ހިޔާގެ ހުރިހާ ޓަވަރެއްގައި އިތުރު ލިފްޓުތައް ހަރުކުރަން ޗައިނާގެ ޝެންޔެންގެ ޔުއަންޝާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕާ ހަވާލުކުރި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 367 މިލިއަން ރުފިޔާ ހަރަދުވާ ކަން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުން އެނގިއްޖެ އެވެ.
ހިޔާގެ 16 ޓަވަރުގައި ލިފްޓު ހަރުކުރުމަކީ މި ސަރުކާރުގެ އެންމެ ކުރީކޮޅުގައި ފައިސާ ހަމަޖެހިގެން ފެށި މަޝްރޫއެކެވެ. މިއީ އެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމަނައިގެން މިދިޔަ އަހަރަށް ފާސްކުރި ބަޖެޓުގައި 200 މިލިއަން ރުފިޔާ ޖަހައިގެން ފެށި މަސައްކަތެކެވެ.
ނަމަވެސް މި އަހަރަށް ފާސްކުރި ބަޖެޓުގައި އޮތީ ހިޔާ ޓަވަރުތަކުގައި ލިފްޓުތައް ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ނުކުރާ ގޮތަށެވެ. އަދި މިދިޔަ އަހަރުގެ ބަޖެޓުން އެ މަސައްކަތަށް ހިނގާނެ ކަމަށް ބަލައިގެން ކަނޑައެޅީ 200 މިލިއަން ރުފިޔާއިން ހަރަދުވާނެ ކަމަށް އޮތީ އެންމެ 108 މިލިއަން ރުފިޔާ އެވެ.
އެންމެ ފުރަތަމަ ބަޖެޓު ކުރި ވަރަށް ވުރެ ކުޑަ އަދަދެއް މި މަޝްރޫއަށް ހިނގާނެ ކަމަށް ބަޖެޓުގައި އޮތުމުން ބެލެވުނީ، ލިފްޓުތައް ހަރުކުރަން ހަރަދުކުރަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަމަށެވެ. އަދި ސަރުކާރުގެ ބަޖެޓުން ކުރި ހަރަދަކީ އެޑްވާންސުގެ ގޮތުގައި އެ ކުންފުންޏަށް ދޫކުރި ފައިސާ ކަމަށެވެ.

މަތީގައި އެވަނީ މި އަހަރަށް ފާސްކުރި ބަޖެޓުގައި ލިފްޓުތައް ހަރުކުރަން ހިނގާނެ ކަމަށް ރިވައިޒްކުރި އަދަދު: މި އަހަރުގެ ބަޖެޓުން މި މަޝްރޫއަށް އެއްވެސް ފައިސާއެއް ހަރަދުކުރަން ނެތް --- ފޮޓޯ: ބަޖެޓު ފޮތްތައް

ޓަވަރުތައް ހަރުކުރުމާ ގުޅޭ މައުލޫމާތު ހޯދަން ހުށަހެޅުމުން އެޗްޑީސީން ވަނީ އެއްބަސްވުމުގެ އަގު ހާމަކުރަން ދެކޮޅު ހަދާފަ އެވެ. އަދަދު އިން މި އަގު ހޯދަން މަސައްކަތް ކުރީ މާ ބޮޑު އަގުގައި އެ މަސައްކަތް ހަވާލުކުރި ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެންނެވެ.
މި އަގު ހާމަވީ، ލިފްޓުތައް ހަރުކުރަން ހަވާލުކުރީ 18 މިލިއަން ޑޮލަރު (275 މިލިއަން ރުފިޔާ) އަށް ކަމަށް ބުނެ ސިއްރު މަސްދަރަކުން އަދަދު އަށް މައުލޫމާތު ދިނުމުންނެވެ. މި ނޫހުން މި މައުލޫމާތު ރިޕޯޓުކުރި ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި، އޭރު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އިބްރާހިމް ފަޒުލް ރަޝީދު ވަނީ މި އަގު ކަށަވަރުކޮށްދެއްވާފަ އެވެ.
ނަމަވެސް އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓު ފޮތުން އެނގޭ ގޮތުގައި މިދިޔަ އަހަރު 108 މިލިއަން ހަރަދު ވާނެ ކަމަށް ބުނި ނަމަވެސް، އެ އަހަރު 173 މިލިއަން ރުފިޔާ މި މަޝްރޫއަށް ސަރުކާރުން ހަރަދުކުރި އެވެ. އަދި މި އަހަރު އިތުރު 194 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ޖަހާފައި އެބައޮތެވެ.
ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކުރުމުގެ ޓައިމްލައިން
- ޑިސެމްބަރު 13، 2023 - ހިޔާގައި ލިފްޓު ހަރުކުރަން 200 މިލިއަން ރުފިޔާ ބަޖެޓުގައި ހިމެނުން
- ފެބްރުއަރީ 12، 2024 - ލިފްޓު ހަރުކުރުމުގެ މަސައްކަތް ޗައިނާ ކުންފުންޏާ ހަވާލުކުރުުން
- ނޮވެމްބަރު 20، 2024 - އެޗްޑީސީން ލިފްޓު ހަރުކުރުމުގެ އަގު ނުދޭން ނިންމުން
- ނޮވެމްބަރު 26، 2024 - ލިފްޓުތައް ހަރުކުރަނީ 18 މިލިއަން ޑޮލަރަށް ކަމަށް ރިޕޯޓުކުރުން
- ޑިސެމްބަރު 4، 2024 - ލިފްޓުތަކަށް 18 މިލިއަން ހަރަދުވާކަން ފަޒުލް ކަށަވަރުކޮށްދިނުން
- ޖެނުއަރީ 30، 2025 - މަސައްކަތް ނިންމަން ފުރަތަމަ ދިން ތާރީހު
- އޭޕްރިލް 15، 2025 - މަސައްކަތް ނިންމަން ދެ ވަނައަށް ދިން ތާރީހު
- ނޮވެމްބަރު 30، 2025 - މަސައްކަތް ނިންމަން ތިން ވަނައަށް ދިން ތާރީހު
ފުރަތަމަ ކަނޑައެޅި ބަޖެޓަށް ވުރެ އިތުރަށް 167 މިލިއަން ރުފިޔާ އަދި ކޮންޓްރެކްޓުގެ އަގު ކަމަށް ކަށަވަރުކޮށްދިން އަގަށް ވުރެ އިތުރަށް 91 މިލިއަން ރުފިޔާ ހަރަދުކުރާއިރު، އަދި ވެސް ގިނަ ޓަވަރުތަކުގައި ލިފްޓު ހަރުކޮށް ނުނިމެ އެވެ. މިހާތަނަށް ލިފްޓު ބޭނުންކުރަން ފެށީ މަދު ޓަވަރެއްގަ އެވެ.
ހިޔާގެ ހުރިހާ ޓަވަރެއްގައި ލިފްޓުތައް ހަރުކޮށް ނިމޭނެ ކަމަށް އެޗްޑީސީން އެންމެ ފަހުން ދިން ތާރީހަކީ މި މަހުގެ ފަހު ދުވަހެވެ. އެޗްޑީސީން މިހެން ބުނި ނަމަވެސް، ބައެއް ޓަވަރުތަކުގައި ސްޓްރަކްޗަރު ހަރުކުރުމުގެ މަސައްކަތް ވެސް އަދި ނުނިމެ އެވެ. އަދި އެންމެ ފަހުން ދިން ތާރީހަށް ވެސް މަސައްކަތް ނިމޭނެ ކަމަކަށް ނުބެލެވެ އެވެ.
ހިޔާގައި ލިފްޓުތައް އިތުރުކުރުމުގެ މަޝްރޫއުގެ ދަށުން ކޮންމެ ޓަވަރެއްގައި ދެ ލިފްޓު ހަރުކުރާނެ އެވެ. މިއީ ސްޓްރެޗަރު އެރުވޭ ވަރުގެ ޖާގަ ތަނަވަސް ލިފްޓުތަކެކެވެ. މިހާރު މި ޕްރޮޖެކްޓަށް ހަރަދު ވާނެ ކަމަށް ލަފާކުރާ އަގުން މިއިން ކޮންމެ ލިފްޓެއްގެ އަގު 11.4 މިލިއަން ރުފިޔާއަށް އަރަ އެވެ. މިއީ ކޮންޓްރެކްޓު ކުރި އަގަށް ވުރެ ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ އިތުރު އަދަދެކެވެ.












