ރަން މެޑަލް އަށް އުންމީދު ކުރެވޭނެކަން ގައުމީ އަންހެން ވޮލީ ޓީމު ސާބިތުކޮށްދިނީ ހިތްވަރުން

Dec 24, 2025, 6:00 AM
ވިމެންސް ކާވާ ކަޕްގެ މެޗަކަށް ފަހު ޖޫޒާން.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ވިމެންސް ކާވާ ކަޕްގެ މެޗަކަށް ފަހު ޖޫޒާން.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ގައުމީ އަންހެން ވޮލީބޯޅަ ޓީމަށް މާލޭގައި މިހާރު ކުރިއަށްދާ ކާވާ ވިމެންސް ކަޕްގެ ޗެމްޕިއަންކަން ހޯދައި، ތާރީހީ ރަން މެޑަލް ހާސިލްކުރެވޭނެކަން ސާބިތުކޮށްދިނީ މުޅި ޓީމު އެކުގައި ދެއްކި ހިތްވަރުން ކަމަށް ޓީމުގެ ވައިސް ކެޕްޓަން، ފާތިމަތު ޖޫޒާން ޒަރީރު ބުނެފި އެވެ.

ހަތަރު ގައުމު ވާދަކުރާ ވިމެންސް ކާވާ ކަޕްގައި ރާއްޖޭން ވަނީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ލީގު ބުރުގެ އެއް ވަނަ ހޯދައިފަ އެވެ.

އެ ގޮތުން، ރާއްޖޭން ފުރަތަމަ ދެ މެޗުގައި ވަނީ ބަންގްލަދޭޝާއި އަފްގާނިސްތާން އަތުން ސެޓެއް ވެސް ނުގެއްލި، ސީދާ ތިން ސެޓުން މޮޅުވެފަ އެވެ.

"އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި، ޖޫޒާން ބުނީ، އަމިއްލަ ގައުމުގައި ކުޅެން ޖެހޭއިރު އަބަދުވެސް ކޮންމެވެސް ކަހަލަ ޕްރެޝަރެއް ފުރަތަމަ މެޗުގައި އިންނަ ކަމަށެވެ. އަދި، އެކަން ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު މެޗު ފަށައިގެން ފެނުނު ނަމަވެސް، ފަހުން ހަމަޔަކަށް އެޅި ބޭނުންވާ ލެވަލްގައި ކުޅެން ފެށުނު ކަމަށެެވެ.

"ފުރަތަމަ މެޗު ވީމަ، ކުޑަކޮށް ހާސްކަމެއް ހުރި އެންމެން ވެސް، ފުރަތަމަ ސެޓު ނިމެން ކައިރިކޮށްފައި ނޯމަލްވެލައިގެން ދިވެހިން ކުރިމަތީގައި ކުޅެންވީމަ އިހުސާސްތައް ތަފާތުވާނެތާ، އެހެންވެފައި އިނީ، ފެށިއިރު، ދެން ހަމަ ފަހުން ކުޅުން ރަނގަޅުކޮށް، ދެން ހަމަ ވަރަށް ރަނގަޅަށް ދިޔައީ، ފުރަތަމަ މެޗު،" މުބާރާތް ފެށި މެޗުގައި ބަންގްލަދޭޝް ބަލިކުރި މެޗާ ބެހޭގޮތުން ޖޫޒާން ބުންޏެވެ.

ކިރްގިސްތާނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ޖޫޒާން އުފާފާޅުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

އޭނާ ބުނީ، ދެ ވަނަ މެޗުގައި އަފްގާނިސްތާނާ ދެކޮޅަށް ދިޔައީ ވަރަށް ރަނގަޅަށް ކަމަށެެވެ. ކޮންމެ މެޗަކަށް ވެސް ކޯޗު މުހައްމަދު ނަދީމް (ނަދީމްބެ) އާއި ކޯޗިން ޓީމުގެ ޕްލޭނެއް އޮންނަ ކަމަށާއި އަފްގާނިސްތާން މެޗުގައި ރޭވި ހުރިހާ ކަމެއް ކަހަލަ ގޮތަކަށް ހާސިލްކުރެވުނު ކަމަށެވެ.

"ހަމަ ޕްރެޕެއާ (ތައްޔާރު) ވެގެން ކޮންމެ ދުވަހަކު ދަނީ ވެސް ގޭމްޕްލޭނެއް އިނދޭ ކޯޗުގެ ވަރަށް ރަނގަޅަށް ތަރޯކޮށް ކިޔައިދޭ ކޮންމެ ދުވަހަކު ވެސް ހަަމަ، ޕްރީ ގޭމް މީޓިންގައި، ދެން އެ ޕްލޭނަށް އަހަރެމެން ކުޅެނީ، އެ ގޮތަށް، ފުރަތަމަ މެޗަށް ވުރެން ދެ ވަނަ މެޗު ރަނގަޅުކުރަން އެންމެން ވެސް ދިޔައީ، އޭތި ވަރަށް ކާމިޔާބުކޮށް ދިޔައީ، އަހަރެމެން ކުރަން ބޭނުންވި ހުރިހާ ކަމެއް އަފްގާނިސްތާން މެޗުގައި ކުރެވުނު، ޓާގެޓް ހާސިލްވި،" މެޗުން މެޗަށް ހޯދި ކުރިއެރުމާ ބެހޭގޮތުން ޖޫޒާން ކިޔައިދިނެެވެ.

ރާއްޖޭގެ އަންހެން ވޮލީގައި ފެނުނު އެންމެ މޮޅު ސެޓަރު، ޖޫޒާން ބުނީ، މުބާރާތުގައި ވާދަކުރަން ތައްޔާރުވިއިރު ވެސް މައިގަނޑު ޓާގެޓްގެ ތެރޭގައި ކިރްގިސްތާން މެޗު ހިމެނޭ ކަމަށާއި ސަބަބަކީ، އެ ޓީމު އަތުން މޮޅުނުވާތާ ހަ އަހަރުވެފައިވާތީ ކަމަށެވެ،

"މުބާރާތް ފުރަތަމަ އިއުލާނު ކުރިއްސުރެން އެ މީހުން (ކިރްގިސްތާން) އަންނަކަން އެނގުނިއްސުރެން، އެހެން ހުރިހާ ކަމަކަށް ވުރެން ބޮޑަށް އެ މެޗަށް ކިރްގިސްތާނާ ދެކޮޅަށް ކުޅެން ބޮޑަށް ރެޑީވީ، އެ ވެސް ވަރަށް ކާމިޔާބިުކޮށް އިރާދަކުރެއްވިއްޔާ މި ދިޔައީ. އަލްހަމްދުލިއްލާހި. އަހަރެމެންނަށް ތާރީހުގައި ލިޔެވޭ ކަމެއް މި ކުރެވުނީ،" ޖޫޒާން ބުންޏެވެ.

ކިރްގިސްތާނުން ފުރަތަމަ ސެޓު، 25-15 އިން ގެންގޮސް ލީޑެއް ނެގި ނަމަވެސް، ރާއްޖޭން ވަނީ ދެން ކުޅުނު ތިން ސެޓު، 23-25، 19-25 އަދި 22-25 އިން ގެންގޮސް އެ މެޗުން މޮޅުވެފަ އެވެ.

ޖޫޒާން ބުނީ، ފުރަތަމަ ސެޓު ގެއްލުމުގައި ދިމާވި އެއް ކަމަކީ، ކާވާ ޗެލެންޖް ކަޕް ފައިނަލުގައި މިދިޔަ އަހަރު 3-2 ސެޓުން ކިރްގިސްތާން އަތުން ބަލިވި މެޗުގެ ހަނދާންތަކުގެ ތެރޭގައި، އެ ޕްރެޝަރު ވިސްނުމުގައި ހުރެގެން ގޯސްތަކެއް ހެދުނީ ކަަމަށެވެ.

"ފުރަތަމަ ސެޓު ވީ ގޮތަކީ ކިރްގިސްތާނޭ މިއީ، މިދިޔަ އަހަރުގެ ކާވާގެ ފްލޭޝްބެކުގައި ކަންނޭނގެ އެންމެން ކަހަލަ ގޮތަކަށް ދިޔައީ، ގާތްގަނޑަކަށް އެ ޓީމު މި އޮތީ ވެސް، އެ ފްލޭޝްބެކްގައި ތިބީ، އެއީ ކަންނޭނގެ ވީ ގޮތަކީ، އެ މީހުންނޭ މިއީ، އެ ފީލްގައި، ދިޔައީ. ދެން އެކަމު ފަހު ތިން ސެޓު ޖެހިލުމެއް ނުވެ ކުޅުނީ. އަހަރެމެންނަށް އަމިއްލަ އަށް ގަބޫލުކުރެވުނީ، ވާނެކަން، މިދިޔަ އަހަރު ވެސް އިންނާނެ ހަމަ ފައިނަލް ނިންމާފައި ބުނެފައި، އެ މީހުންނަކީ ބަލިނުކުރެވޭނެ ބައެއް ނޫނޭ އަހަރެމެންނަށް ވާނެއޭ،" ފަހު ތިން ސެޓު ގެންގޮސް ކިރްގިސްތާން އަތުން މޮޅުވަން ކުރި މަސައްކަތް ކިޔައިދެމުން ޖޫޒާން ބުންޏެވެ.

ވިމެންސް ކާވާ ކަޕްގެ މެޗެއްގެ ތެރެއިން ޖޫޒާން.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

މިއީ، 2019 ވަނަ އަހަރުގެ ސެންޓްރަލް ޒޯން އަންހެން ވޮލީބޯޅަ މުބާރާތުގެ ފަހުން، ފާއިތުވި ހަ އަހަރުތެރޭ ކިރްގިސްތާން އަތުން ރާއްޖޭގެ އަންހެން ވޮލީ ޓީމަށް ލިބުނު ފުރަތަމަ މޮޅެވެ. އޭގެ ފަހުން، މި ދެ ޓީމުން ކުޅުނު މެޗުތަކުން ރާއްޖެ ވަނީ ބަލިވެފަ އެވެ. އޭގެ ތެރޭގައި، މިދިޔަ އަހަރުގެ ޗެލެންޖް ކަޕްގައި މާލޭގައި ކުޅުނު ދެ މެޗު ވެސް ހިމެނެ އެވެ.

ގައުމީ އަންހެން ވޮލީ ޓީމުން ތިން ފައިނަލެއްގައި ބަލިވެއްޖެ އެވެ. ތިން ފަހަރު ރިހި މެޑަލް ހޯދައިފި އެވެ. މި ފަހަރު މުބާރާތުގެ ފުރަތަމަ ދުވަހުން ފެށިގެން ކުޅުންތެރިންގެ އަޒުމަކަށް ވެފައި އޮތީ ރަން މެޑަލް އެވެ. ކިރްގިސްތާން އަތުން ހޯދި މޮޅަކީ، ރަން މެޑަލްގެ ޓާގެޓާ ދިމާލަށް ދިއުމުގައި ކުރިއަށް އެޅި ބޮޑު ފިޔަވަޅެކެވެ.

"ބޭނުންވީ އަސްލު ދިވެހިންނަށް ބުނެދޭން އަހަރެމެން ގޯލްޑް (ރަން މެޑަލް) އަސްލު ނަގަން ކިހާ ކައިރިއެއްގައިކަން މި ތިބީ، ހަމަ ކުޑަކުޑަ ހިތްވަރެއްކަން ބޭނުންވަނީ އެ މީހުންނަށް (ސަޕޯޓަރުންނަށް) ވެސް އަހަރެމެންނަށް ވެސް. ކުޑަކުޑަހިތްވަރެއްކަން ބޭނުންވަނީ އޭތި އަސްލު، ދިވެހިންނަށް ވެސް އަހަރެމެން އަމިއްލަ އަށް ވެސް އުންމީދެއް ދޭން ބޭނުންވީ. އަހަރެމެންނަށް ގޯލްޑް ނެގިދާނެކަން، އަލްހަމްދުލިއްލާހި އޭތި ސާބިތުކޮށްދެވިއްޖެ،" އިތުބާރާ އެކު ޖޫޒާން ބުނެލި އެވެ.

ރަން މެޑަލަަށް ކުރާ ދަތުރުގައި، މިހާރު ދެން އޮތް ޗެލެންޖަކީ، ސެމީ ފައިނަލުގައި މިރޭ ބަންގްލަދޭޝާ ކުޅޭ މެޗެވެ. ލީގު ބުރުގައި ތިން މެޗުން ބަންގްލަދޭޝް ބަލިވެފައި އޮތް ނަމަވެސް، ރާއްޖޭން މި މެޗުގައި ކުޅޭނީ މިއީ، ކިހާ މުހިންމު މެޗެއް ކަމުގެ ވިސްނުން ރަނގަޅަށް ސިކުނޑީގައި ބަހައްޓައިގެން ކަމަށް ޖޫޒާން ވަނީ ބުނެފަ އެވެ.

"ޓީމު އޮތީ 100 ޕަސެންޓް ރެޑީ އަށް އެކަމަކު، ފުރަތަމަ ހަމަ ސެމީ، ބަންގްލަދޭޝް މެޗަށް ހަމަ، 100 ޕަސެންޓް، ޕްރެކްޓިސް ވެސް ފޯކަސް ވެސް މީނީ ހަމަ ސެމީ މެޗަށް، ސެމީ ނިންމާފައި ފައިނަލާ ދޭތެރޭ ވިސްނާނީ ވެސް،" ޖޫޒާން ބުންޏެވެ.

ބަންގްލަދޭޝް އާއި ރާއްޖެ، ސެމީ ފައިނަލުގައި ވާދަކުރާ މެޗު ފަށާނީ ސޯޝަލް ސެންޓަރުގައި މިރޭ 20:40 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox