މަސްވެރިންގެ މުޒާހަރާއިން ހައްޔަރުކުރި ބައެއް މީހުން ދޫކޮށްލައިފި

މަސްވެރިން ކުރަމުންދާ މުޒާހަރާގެ ދޯންޏެއް ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރަނީ. ދޯނިތަކުގައި މަސައްކަތް ކުރި ބައެއް ބިދޭސީން ވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ---

މަސްވެރިން ކުރަމުންދާ މުޒާހަރާގެ ދޯންޏެއް ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރަނީ. ދޯނިތަކުގައި މަސައްކަތް ކުރި ބައެއް ބިދޭސީން ވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ---

ރައީސް މުހައްމަދު މުއިއްޒު ބޮޑު ކަންނެލި މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ގޮވާލައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއިން (ބީކޭއެމްޔޫ) އިން އިންތިޒާމުކޮށްގެން ކުރަމުންދާ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ބައެއް މީހުން ދޫކޮށްލައިފި އެވެ.

އެ މުޒާހަރާ ފެށީ ގައުމީ ފެންވަރުގައި ފާހަގަކުރާ މަސްވެރިންގެ ދުވަސް ކަމަށްވާ ޑިސެމްބަރު 10، ގަ އެވެ. ހުޅުމާލޭ ކަންނެލި ޖެޓީން ފެށި މުޒާހަރާގައި ބައިވެރިވި 49 އުޅަނދު އެ ދުވަހު މެންދުރު މިސްރާބު ޖެހީ މާލެއަށެވެ.

މާލޭގެ ނެރުތައް އެމްއެންޑީއެފް އާއި ފުލުހުން ބަންދުކުރިއިރު އެ ރޭ ދޯނިތައް ނަގިލި ލައިގެން ތިބީ މާލޭ އެއް ނަންބަރު ފާލަމުގެ ބޭރުން ކަނޑުގަ އެވެ. ނަމަވެސް ޖެހިގެން އައި ޑިސެންބަރު 11 ވަނަ ދުވަހު އިހުތިޖާޖު ރޫޅާލައި މީހުން ހައްޔަރުކުރީ ކޯޓު އަމުރެއް ވެސް ނެތި ދޯނިފަހަރަށް ފުލުހުން އަރައިގެންނެވެ.

އެ ދުވަހު ހައްޔަކުރި މީހުންގެ ތެރޭގައި ހިމެނެނީ ބީކޭއެމްޔޫގެ ސެކްރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު، އެ ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) ގެ ނައިބު ރައީސް މުހައްމަދު ސޯދިގުގެ އިތުރުން ދެ ކެޔޮޅުން ކަމަށްވާ މުހައްމަދު މުސްތަފާ އާއި އަބްދުއްލަތީފު އަހުމަދު އެވެ. ބާސިރު މިއާ، ރިއާޒުއްދީން، ގޮލަމް ސަރޮވާރު އަދި މުހައްމަދު މިޓޫ ގެންދިޔައީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށެވެ. އެއީ އެ ދޯނިތަކުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީންނެވެ. އެ މީހުން ހައްޔަރުކުރީ މުޒާހަރާގައި ބިދޭސީންނަށް ބައިވެރިނުވެވޭނެ ކަމަށް ބުނެ އެވެ.

އޭގެ ތެރެއިން މައުރޫފް ކުއްލި އޮޕަރޭޝަނެއް ކުރުމަށް ބަންދުން ދޫކުރީ ޑިސެމްބަރު 13، ގަ އެވެ. ޑިސެމްބަރު 15، ގައި މަސްވެރިން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމްއާ ބައްދަލުކުރި އެވެ. އެއީ ޕޮޒިޓިވް ބައްދަލުވުމެއް ކަމަށާއި ނަމަވެސް ޑިމާންޑުތަކަށް އެދެވޭ ޖަވާބެއް ލިބެންދެނާއި ހައްޔަރުކުރި މީހުން ދޫކޮށްލަންދެން ކަންނެލި ޖެޓީގައި މުޒާހަރާ ކުރިއަށްދާނެ ކަމަށް މަސްވެރިން އެ ދުވަހު ބުންޏެވެ.

އެ މީހުން ދޫކޮށްލުމަށް ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްްތަކާއި، އދ. ގެ އެއްވެ އުޅުމުގެ މިނިވަންކަމާއި ބެހޭ ހާއްސަ މަންދޫބު ޖީނާ ރޮމޭރޯ އާއި، އިދިކޮޅު އެމްޑީޕީ އާއި ބައެއް ސިޔާސީ ލީޑަރުން ވަނީ ގޮވާލާފަ އެވެ.

ބަންދުގައި ތިބި ހުރިހާ ދިވެހިން ދޫކޮށްލިކަން ބީކޭއެމްޔޫއިން ވަނީ އަދަދު އަށް ކަށަވަރު ކޮށްދީފަ އެވެ. ބައެއް ބިދޭސީން ވެސް އިމިގްރޭޝަންގެ ބަންދުން ދޫކޮށްލާފައިވާއިރު މިހާރު ދޫނުކުރަނީ ބައެއް ލިޔެކިޔުންތައް ކަށަވަރު ނުކުރެވޭ ބިދޭސީން ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

މިއީ ބީކޭއެމްޔޫގެ މެންބަރުން ދެއްކި އެކުވެރިކަމާއި، ހިތްވަރާއި، އަދި ސާބިތުކަމުގެ ސީދާ ނަތީޖާއެއް. ޔޫނިއަންގެ މެންބަރުން ވަނީ އިންސާފަށްޓަކައި އަދި ޖަމިއްޔާ ޖަމާއަތްތައް އުފައްދައި ހިންގުމާއި އެކުގައި ގުޅިގެން އިހުތިޖާޖު ކުރުމުގެ އަސާސީ ހައްގުތަކަށްޓަކައި ސާބިތުކަމާއެކު ވަކާލާތު ކުރައްވާފައި،" ބީކޭއެމްޔޫއިން ބުނެފައިވެ އެވެ.

އެ މުޒާހަރާގެ ބައިވެރިންނަށް ބިރު ދައްކައި ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރި ނަމަވެސް އެ ޔޫނިއަންގެ މެންބަރުންގެ ހަނު ތިބުމަށް އިންކާރު ކުރި ކަމަށް ބީކޭއެމްޔޫއިން ބުނެފައިވެ އެވެ. އެ ސާބިތުކަމުން ދައްކުވައިދެނީ މަސައްކަތްތެރިން ގުޅިގެން މަސައްކަތް ކޮށްފިނަމަ، ހައްގުތައް ދިފާއުކުރުމުގެ ބާރު އޮތްކަން ކަމަށް ވެސް ބީކޭއެމްޔޫއިން ބުނެ އެވެ.

ކުރިއަށް އޮތް ތަނުގައި ވެސް މަސްވެރިންގެ ހައްގުތަކަށް ވަކާލާތު ކުރުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ބީކޭއެމްޔޫއިން ވަނީ ދީފަ އެވެ.

މަސްވެރިން ސަރުކާރަށް ތިން ޑިމާންޑެއް އެބަ ކުރެ އެވެ. އެއީ ސަރުކާރުން ކަންނެލި ގަންނަން ފެށުމާއި ކަންނެލީގެ އަގު 80ރ. އާއި 100ރ. އާ ދެމެދު ހިފެހެއްޓުމާއި ބޭސް ރޭޓުގައި ތެލާއި އައިސް ލިބޭނެ ގޮތް ހެދުމެވެ.

މަސްވެރިން ކުރަމުންދާ ޑިމާންޑުތަކާމެދު ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ސަރުކާރުން ގޮތެއް ނިންމާނެ ކަމުގެ ޔަގީންކަން ވެލާނާގޭގައި ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ޝިޔާމް ދެއްވި ކަމަށް މަސްވެރިން ބުންޏެވެ.

އެ ޑިމާންޑުތަކުގެ ތެރެއިން ބޭސް ރޭޓުގައި ތެލާއި އައިސް ލިބޭނެ ގޮތް އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ހަމަޖެހޭނެ ކަމަށް ސަރުކާރުން ބުނެ އެވެ. އެ ރޭޓުގައި ތެލާއި އައިސް ލިބޭނީ ސަރުކާރުން ކަނޑައަޅާ އެއް ރަށުންނެވެ.

"މި ވަގުތަށް އަޅުގަނޑުމެންގެ އޮތް އެންމެ ބޮޑު ޑިމާންޑަކީ ހައްޔަރުގައި އެ ތިބަ މީހުން، އެހެންވީމާ ހައްޔަރީން ދޫކޮށްލުމަށްފަހު ދެން 2 ވީކްސް ތެރޭގައި ދެން މިހުރި އެއްޗެއްސަށް [ޑިމާންޑުތަކަށް] ގޮތެއް ނިންމާނީ، އެކަމަކު ހަމަ ގައިމުވެސް އިހުތިޖާޖު ކުރިއަށް ދާނެ އެންމެ ކުޑަމިނުން އަޅުގަނޑުމެންގެ ދެ ކެޔޮޅުން ލިބެންދެން،" މަސްވެރިޔަކު ބުންޏެވެ.

ލޭނު މަސްވެރިކަން ހުއްދަ ކުރުމަށް މި ސަރުކާރުން ނިންމުމާ ގުޅިގެން ވެސް ބީކޭއެމްޔޫއިން މުޒާހަރާ ކުރި އެވެ. އެ ފަހަރުގެ ނިންމުން ވެސް ސަރުކާރަށް ބަދަލުކުރަން މަޖުބޫރުވީ މަސްވެރިން ހިމެނޭހެން އެތައް ބަޔަކު އެކަމާ ދެކޮޅު ހަދައި އެ ނިންމުން އަނބުރާ ގެންދިޔުމަށް ވަކާލާތު ކުރުމުންނެވެ.

މީގެ ކުރިން ވެސް ކޮންމެ އަހަރަކު ކަހަލަ ގޮތަކަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އެއްވުންތައް އިންތިޒާމުކޮށްފައިވެ އެވެ. އެގޮތުން މިދިޔަ ސަރުކާރުގެ ދުވަސްވަރު ވެސް އެ ޔޫނިއަނުން މަސްވެރިންގެ ހައްގުގައި އެއްވުންތައް ބާއްވައި އިޖުތިޖާޖު ކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox