ރަން މެޑަލް ހޯދުމަށް އަންހެން ވޮލީ ޓީމުގެ ބޮޑު އަމާޒެއް އެބައޮތް

Dec 18, 2025, 7:41 AM
ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކޯޗު ނަދީމްބެ.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކޯޗު ނަދީމްބެ.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

އަންނަ ހޮނިހިރު ދުވަހު މާލޭގައި ފަށާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ވިމެންސް ކަޕްގައި ރަން މެޑަލް ހޯދުމަށް ގައުމީ އަންހެން ޓީމުގެ ވަރަށް ބޮޑު އަމާޒެއް އެބައޮތް ކަމަށް ޓީމުގެ ކޯޗު މުހައްމަދު ނަދީމް (ނަދީމްބެ) ބުނެފި އެވެ.

ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކޯޗުކަމާ މިދިޔަ އޮކްޓޫބަރު މަހު ހަވާލުވި ނަދީމްބެ ކޯޗުކަމުގައި ޓީމުގެ ފަރިތަކުރުންތައް ފަށައިގެން، ޓީމުގެ ސްކޮޑު 14 އަށް ކުޑަކުރުމަށް ފަހު، ދާދި ފަހުން ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ހަތް ދުވަހުގެ ޓްރެއިނިން ކޭމްޕެއް ވަނީ ބައްވައިފަ އެވެ.

ސީނިއާ އާއި ޖޫނިއާ ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ސްކޮޑެއް ގޮވައިގެން، ތައިލެންޑްގައި ރަނގަޅު ގިނަ ޓްރެއިނިންތަކެއް ކުރިއަށްގެންދެވުނުއިރު، މެޗު ހާލަތްތަކަށް ތައްޔާރުވުމަށްޓަކައި، އެކި ވިސްނުންތަކާ އެކު ވެސް ޓްރެއިނިން ރޭވުނުކަން ނަދީމްބެ ފާހަގަކުރި އެވެ.

"ތައިލެންޑް ބައެއް ކުޅުންތެރިން އިދިކޮޅު ޓީމަށް އަރުވައިގެން، ދިވެހި ކުޅުންތެރިންނާ އެއްކޮށް ވެސް ޕްރެކްޓިސްތަކުގައި އެ ގޮތަށް ގޭމް ސިޓުއޭޝަން ގޮތަށް ހަމަ ޕްރެކްޓިސްތަކެއް ކުރެވުނު،" ނަދީމްބެ، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

"ނަތީޖާ، އިންޝާﷲ ވަރަށް ރަނގަޅު ކަމަށް މި ފެންނަނީ،"

ގައުމީ އަންހެން ވޮލީބޯޅަ ޓީމުން ވަނީ ތިން މުބާރާތެއްގައި ރިހި މެޑަލް ހޯދައިފަ އެވެ. އެންމެ ފުރަތަމަ 2019 ވަަނަ އަހަރު ނޭޕާލްގައި ބޭއްވި ސެންޓްރަލް ޒޯން އަންހެން މުބާރާތުންނެވެ. އޭގެ ފަހުން، 2023 ވަނަ އަހަރު މާލޭގައި ބޭއްވި ފޯ ނޭޝަންސް ކަޕުންނެވެ. އަދި އެންމެ ފަހުން، މިދިޔަ އަހަރު ކާވާ ޗެލެންޖް ކަޕްގަ އެވެ.

ތުރުކުމެނިސްތާން ވަކިވުމާ އެކު، ކާވާ ވިމެންސް ކަޕްގައި، ރާއްޖޭގެ އިތުރުން ދެން ކުޅެނީ ބަންގްލަދޭޝާއި ކިރްގިސްތާން އަދި އަފްގާނިސްތާން އެވެ.

ނަދީމްބެ ބުނީ، މުބާރާތުގައި ވާދަކުރަނީ ރާއްޖެއާ އަޅާކިޔާއިރު ނިސްބަތުން ރަނގަޅު ޓީމުތައް ކަމަށެވެ. ފާއިތުވި އަހަރުތަކުގައި އަންހެން ވޮލީ ޓީމުން ހޯދަމުން އަންނަ ކުރިއެރުންތަކަށް ބަލާއިރު މިހާރު މަދުވަނީ، ރަން މެޑަލެއް ކަމަށް ނަދީމްބެ ވަނީ ބުނެފަ އެވެ.

"ދެން، ހުރިހާ ކުޅުންތެރިންގެ ވެސް ވަރަށް ބޮޑު އުންމީދެއް އެއީ އެ (ފައިނަލުގައި ބަލިވުން) ބަދަލުކުރެވޭނެ ގޮތެއް ބަލަން، އެ އަޒުމުގައި ވަރަށް ބޮޑަށް މަސައްކަތްކުރާތަން މި ފެންނަނީ، ހާއްސަކޮށް ސީނިއާ ކުޅުންތެރިންގެ ފަރާތުން، މިކަމަށް އެދިގެން މަސައްކަތްކުރާތަން އެބަ ފާހަގަކުރެވޭ،" ނަދީމްބެ ބުންޏެވެ.

"އެސޯސިއޭޝަންގެ ވެސް އެންމެ ބޮޑު ފޯކަސް އަކީ، ފައިނަލަށް ދިޔަސް، ގޯލްޑް މެޑަލް އެއް އެޅުވޭނެ ވަގުތެއް އަވަހަށް ފެނިގެންދިއުން، އެ އަޒުމުގައި މި ފެށުނުއިރުއްސުރެން މި މަސައްކަތްކުރަނީ،"

ނަދީމްބެ ބުނީ، ފައިނަލުގައި އެ ކުރިމަތިވާ ޕްރެޝަރު ހާލަތަށް ތައްޔާރުވެ، ނަތީޖާ ނެރޭ ސެޓުގެ އެ ޕޮއިންޓްތައް ހޯދާނެ ގޮތްތަކާ ބެހޭގޮތުން ވެސް ވާހަކަ ދެކެވި، ކޮންމެ ޕޮއިންޓެއް ވެސް ހޯދުމުގެ މުހިންމުކަން ކުޅުންތެރިންނަށް ވިސްނައިދެމުން އަންނަ ކަމަށެވެ.

އަރަމުން އަންނަ ޒުވާން އަންހެން ވޮލީބޯޅަ ކުޅުންތެރިން ފާއިތުވި އަހަރުތަކުގައި ބޭއްވި ކާވާގެ އުުމުރުފުރާ މުބާރާތްތަކުގައި ކުޅެ، ތަޖުރިބާ ހޯދާފައިވާކަން ނަދީމްބެ ފާހަގަކުރި އެވެ. އޭގެ ސަބަބުން، ސީނިއާ ގައުމީ ޓީމަށް ވެސް ފައިދާތަކެއް ކުރާކަމަށް ނަދީމްބެ ބުނެފައިވެ އެވެ.

"އެ ކުދިންގެ ލޯ ހުޅުވުމާއި ގޭމް ސިޓުއޭޝަން އަށް ތައްޔާރުވުމާ ސީނިއާ ކުޅުންތެރިންނާ އެއްކޮށް ވާދަކުރަން އެ ރޫހު އާ ވުމާ އެ ކަހަލަ ވަރަށް ގިނަ ކަންތައް އެބަ ކުރެވޭ،" ނަދީމްބެ ބުންްޏެވެ.

ކާވާ ވިމެންސް ކަޕްގައި ކުޅޭ ރާއްޖޭގެ އަންހެން ވޮލީބޯޅަ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ފޮޓޯ އަކަށް ހުއްޓިލައިގެން.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

ރާއްޖޭގެ ކުޅިވަރުގައި މަތީ ފަންތީގައި އެކި ކުޅިވަރުތަކުގައި މަސައްކަތްކޮށްފައިވާ ނަދީމްބެ ބުނީ، ރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި ވެސް އެންމެ ބޮޑު ބައެއް އަދާކުރާ ބަަޔަކީ ސަޕޯޓަރުން ކަމަށެވެ.

"އަޅުގަނޑުމެން ކުޅިވަރު ކުޅުނުއިރު ވެސް ފުޓްބޯޅަ އެއްޗެހި ވޮލީބޯޅަ އެއްޗެހި ކުޅުނުއިރު ވެސް ހަމަ ސަޕޯޓަރުންގެ ލޯތްބާއި އިހުތިރާމް، އެ ސަޕޯޓް ނުލިބި ކާމިޔާބެއް ހާސިލްކުރަން ވަރަށް އުނދަގޫވާނެ،" ނަދީމްބެ ބުންޏެވެ.

އެ ގޮތުން، ރާއްޖޭގެ ވޮލީބޯޅަ އަށް ވެސް ސަޕޯޓަރުންގެ ހިތުގައި އޮތް ލޯތްބާއި ޝައުގުވެރިކަން ސޯޝަލް ސެންޓަރުން ފެނިގެންގޮސްފައިވާ ކަމަށާއި އުންމީދަކީ، މި ފަހަރު ކުރިއަށް ވުރެން އެތައް ގުނައެއް ރަނގަޅުވެގެން ދިއުން ކަމަށް ނަދީމްބެ ވަނީ ބުނެފަ އެވެ.

"މި ފަހަރު މިއީ އިތުރަށް ހިތްވަަރެއް ލައިގެން މި ސަޕޯޓަރުންގެ ސަޕޯޓް އިތުރުކޮށްގެން މޮޅުވާން ބޭނުންވާ އެ އިތުރު ޕޮއިންޓް ކޮޅު ހޯދަން ޓީމާ އެއްކޮށް ސަޕޯޓަރުންގެ ވަރަށް މުހިންމު ފަހަރަކަށްވާނެ،" ނަދީމްބެ ބުންޏެވެ.

ކާވާ މުބާރާތުގައި ވާދަކުރާ ގައުމީ އަންހެން ވޮލީ ޓީމުގެ ސްކޮޑުގައި ހިމެނެނީ، ފާތިމަތު ޖޫޒާން ޒަރީރު، ފާތިމަތު އަނާލް، އައިމިނަތު ޝަހާ ޝާމިން، އައިމިނަތު އަރީޝާ، ހައްވާ ސަހާ، މަރިޔަމް އަޒުމާ، މާޔާ ހުސެއިން ސޮލާހު، ހައްވާ ރާޝިދާ، ނަރީމާ އިދުރީސް، މައިހާ އަލީ، އައިމިނަތު މާނާ ނާޒިމް، ހައިފާ އިމާދު، މަނާލް އިސްމާއިލް ރަޝީދު އަދި މަރިޔަމް ރިޝްފާ އެވެ.

ޓީމުގެ ކޯޗަކަށް ނަދީމްބެ ހުރިއިރު، އެސިސްޓަންޓް ކޯޗަކީ، ފަތުހުﷲ ވަހީދު (ފައްލޯ) އާއި އައިމިނަތު ޒީނާ އެވެ. އަދި، މެނޭޖަރަކަށް އިބްރާހިމް ނާފިއު ހުރިއިރު، ޓީމުގެ ޑޮކްޓަރަކީ، ޑރ. ޝަރަންޕްރީތު ކޯރް އެވެ.

ރާއްޖޭން މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި، އަންނަ ހޮނިހިރު ދުވަހުގެރޭ ބަންގްލަދޭޝާ ކުޅޭނެ އެވެ. ދެ ވަނަ މެޗުގައި އާދިއްތަ ދުވަހުގެރޭ، އަފްގާނިސްތާނާ ކުޅޭއިރު، ލީގު ބުރުގެ ފަހު މެޗުގައި ކިރްގިސްތާނާ ބައްދަލުކުރާނީ ހޯމަ ދުވަހުގެރޭގަ އެވެ. އެ އަށް ފަހު ލީގު ބުރު ނިމޭއިރު، އެއް ދުވަހުގެ މެދުކެނޑުމަކަށް ފަހު އޮންނާނީ، ސެމީ ފައިނަލެވެ.

ސެމީ ފައިނަލުގައި، ލީގު ބުރުގެ އެއް ވަނަ ކުޅޭނީ ހަތަރު ވަނައާ އެވެ. އަދި، ދެ ވަނަ ނުކުންނާނީ ތިން ވަނައާ ދެކޮޅަށެވެ. އެ މެޗުތަކުން މޮޅުވާ ޓީމުތައް ފައިނަލަށް ދަތުރުކުރާއިރު، ބަލިވާ ޓީމުތައް ކުޅޭނީ ތިން ވަނަ ހޮވާ މެޗުގަ އެވެ. ފައިނަލް މެޗާއި ތިން ވަނަ ހޮވާ މެޗު އޮންނާނީ، އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox