ ލަނޑަކީ އައިމިނަތު ނޫރާ ނެގި ކޯނަރެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ލަންކާގެ ދިލާޝާ ވައްޑޫވާގޭ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަދި، ރާއްޖެ އަށް އެއްވަރުކޮށްދިން ގޯލު ޖެހީ ކެޕްޓަން، ފާތިމަތު ޝާލިޔާ (ޝާ) އެވެ.

ފަހަތުން އަރައި ރާއްޖޭން އެއްވަަރުކުރި ނަމަވެސް ލަންކާ އިން ހާފު ނިންމާލީ އިތުރު ގޯލެއް ޖަހައި ލީޑުގައި އޮވެގެންނެވެ. މިއީ، އިމޭޝާ ދިން ބޯޅައަކުން ތަރިދީ ޖެހި ގޯލެކެވެ.

ދެ ވަނަ ހާފް ފަށައިގެން ހަ ވަނަ މިނިޓްގައި ޝާލިޔާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ފަޒްލާ ވަނީ ރާއްޖެ އަށް އެއްވަަރުކޮށްދީފަ އެވެ. އެކަމަކު، އޭގެ މިނިޓެއް ފަހުން، ލަންކާގެ ދިލާޝާ ޖެހި ޝޮޓެއް ރާއްޖޭގެ ހައްވާ ހަނީފާ ފައިގައި ޖެހިފައި ބައިކޮޅަށް ވަދެ، ލަންކާ އިން އަލުން ލީޑުނެގި އެވެ. ރާއްޖޭން ހިތްވަރުކޮށްގެން އަނެއްކާ ވެސް އެއްވަރުކުރި އެވެ. މިއީ، ޝާލިޔާ ނެގި ކޯނަރެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި، ލަންކާގެ ކީޕަރު، އަޝާނީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ރާއްޖޭން އެއްވަަރުކޮށް، ހަމަޖެހިނުލެވެނިސް ލަންކާ އިން ވަނީ އަނެއްކާ ވެސް ލަނޑެއް ޖަހައި، ލީޑުނަގައިފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ، ދިލާޝާ ދިން ބޯޅައަކުން އިމޭޝާ އެވެ. މި ލަނޑާ އެކު އިމޭޝާ ވަނީ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. އޭގެ ފަހުން، އެއްވަރުކުރަން ޝާލިޔާ އަށް ލިބުނު ފުރުސަތެއްގައި ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ލަންކާގެ ހަ ވަނަ ފައުލާ އެކު، ރާއްޖެ އަށް ލިބުނު ދުރު ޕެނަލްޓީ އަކުން ނޫރާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެ އިރުކޮޅެއް ފަހުން، ލަންކާގެ އެޓޭކެއް ހުއްޓުވަން އުޅުމުގެ ތެރޭގައި، ނޫރާ އަތުން ވަނީ ބައިކޮޅަށް ގޯލެއް ވަދެ، ލަންކާ އަށް ލީޑުފުޅާވެފަ އެވެ.

ލަންކާ އިން ހަތް ވަނަ ފަައުލެއް ކުރުމާ އެކު، ރާއްޖެ އަށް ދެ ވަނަ ދުރު ޕެނަލްޓީއެއް ލިބުނެވެ. އެ ޕެނަލްޓީ ރާނިޔާ އިބްރާހިމް ވަނީ ގޯލަށް ފޮނުވާލައިފަ އެވެ.

މި މެޗުން ބަލިވުމާ އެކު، ރާއްޖެ އަކީ މި މުބާރާުތުގައި މޮޅެއް ނުލިބި އޮތް ހަމައެކަނި ޓީމެވެ. ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާ އަތުން 11-1 އިން ބަލިވިއިރު، ދެ ވަނަ މެޗުގައި ނޭޕާލުން 5-0 އިން ރާއްޖެ ބަލިކުރި އެވެ. ތިން ވަނަ މެޗުގައި ރާއްޖެ އަށް ޕާކިސްތާން އަތުން ނާކާމިޔާބުވީ 3-1 އިންނެވެ. އަދި، ލަންކާއާ ކުޅުމުގެ ކުރިން އެންމެ ފަހުން، ބޫޓާނާ ކުޅުނު މެޗުން ބަލިވީ 4-2 އިންނެވެ.

ރާއްޖެ އަށް އޮތް ފަހު މެޗަކީ، އާދިއްތަ ދުވަހު ބަންގްލަދޭޝާ ކުޅޭ މެޗެވެ. ބަންގްލަދޭޝް މި ވަގުތު އޮތީ ފަސް މެޗުން 13 ޕޮއިންޓާ އެކު އެއް ވަނައިގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox