ރާއްޖޭގެ މާލީ ކޮޅިގަނޑުގައި ދަތުރާވުން 2026

މި އަހަރުގެ ބަޖެޓް ފޮތް ---

މި އަހަރުގެ ބަޖެޓް ފޮތް ---

މި ހިނގާ 2026 ވަނަ އަހަރު ފެށިގެން ދިޔައީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ބޮޑު ބަޖެޓާއެކު، އަދި ދަރަނި އަނބުރާ ދެއްކުމުގެ އެންމެ ބުރަ ތާވަލަކާއެކުގައެވެ.

ވޭތުވެދިޔަ އަހަރުތަކުގެ ފުރަތަމަ ހަ މަސްދުވަހުގެ ހިސާބުތަކާ އަޅާކިޔާއިރު، މި އަހަރުގެ ފުރަތަމަ ބައިގައި އާމްދަނީ ވަރަށް ބޮޑަށް އިތުރުވިއެވެ. ނަމަވެސް، އެއާއެކު އިތުރުވަމުންދާ ޚަރަދުތަކާއި، ދަރަނި އަނބުރާ ދެއްކުމުގެ ރެކޯޑު އަދަދުތަކާއި، އެކި ފަރާތްތަކަށް ދައްކަންޖެހި ނުދައްކި ގިނަވެފައިވާ ޚަރަދު ބިލްތަކުގެ (އަރިއަރސް) އިތުރުން، ބަޖެޓް ހިންގުމަށް ފައިސާ ބޭނުންވާ (ފައިނޭންސިންގ) ބޮޑުމިނުން ހާމަވަނީ އާމްދަނީ އިތުރުވި ނަމަވެސް މާލީ މަޝްރަހު އަދިވެސް ވަރަށް ގޮންޖެހުން ބޮޑުކަމެވެ.

އަހަރުގެ މެދުޖެހުނުއިރު، ބަޖެޓުގައި ހިމެނޭ ދަރަނީގެ އަސްލު ފައިސާ (ޕްރިންސިޕަލް) އަނބުރާ ދެއްކުމަށް ކަނޑައެޅިފައިވާ އަދަދުގެ ބޮޑުބައެއް ވަނީ ދައްކާ ނިމިފައެވެ. ނަމަވެސް، އެތެރޭގެ މާލީ ބާޒާރުން ދަރަނި ނެގުން އިތުރުވަމުންދާތީ، އިތުރަށް ބޮޑެތި ދަރަނި ނުނަގާ، ނުދައްކާ ހުރި ފައިސާގެ އިލްތިޒާމްތައް އިތުރަށް ބޮޑުނުކޮށް، ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓަށް ބޮޑެތި ބަދަލުތަކެއް ނުގެނެސް، ސަރުކާރަށް އަހަރުގެ ދެވަނަ ބައި މެނޭޖު ކުރެވިދާނެކަމާއިމެދު ސުވާލުއުފެދެއެވެ.

އިތުރުވަމުންދާ ބަޖެޓް ޑެފިސިޓާއިއެކު ފައިނޭންސް ކުރުމުގެ ފިއްތުންތަކަށް

މާލީ ޑެފިސިޓެއް އުފެދެނީ އަހަރު ތެރޭގައި ސަރުކާރަށް ލިބޭ އާމްދަނީއާއި ހިލޭއެހީއަށްވުރެ ކުރެވޭ ޚަރަދު އިތުރުވެ، އެ ފަރަގު ފޫބެއްދުމަށް އިތުރަށް ފައިސާ ހޯދަންޖެހޭ ހާލަތެއް އުފެދުމުންނެވެ. ނަމަވެސް، ޑެފިސިޓަކީ ބަޖެޓް ހިންގުމަށް ހޯދަންޖެހޭ އެންމެހާ ނަގުދު ފައިސާގެ މިންވަރެއް ނޫނެވެ. ބަޖެޓް ޑެފިސިޓު ފޫބެއްދުމަށް ބޭނުންވާ ފައިސާ އާއި، ލޯނުގެ އަސްލު ފައިސާ (ޕްރިންސިޕަލް) އަނބުރާ ދެއްކުމަށާއި، ސަރުކާރުން ދޫކުރާ ލޯނުތަކާއި، އިންވެސްޓްމަންޓްތަކާއި އަދި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ފަދަ މާލީ ފަންޑުތަކަށް ޓްރާންސްފަރކުރާ ފައިސާ ޚަރަދުކުރުމަށް ބަޖެޓަށް އިތުރު ފައިސާ (ފައިނޭންސިންގ) ބޭނުންވެއެވެ.

އޮޑިޓް ރިޕޯޓުތަކާއި އާއްމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ ތިން އަހަރުގެ ބަޖެޓް ޑެފިސިޓްހުރީ؛

·      2023 ވަނަ އަހަރު 15.1 ބިލިއަން ރުފިޔާގައި (ވޯލްޑް ބޭންކުގެ އަންދާޒާ: 10.7–10.8 ބިލިއަން ރުފިޔާ)،

·      2024 ވަނަ އަހަރު 13.1 ބިލިއަން ރުފިޔާގައި (ވޯލްޑް ބޭންކުގެ އަންދާޒާ: 10.8 ބިލިއަން ރުފިޔާ)،

·      2025 ވަނަ އަހަރުގެ މާލީ ރިޕޯޓުތަކުން ދައްކަނީ ގާތްގަނޑަކަށް 3.5 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ (ވޯލްޑް ބޭންކުގެ އަންދާޒާ: 5.1 ބިލިއަން ރުފިޔާ).

މި ހިސާބުތަކަށް ބަލާއިރު، 2025 ގައި ބަޖެޓް ޑެފިސިޓް ބޮޑުތަނުން ކުޑަވުމަކީ ސަރުކާރުން ރޭވުންތެރިކަމާއެކު މާލީ ޚަރަދުތައް ކުޑަކުރުމުގެ (ފިސްކަލް ކޮންސޮލިޑޭޝަން) ނަތީޖާއެއްކަމަށް ނުބެލެވެއެވެ. އެއީ އެ އަހަރުގެ ތެރޭގައި ތަރައްޤީގެ (ކެޕިޓަލް) ޚަރަދުތައް ވަރަށް ބޮޑަށް ދަށަށް ދިޔައީ ބަޖެޓް ތަންފީޛުކުރުމަށް ނަގުދު ފައިސާ ލިބުމުގެ ދަތިކަމުގެ (ލިކުއިޑިޓީ ކޮންސްޓްރެއިންޓްސް) ސަބަބުން ކަމަށްވާތީއެވެ. މި ހާލަތުގައިވެސް ޚަރަދުކުރުމަށް ބަޖެޓްކޮށްފައިވާ އިލްތިޒާމްތައް އެ މިންވަރަށް ދަށްނުވެ، ފައިސާ ދެއްކުން ލަސްވުމުގެ ސަބަބުން އެކި ފަރާތްތަކަށް ދައްކަންޖެހި ނުދައްކާ ހުރި ފައިސާގެ ބިލްތައް (އަރިއަރސް) އިތުރުވެގެން ދިޔަކަމަށް ވޯލްޑް ބޭންކުން ރިޕޯޓުކޮށްފައިވުމާއި، ވޭތުވެދިޔަ އަހަރުގެ ހިސާބުތަކުންވެސް މިކަން ސާބިތުވާތީއެވެ.

ވޭތުވެދިޔަ އަހަރަށް ބަޖެޓްކުރީ 49.2 ބިލިއަން ރުފިޔާކަމަށްވާއިރު، ޚަރަދު ކުރެވުނީ 43.1 ބިލިއަން ރުފިޔާކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ. އެ އަހަރުގެ ތެރޭގައި، ބަޖެޓާ އެއްވަރަށް ރިކަރަންޓް ޚަރަދު ކުރިނަމަވެސް، ކެޕިޓަލް ޚަރަދަށް (ޕްރޮޖެކްޓްތަކަށް) ކަނޑައެޅި 12.6 ބިލިއަން ރުފިޔާގެ ތެރެއިން ޚަރަދު ކުރީ އެންމެ 6.8 ބިލިއަން ރުފިޔާއެވެ.

ނަތީޖާއެއްގެ ގޮތުން އަހަރުގެ ޑެފިސިޓް ކުޑަވި ނަމަވެސް، އެ އަހަރުގައި ލޯނުގެ އަސްލު ފައިސާ (ޕްރިންސިޕަލް) ގެ ގޮތުގައި ދައްކަންޖެހުނު 5.2 ބިލިއަން ރުފިޔާއާއި، އިތުރު އިންވެސްޓްމަންޓްތަކަށާއި، ދޫކުރި ލޯނުތަކަށް އަދި އެސްޑީއެފްއަށް ޖަމާކުރަން ފައިނޭންސިންގ ގެ ގޮތުގައި 20.76 ބިލިއަން ރުފިޔާ ބަޖެޓްގައި ޖަހާފައިވީނަމަވެސް، އޭގެތެރެއިން 8.42 ބިލިއަން ރުފިޔާ އެ އަހަރުގެ ތެރޭގައި ހޯދިފައިނެތްކަން ސަރުކާރުގެ ހިސާބުތަކުން އެނގެއެވެ. އެހެންކަމުން، ބަޖެޓުގެ ޑެފިސިޓް ކުޑަކޮށް ފެނުނުކަމުގައި ވީނަމަވެސް، ބަޖެޓުގައި ކަނޑައެޅުނު މިންވަރަށް ހޭދަކުރެވިފައިނެތީ ކަނޑައެޅި މިންވަރަށް ނަގުދު ފައިސާ (ފައިނޭންސިންގ) ހަމަނުޖެހިގެންކަން އެނގެއެވެ.

ބަޖެޓް ހިންގުމަށް އާމްދާނީ އާއި ހިލޭއެހީގެ އިތުރަށް ފައިނޭންސް ކުރަންޖެހޭ އަދަދާއި ހޯދުނު ފައިނޭންސިން 2023-2025 (ފައިސާގެ އަދަދުތައް ބިލިއަން ދިވެހި ރުފިޔާއިން)

އަހަރު ފައިނޭންސް ކުރަންޖެހޭ ހޯދުނު ފައިނޭންސިންގ ތަފާތު
2023 21.31 15.86 - 5.45
2024 19.36 15.40 - 3.96
2025 20.76 12.34 - 8.42

ބަޖެޓް ހިންގުމަށް ބޭނުންވާ ނަގުދުފައިސާގެ ދަތިކަން ސަރުކާރަށް ކުރިމަތިވުމަކީ އެކިފަރާތްތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާގެ އިލްތިޒާމްތައް ބޮޑުވުމަށް ވާރުތަކުރާކަމެކެވެ.

މިގޮތުން، އޮޑިޓް ކުރެވިފައިވާ ހިސާބުތަކުން ދައްކާގޮތުގައި އެކިފަރާތްތަކަށް ނުދައްކާ ހުރި ބިލްތަކުގެ މިންވަރު ހުރީ:

·      2022ގެ ނިޔަލަށް: 1.23 ބިލިއަން ރުފިޔާ

·      2023ގެ ނިޔަލަށް: 3.12 ބިލިއަން ރުފިޔާ

·      2024ގެ ނިޔަލަށް: 6 ބިލިއަން ރުފިޔާ އަށްވުރެ މަތީގައެވެ.

އެހެންކަމުން، 2025 ވަނަ އަހަރުގެ އެރިއަރސް އިތުރުވެފައިވާ ކަމަށް ވޯލްޑްބޭންކުން ބުނާބުނުމަށް ރިޢާޔަތްކޮށް، އެ އަހަރުގެ ބަޖެޓަށް ނަގުދުފައިސާ ނުލިބިވާ މިންވަރަށް އަންދާޒާކުރާއިރު، އަހަރުގެ ނިޔަލަށް އެކިފަރާތްތަކަށް ދައްކަންޖެހި ނުދައްކާ ހުރި ބިލްތައް  8 ބިލިއަން ރުފިޔާއަށްވުރެ އިތުރުވާނެކަމަށް ބެލެވެއެވެ.

2026 ވަނަ އަހަރު ދެބައިވިއިރު، މާލީ މަންޒަރުއޮތްގޮތް

2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި މުޅި އަހަރަށް އަންދާޒާކުރި މިންވަރުގެ 55 ޕަސެންޓް ނުވަތަ 22.4 ބިލިޔަން ރުފިޔާ ލިބުނުއިރު، އެ މުއްދަތުގައި ދައުލަތުގެ ޚަރަދުގެގޮތުގައި އަހަރީބަޖެޓްގެ 48 ޕަސެންޓް ނުވަތަ 23.4 ބިލިޔަން ރުފިޔާ ހޭދަކުރިއެވެ. މި މުއްދަތުގައި އުމްރާނީ ތަރައްޤީގެ ޕްރޮޖެކްޓްތަކުން ތަންފީޒުކުރެވުނީ އެންމެ 35 ޕަސެންޓް އެވެ. މި މުއްދަތުގައި ދަރަނި އަނބުރާ ދެއްކުމަށް 8.99 ބިލިޔަން ރުފިޔާ ހޭދަކުރިއިރު، އެއީ ދަރަނި ދެއްކުމަށް ބަޖެޓްކުރި ޖުމްލަ މިންވަރުގެ 70 ޕަސެންޓް އެވެ. ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ދަރަނީގެ ގޮތުގައި އަނބުރާ ދެއްކީ 3.28 ބިލިޔަން ރުފިޔާއެވެ. އަހަރު މެދުޖެހުނުއިރު ލިބުނު އާމްދަނީ އިތުރުވަމުން އައި ނަމަވެސް، މިމުއްދަތުގައި ދައުލަތަށް ލިބުނު އެއްޗެއްގެ ނިސްބަތުން ބޮޑުބައެއް ހޭދަވެފައިވަނީ ދަރަނި އަނބުރާ ދެއްކުމަށެވެ.

2026ވަނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް ބަޖެޓު ތަންފީޛުކުރިގޮތް

އިންޑިކޭޓަރ 4 ޖުލައި 2024  2 ޖުލައި 2025 2 ޖުލައި 2026
އާމްދަނީއާއި ހިލޭއެހީ 18.29 20.29 22.40
ޚަރަދު 23.11 19.22 23.38
މާލީ ބެލެންސް (ޑެފިސިޓް/ސަރޕްލަސް) −4.82 +1.07 −0.98
ލޯން އަނބުރާ ދެއްކުން 1.26 3.28 8.99

ދަރަނި އަނބުރާ ދެއްކުމާއި އެތެރޭގެ މާލީ ބާޒާރުން ދަރަނި ނެގުން އިތުރުވުން

2026 ވަނައަހަރުގައި އަދާކުރަންޖެހޭ ދަރަނި އަނބުރާ ދެއްކުމުގެ ތާވަލު ބަޖެޓްކޮށްފައިވަނީ، ބޭރުގެ ބޮންޑެއް ނުވަތަ ސުކޫކެއް މެދުވެރިކޮށް ފައިނޭންސިންގގެ ބައެއް ހޯދުމަށް އަންދާޒާކޮށްގެނެވެ. ނަމަވެސް އަހަރުގެ ފުރަތަމަ ބައިގާ ބޭރުގެ ބޮންޑެއް ނުވަތަ ސުކޫކެއް ނެރެފައިވާކަމަކަށް ހިސާބުތަކުން ނުފެނުނު ނަމަވެސް، އެޕްރީލް މަހު ބޭރުގެ ދަރަނި އަނބުރާ ދެއްކި މުއްދަތާ ދިމާކޮށް އެތެރޭގެ މާލީ ބާޒާރުގައި ސަރުކާރުގެ ސެކިއުރިޓީޒް ވަނީ އިތުރުވެފައެވެ.

ސަރުކާރުގެ ސެކިއުރިޓީޒްއަކީ ބޭންކުތަކާއި، ޕެންޝަން ފަންޑުތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި އިންވެސްޓަރުންގެ އަތުން މުއްދަތު ހަމަވުމުން އަސްލު ފައިސާއާއި އިންޓްރެސްޓް އަނބުރާ ދެއްކުމުގެ އިލްތިޒާމާއެކު ސަރުކާރުން ފައިސާ ނެގުމަށްފަހު ދޫކުރާ ޓްރެޜަރީ ބިލް (ޓީ-ބިލް) ތަކާއި، ޓްރެޜަރީ ބޮންޑުތަކާއި އެނޫންވެސް އެފަދަ ދަރަނީގެ ވަސީލަތްތަކެވެ.

2026ވަނަ އަހަރުގެ މާޗު މަހުން އެ އަހަރުގެ މޭމަހުގެ ފުރަތަމަ ހަފްތާގެ ނިޔަލަށް ސަރުކާރުގެ ސެކިއުރިޓީޒްގެ މިންވަރަށް 5.4 ބިލިއަން ރުފިޔާ އިތުރުވިއެވެ. އިއްތިފާޤުން މި މުއްދަތު ދިމާވީ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު ދައްކައި ނިންމުމާއި އަދި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ އަނބުރާ ދެއްކި މުއްދަތާއެވެ. އެ ސެކިއުރިޓީޒްތަކުން ސީދާ އެ ދަރަނިތައް ދެއްކުމަށް ޚަރަދު ކުރިކަން ސާބިތުނުވި ނަމަވެސް، ރަސްމީ ރިޒާވާއި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑާއި، އަދި އާކުރެވުނު 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީއާއެކު، މި ދަރަނިދެއްކުމުގެ މާލީ އިސްތިރާޖުގެ މުހިންމު ބައެއްގެ ގޮތުގައި އެތެރޭގެ މާލީ ބާޒާރުން ދަރަނި ނެގުން ހިމެނުނުކަން މިއިން އަންގައިދެއެވެ.

2026ގެ ދެވަނަ ބައި: ކޮޅިގަނޑުގައި ސަމުގާ ހިފުން

2026ވަނަ އަހަރުގެ ފުރަތަމަ ބައިން ފެނުނީ ހަމައެކަނި އާމްދަނީގެ ވަރުގަދަ ކުރިއެރުމަކުން މާލީ ފިއްތުންތައް ނައްތާނުލެވޭނެ ކަމެވެ. މިހާރުގެ އޮއިވަރަށް ބަލާއިރު، އާމްދަނީގެ މިސްރާބު ހުރީ ބަޖެޓުގައި އަންދާޒާކުރި 40.37 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެ، 42 ބިލިއަން ރުފިޔާއާއި 44 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ލިބުމުގެ މަގުމަތީގައެވެ. ނަމަވެސް، އަހަރީ ދަރަނީގެ ބޮޑުބައި އަނބުރާ ދައްކާ ނިމިފައިވީ ނަމަވެސް، ސަރުކާރުން އަހަރުގެ ދެވަނަ ބަޔާ ކުރިމަތިލަނީ އެތެރޭގެ ދަރަނި އިތުރުވެ، ނުދައްކާ ހުރި ފައިސާގެ އިލްތިޒާމްތައް އެއްވެ، އަދި ސަބްސިޑީއާއި ސިއްޙީ ޚަރަދުތަކުގެ ފިއްތުންތައް ދެމިއޮތް ޙާލަތެއްގައެވެ

އަހަރުގެ ދެވަނަ ބައިގައި ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ފައިނޭންސިންގ (އިތުރު ފައިސާ) ހޯދުމެވެ. ބަޖެޓުކުރި ވަރަށްވުރެ އާމްދަނީ އިތުރުވުމަކީ ދަރަނި ނަގަންޖެހޭ މިންވަރުގެ ބައެއް ކުޑަކޮށްދޭނެ ކަމެއް ނަމަވެސް، ފާސްކުރެވުނު ބަޖެޓު ފުރިހަމަކުރުމަށާއި، މިހާރާއި ކުރީގެ އިލްތިޒާމްތައް ފުއްދުމަށް ސަރުކާރަށް އަދިވެސް ގިނަ އަދަދަކަށް އިތުރު ފައިސާ ހޯދަންޖެހެއެވެ.  

މމި ހިނގާ 2026 ވަނަ އަހަރު ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީއާއި ހިލޭއެހީގެ އިތުރަށް، 8.84 ބިލިއަން ރުފިޔާގެ މާލީ ޑެފިސިޓާއި، 12.91 ބިލިއަން ރުފިޔާގެ ދަރަނީގެ އަސްލު ފައިސާ (ޕްރިންސިޕަލް) އަނބުރާ ދެއްކުމާއި، އަދި މާލީ އެހެނިހެން މުއާމަލާތްތަކަށް ޚަރަދުކުރުމަށް ހޯދަން ކަނޑައެޅި ފައިނޭންސިންގގެ ޖުމްލަ އަދަދަކީ 26.26 ބިލިއަން ރުފިޔާއެވެ. ވޭތުވެދިޔަ ތިން އަހަރުގައި ފައިނޭންސިންގ ހޯދިފައިވަނީ އެވްރެޖްކޮށް އަހަރަކަށް 15 ބިލިއަން ރުފިޔާގެ މިންވަރަށް ކަމަށްވުމުން، ބަޖެޓުގައި އަންދާޒާކުރި އިތުރު ފައިސާގެ ތެރެއިން ބޮޑުބައެއް އިތުރަށް ފައިސާ ޗާޕުނުކޮށް އެ މިންވަރަށް ލިބޭނެކަމަކަށް ލަފައެއް ނުކުރެވެއެވެ.

ބަޖެޓްގައި ހޯދަން ކަނޑައެޅި އިތުރު ފައިސާ ނުލިބިއްޖެނަމަ، ސަރުކާރަށް މުދާ ފޯރުކޮށްދޭ ފަރާތްތަކަށާއި، ކޮންޓްރެކްޓަރުންނަށާއި، ޚިދުމަތް ދޭ ފަރާތްތަކަށް ފައިސާ ދެއްކުން ލަސްވުން އިތުރުވަމުންދާނެއެވެ. އޭގެ އިތުރުން، ކުރީ އަހަރުތަކުގައި ފައިސާ ނުދައްކާ ހުރި ބިލްތައް ހަމަޖެއްސުމަށްވެސް ފައިސާ ބޭނުންވާނެތީ، އާ ދަރަނީގެ ބައެއް ބޭނުންކުރެވޭނީ މިހާރުގެ ޚަރަދުތަކަށް ފައިނޭންސް ކުރުމުގެ ބަދަލުގައި މާޒީގެ އިލްތިޒާމްތައް ނިންމުމަށެވެ. އެހެންކަމުން، 2026 ގެ ނިޔަލަށް ސަރުކާރުން އެކި ފަރާތްތަކަށް ނުދައްކާ ހުރި ފައިސާގެ އިލްތިޒާމްތައް (އަރިއަރސް) 10 ބިލިއަން ރުފިޔާއަށްވުރެ އިތުރުވުން އެކަށީގެންވެއެވެ. ސަރުކާރުން ވިޔަފާރިތަކަށާއި ވަކިވަކި ފަރުދުންނަށް ދޭންޖެހޭ ފައިސާ ދެއްކުން ލަސްވާނަމަ، ނަގުދު ފައިސާގެ ދަތިކަން މުދާ ފޯރުކޮށްދޭ ފަރާތްތަކަށާއި، މުވައްޒަފުންނަށާއި، ބޭންކުތަކަށާއި ޓެކްސް ދައްކާ ފަރާތްތަކަށް ފެތުރި، އަމިއްލަ ވިޔަފާރީގެ ފައިސާ ދައުރުވުމާއި އިޤްތިޞާދީ ޙަރަކާތްތައް ދަށްކޮށްލާނެއެވެ.

މިއަހަރުގެ ޖުލައި މަހާ ހަމައަށް ތަންފީޒުކުރެވުނީ ޕީއެސްއައިޕީގެ އެންމެ ތިންބައިކުޅަ އެއްބައިކަމަށްވުމުން، މަޝްރޫޢުތަކުގެ ޚަރަދަށް ބަޖެޓުގައި ބާކީއެއް ފެންނަން އޮތްނަމަވެސް، އަހަރު މެދުޖެހުނުއިރު ސަބްސިޑީގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެ އަހަރީ ބަޖެޓުގައި ކަނޑައެޅި މިންވަރާ ވަނީ ކައިރިވެފައެވެ. އެހެންކަމުން، އާސަންދައާއި، އިންޓްރެސްޓް ޚަރަދުތަކާއި، ނުދައްކާ ހުރި މުހިންމު އިލްތިޒާމުތައް ދައްކައި ނިންމޭނީ އިތުރު ފައިސާ ހޯދައިގެންނެވެ. އެއާއެކު، އަހަރުގެ ފުރަތަމަ ބައިގައި ދޫކުރެވުނު ޓީ-ބިލްތަކާއި ސަރުކާރުގެ ސެކިއުރިޓީޒްތަކުގެ މުއްދަތު ހަމަވުމުން ރީފައިނޭންސް ކުރަންޖެހޭނެއެވެ. އަދި އާކުރެވުނު 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު އިތުރުނުކޮށްފިނަމަ ނުވަތަ ބަދަލެއް ނުގެނެސްފިނަމަ، އެއީވެސް ރީފައިނޭންސް ކުރުމުގެ ވިސްނުމުގެ ތެރެއަށް އަންނާނެ ކަމެކެވެ

މި ކަންކަމަށް ރިޢާޔަތްކުރާއިރު، 2026 ވަނަ އަހަރުނިމޭއިރު، ދަރަނީގެ ގޮތުގައި ދައްކާ މިންވަރު ނުހިމަނާ ޖުމްލަ ބަޖެޓް ޚަރަދު 51 ބިލިޔަނާއި 54 ބިލިއަން ރުފިޔާއާއި ދެމެދުގެ އަދަދަކަށް އަރައި، މާލީ ޑެފިސިޓް 12 ބިލިއަން ރުފިޔާގެ ރޭންޖަކަށް އައުން އެކަށީގެންވެއެވެ. މިއީ ހަމައެކަނި އަމިއްލަ އަންދާޒާއެއް ނޫނެވެ. ވޯލްޑް ބޭންކުގެ އަމިއްލަ އަސާސީ އަންދާޒާގައިވެސް އަހަރީ ޑެފިސިޓް ޖީޑީޕީގެ ގާތްގަނޑަކަށް %13 އަށް ފުޅާވާނެކަމަށް ލަފާކޮށްފައިވެއެވެ.

އަހަރު ނިމޭއިރު މި އަންދާޒާ ޙަޤީޤަތަކަށް ވަމުންދޭތޯ ބެލުމަށް ދެ ނިޝާނެއް ފެންނަން ހުންނާނެއެވެ. ފުރަތަމަ ކަމަކީ ސަބްސިޑީއެވެ: އަހަރުގެ މެދުތެރޭގައި ސަބްސިޑީ ބަޖެޓު ވަނީ ހުސްވުމާ ކައިރިވެފައިކަމަށްވުމުން، ޤާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ނ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅައިފިނަމަ، އެއީ ފާސްކުރެވުނު ބަޖެޓު ހިފެހެއްޓިފައިނުވާކަމުގެ އެންމެ ސާފު އާންމު އިޢުތިރާފެވެ. ދެވަނަ ކަމަކީ ނުދައްކާ ހުރި ފައިސާގެ އިލްތިޒާމްތަކެވެ: މުދާ ފޯރުކޮށްދޭ ފަރާތްތަކަށާއި ކޮންޓްރެކްޓަރުންނަށް ދައްކަންޖެހޭ ފައިސާ 10 ބިލިއަން ރުފިޔާއާ ދިމާއަށް ނުވަތަ އެއަށްވުރެ މަތީ އަދަދަކަށް އުފުލެމުންދާނަމަ، އޭގެ މާނައަކީ މި އަހަރު ނަގާ ދަރަނީގެ ބަޔަކުން ފައިނޭންސް ކުރަނީ 2026 ވަނަ އަހަރަކަށް ނޫނެވެ.  އޭގެއިން ފައިނޭންސް ކުރަނީ ކުރީ އަހަރުތަކުން ނުދައްކައި ހުރި ބިލްތަކެވެ.

ކޮންމެގޮތެއް ވިޔަސް، 2026 އިން ލިބޭ ފިލާވަޅަކީ އާމްދަނީ ހޯދުން ނުކުޅެދިއްޖެއެކޭ ނޫނެވެ. އާމްދަނީ އިތުރުވިއެވެ. ފިލާވަޅަކީ، ރެކޯޑު އާމްދަނީއާއި، ރެކޯޑު ބަޖެޓަކާއި، އަދި ދަރަނި އަނބުރާ ދެއްކުމުގެ ރެކޯޑު އަދަދުތަކާއެކުވެސް ހޯދަންޖެހޭ ނަގުދުފައިސާގެ ފަރަގު ފުޅާވެގެން ދާކަމެވެ. މައްސަލައަކީ މާޒީގައި ދަރަނި ނެގުމަށް ނިންމި ނިންމުންތަކުގެ ބުރަ އެއްވެ، ޤައުމުގެ އުފެއްދުންތެރިކަން އިތުރުވަމުންދާ ނިސްބަތައްވުރެ މާ ބޮޑަށް އެތެރޭގެ ވަސީލަތްތަކުން ދަރަނިއަދާކުރަންޖެހުމެވެ. ބޭރުފައިސާއިން ދަރަނިއަދާކުރުން ހަމަޖެއްސުމަށްޓަކައި، އެތެރޭގެ ބާޒާރުން ދަރަނިއުފައްދައިގެން ބޭރުފައިސާ މާރުކުރުމަކީ ބޭރުފައިސާގެ އަގުއުފުލުމަށް ވާރުތަވާކަމެކެވެ. މިއަކަށް މާލީ ޚަރަދުތައް ކުޑަކުރުމެއް (ފިސްކަލް ކޮންސޮލިޑޭޝަން) ނުކިޔޭނެއެވެ. މިއީ ދިވެހި ފައިސާގެ އަގުއުފުލުމަށް ދިވެހިންގެ ބާރު އޮތް މިންވަރު މަޑުމަޑުން ހަނިވަމުންދިޔުމެވެ. އަދި މި އޮއިވަރު ބަދަލުނުކުރެވޭހާ ހިނދަކު، ކޮންމެ އަހަރެއްގެ މާލީބުރަ ވާރުތަވަމުންދާނީ ޖެހިގެން އަންނަ އަހަރަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox