Advertisement

ހިޔާ ފްލެޓުތަކުގައި ލިފްޓު ހަރުކުރަނީ 18 ބުރީގެ ދެ ޓަވަރު އިމާރާތް ކުރެވޭނެ އަގަށް

26 ނޮވެންބަރު 2024 - 15:07 5

އަމަން ހަލީމް

އަމަން ހަލީމް


ހިޔާ ފްލެޓުތަކުގައި ލިފްޓު ހަރުކުރަނީ 18 ބުރީގެ ދެ ޓަވަރު އިމާރާތް ކުރެވޭނެ އަގަށް

26 ނޮވެންބަރު 2024 - 15:07 5

ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓުތައް ހަރުކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސި) އިން ޗައިނާގެ ޗައިނާގެ ޝެންޔެންގެ ޔުއަންޝާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕާ ހަވާލުކުރީ 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) އަށް ކަމަށް "އަދަދު" އަށް މައުލޫމާތު ލިބިއްޖެ އެވެ.

ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓުތައް ހަރުކުރުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމަނައިގެން މި އަހަރަށް ފާސްކުރި ބަޖެޓުގައި ޖަހައިގެން ކުރަން ފެށި މަސައްކަތެކެވެ.

އޭރު ބަޖެޓުގައި އޮތީ މި މަސައްކަތަށް 200 މިލިއަން ރުފިޔާ ހަރަދުކުރާ ގޮތަށެވެ. ނަމަވެސް އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި ވަނީ މަޝްރޫއުގެ އަގު ރިވައިސްކޮށް ދައުލަތުގެ ބަޖެޓުން ހަރަދު ކުރާ ވަރު 108 މިލިއަން ރުފިޔާއަށް ކުޑަކޮށްފަ އެވެ.

ބަޖެޓުން ހަރަދު ކުރާ މިންވަރު ކުޑަކުރި ނަމަވެސް، މި މަސައްކަތަށް އެޗްޑީސީން ހަރަދުކުރާ ވަރެއް ނޭނގެ އެވެ. އެ މައުލޫމާތު ހޯދަން މި ނޫހުން އާރުޓީއައިއެއް ހުށަހެޅުމުން އެ ކުންފުނިން ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ އިސްތިސްނާ މާއްދާއަކަށް ފެތޭ ކަމަށް ބުނެ މަޝްރޫއުގެ އަގު ހާމަކުރަން ދެކޮޅު ހަދާފަ އެވެ.

އެޗްޑީސީން މި މައުލޫމާތު ނުދިން ނަމަވެސް ކަމުގެ މައުލޫމާތު އިނގޭ އިތުބާރު ހުރި މަސްދަރަކުން ނަން ނުޖަހާ ގޮތަށް "އަދަދު" އަށް ބުނީ މި މަޝްރޫއު ޗައިނާ ކުންފުންޏާ ހަވާލުކުރީ 18 މިލިއަން ޑޮލަރަށް ކަމަށެވެ. އެއީ ކޮންމެ ލިފްޓަކަށް 562،500 ޑޮލަރު (8.3 މިލިއަން ރުފިޔާ) ރޭޓުގަ އެވެ.

ހިޔާ ފްލެޓުތަކަށް އިތުރުކުރާ ލިފްޓުތަކުގެ ތެރޭގައި ހިމެނެނީ ސްޓެރަޗަރު އުފުލޭ ވަރުގެ ލިފްޓަކާއި މީހުން އުފުލާ ލިފްޓެކެވެ. ލިފްޓު ހަރުކުރުމުގެ އިތުރުން ލިފްޓުތައް ހަރުކުރަން ބޭނުންވާ ސްޓްރަކްޗާ ގާއިމުކުރުން ވެސް މަސައްކަތުގެ ތެރޭގައި ހިމެނެ އެވެ.

ލިފްޓުތައް ހަރުކުރުމާ ގުޅޭ ގޮތުން މި މަސައްކަތް ކުރާ ދެ ކުންފުންޏަކުން ލިފްޓުތައް ހަރުކުރަން ހިނގާނެ ކަމަށް އެ ކުންފުނިތަކަށް ލަފާކުރެވޭ އަގު މި ނޫހުން ހޯދީމެވެ. ވާހަކަ ދެއްކި އެއް ކުންފުނިން ބުނީ ކޮންމެ ލިފްޓަކަށް، ސްޓްރަކްޗާއާއެކީ ހިނގާނެ ކަމަށް ލަފާކުރެވޭ ހަރަދަކީ 2.5 މިލިއަން ރުފިޔާ ކަމަށެވެ. މި ރޭޓުން ހިސާބުކުރާއިރު 32 ލިފްޓު ހަރުކުރަން ހަރަދު ވާނީ 80 މިލިއަން ރުފިޔާ އެވެ.

އަނެއް ކުންފުނިން ބުނީ ގިނަ ވެގެން ވެސް މި މަސައްކަތަށް ހިނގާނީ ލިފްޓަކަށް ފަސް މިލިއަން ރުފިޔާ ކަމަށެވެ. އެއީ ދަގަނޑު ސްޓްރަކްޗާގެ މަސައްކަތާއި މަސައްކަތު އަގާއި ލިފްޓުތައް ހަރުކުރުމުގެ ހުރިހާ ކަމެއް ހިމަނައިގެންނެވެ. މި ރޭޓުން ހިސާބުކުރިއަސް މުޅި ޕްރޮޖެކްޓަށް ހަރަދު ވާނީ 160 މިލިއަން ރުފިޔާ އެވެ.

ބޮޑު އަގުގައި ލިފްޓުތައް ހަރުކުރަން ހަވާލުކުރި ކަމުގެ ތުހުމަތު ކުރެވޭއިރު، މިހާރު ލިފްޓުތައް ހަރުކުރަން ހަވާލުކޮށްފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތަކުރަމުން އަންނަ ވަރުގެ ދެ ޓަވަރު އެޅޭ ވަރަށް ވުރެ ގިނަ ފައިސާއަށެވެ.

އެފްޑީސީން އިމާރާތްކުރާ ޓަވަރުތަކުގެ ސްޓްރަކްޗަރާއި ފިނިޝިން ހިމަނައިގެން މުޅި މަޝްރޫއަށް ހަރަދު ވަނީ 269 މިލިއަން ޑޮލަރެވެ. އެއީ ދިވެހި ފައިސާއިން 4.1 ބިލިއަން ރުފިޔާ އެވެ. މިހެންކަމުން މިއިން ޓަވަރެއް އިމާރާތްކުރަން ހަރަދު ވަނީ ގާތްގަނޑަކަށް 128 މިލިއަން ރުފިޔާ އެވެ.