މުސާރަތައް ބޮޑުކޮށް، މުވައްޒަފުން އިތުރުކުރާނަމަ، ހަރަދުތަކެއް ނުހިފެހެއްޓޭނެ: ފިނޭންސު

ފިނޭންސް މިނިސްޓްރީގެ ޓީމު މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި: ފިނޭންސުން އަންދާޒާ ކުރަނީ އަންނަ އަހަރު މުސާރަތައް ދޭން 17 ބިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ފިނޭންސް މިނިސްޓްރީގެ ޓީމު މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި: ފިނޭންސުން އަންދާޒާ ކުރަނީ އަންނަ އަހަރު މުސާރަތައް ދޭން 17 ބިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މުސާރައަށް ކުރާ ހޭދަ، މިހާރު ކަނޑައެޅިފައިވާ މިންގަނޑުތަކަށް ވުރެ މައްޗަށް ގޮސްފި ހާލަތެއްގައި ސަރުކާރުގެ ހަރަދުތައް ނުހިފެހެއްޓޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް މައުލޫމާތު ދީފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި މުސާރަ އާއި އެލެވަންސުތައް ދިނުމަށް 17 ބިލިއަން ރުފިޔާ ކަނޑައަޅާފައި ވެ އެވެ. އެއީ މުސާރަ އާއި އުޖޫރައަށް 8.6 ބިލިއަން ރުފިޔާ، އިނާޔަތްތަކަށް 6.1 ބިލިއަން ރުފިޔާ އަދި ޕެންޝަނަށް 2.3 ބިލިއަން ރުފިޔާ އެވެ.

މިއީ މިދިޔަ އަހަރަށް ވުރެ 2.4 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އަދި މި އަހަރު ވެސް އެއް ދާއިރާއަކުން ބަޖެޓުން އެންމެ ބޮޑު ހަރަދެއް ހިނގަނީ ދައުލަތުގެ މުވައްޒަފުންނަށް މުސާރަތަކާއި އެލަވަންސުތައް ދިނުމަށެވެ.

ސަރުކާރުން ބުނާ ގޮތުގައި މި އިތުރުވުން އައީ، މުވައްޒަފުން އިތުރު ވުމުންނައި ދައުލަތުގެ މުސާރަތައް އެއް ހަމަކުރަން ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ ދަށުން މުސާރަތައް ބޮޑުކުރުން ހިމެނެ އެވެ.

ނަމަވެސް، މިއީ ތާއަބަދަށް މި ގޮތަށް ދޫކޮށްލައިގެން ތިބެވޭނެ ކަމެއް ނޫން ކަމަށް ފިނޭންސުން ވަނީ މަޖިލީހުގައި ބުނެފަ އެވެ. މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީއާ މި ކަންބޮޑުވުންތައް ހިއްސާކުރަމުން ފިނޭންސުގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު މުސްތަފާ ވިދާޅުވީ ފިސްކަލް ޖާގަ އަހަރުންއަހަރަށް ކުޑަ ވަމުން އަންނަ ކަމަށެވެ.

"ފިސްކަލް ޖާގައަކީ ވައިގެ ތެރެއިން އުފެދިގެން އަންނަ އެއްޗެއް ނޫން. އެ ޖާގަ އުފައްދަން މި ޖެހެނީ އާމްދަނީ އާއި ހަރަދު ވަކި ގޮތަކަށް އެކަށައެޅިގެން،" އޭނާ ވިދާޅުވި އެވެ.

ބަޖެޓު ކޮމިޓީގައި ތިއްބަވާ މެންބަރުން ވަނީ ދައުލަތުން ކުރާ ހަރަދާ އެއް ވަރުގެ ނަތީޖާ ނުނެރެވޭ މުއައްސަސާތަކުގެ އެފިޝެންސީއަށް ނޫނީ ކުރާ މަސައްކަތުން ހާސިލުކުރާ ނަތީޖާއާ އެއްވަރަށް ބަޖެޓު ކަނޑައެޅޭނެ ގޮތެއް ނެތްތޯ ފިނޭންސާ ސުވާލުތައް ކުރިމަތިކޮށްފަ އެވެ.

ސާއިދު ވިދާޅުވީ، އެ ގޮތަށް ޕާފޯމަންސް ބޭސްޑް ބަޖެޓެއް ތައްޔާރުކުރަން މަސައްކަތް ކުރަމުންދާތާ އަހަރުތަކެއް ވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި، މިކަން ނުކުރެވިގެން އުޅެނީ ދައުލަތުގެ އިދާރާތަކުން އެ ކަމުގައި "އެންމެ އެދެވޭ އެހީތެރިކަން" ނުލިބޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހެން ނަމަވެސް އަންނަ އަހަރު ބައެއް އިދާރާތަކާ ވާހަކަ ދައްކައިގެން ފާފޯމަންސް ބޭސްޑް ބަޖެޓެއް ފެށޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ސާއިދު ވިދާޅުވި އެވެ. އަދި މިކަން ކުރާނީ އެ އިދާރާތަކުން ޒިންމާ އަދާކުރާ ވަރު، އެ ބަޔަކު އަމިއްލައަށް ކަނޑައަޅާ ކީ ޕާފޯމަންސް އިންޑިކޭޓަރު (ކޭޕީއައި) ތަކާ އެއްގޮތަށް ވަޒަންކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ސާއިދު ވަނީ މިހާރު ދައުލަތަށް މުވައްޒަފުން ނަގާ ގޮތަށް ނަގައިގެން ސަރުކާރު ހިންގުމުގެ ބުރަ ވަރަށް ބޮޑު ކަމަށެވެ. އަދި މީގެ ތެރޭގައި، ނުސީދާކޮށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ ދިނުމަށް ބަޖެޓުން ކުރާ ހަރަދުތައް ހިމަނައިފި ނަަމަ، އެ ހަރަދު ވަރަށް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

ފިސްކަލް ހާލަތުގެ ކޮންޓްރޯލް ހިފަހައްޓަން، ސާއިދު ވިދާޅުވި ގޮތުގައި، މިހާރު ހަރަދުތައް ހުރި މިންގަނޑުގައި ކޮންމެ އަހަރަކު މުސާރައަށް ކުރާ ހޭދަ ހިފަހައްޓަން ޖެހެ އެވެ.

"މިކަމުން މި ދަނޑިވަޅުގައި ނުނެއްޓެވުނަސް، ކުރިއަށް ދާއިރުގައި މިހާރު ހުރި މުވައްޒަފުން އިތުރުވެ، މަދުވަމުން ދިޔަޔަސް، ކުރަން ޖެހޭ ހޭދަ ނޮމިނަލީ އޮތް މިންވަރަށް ވުރެ އިތުރުނުވާނެ ގޮތަކަށް،" އޭނާ ވިދާޅުވި އެވެ.

މުވައްޒަފުންގެ އަދަދާއި ހަރަދު ބޮޑު ވެގެން ފިނޭންސުން އުޅޭއިރު، މިވީ ދެ އަހަރުގެ ތެރޭގައި ކުރިން އިތުރު ނުވާ ވަރަށް މުވައްޒަފުންގެ ހަރަދު ބޮޑުވެފައިވާ ކަން ދައުލަތުގެ މާލީ ހިސާބުތަކުން ފާހަގަކުރެވެ އެވެ.

އެ ގޮތުން ކުރީ ސަރުކާރުގެ ވެރިކަމުގެ ފަހު އަހަރު މުވައްޒަފުންގެ ހަރަދު ހުރީ 12.8 ބިލިއަން ރުފިޔާގަ އެވެ. މިދިޔަ އަހަރު އެ ހަރަދު ވަނީ 14 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މި އަހަރު ހަރަދު ވާނެ ކަމަށް ބަލަނީ 15.7 ބިލިއަން ރުފިޔާ އެވެ. އަންނަ އަހަރު އިތުރުވާނެ ކަމަށް އަންދާޒާކުރާ އަދަދާ އެކީ، މި ސަރުކާރުގައި މުވައްޒަފުންގެ ހަރަދު މި ވަނީ 4.3 ބިލިއަން ރުފިޔާ އިތުރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox