ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ތިން މީހަކު ގެއްލިއްޖެ އެވެ.
އެމްއެންޑީއެފްއިން ބުނީ ރޭގެ ވަގުތެއްގައި ބަންޑުން ޖަހާލާފައި ވަނީ މާލެއިން ފުރައިގެން ރީތިރަށް ރިސޯޓަށް ދަތުރުކުރި "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ 100 ފޫޓުގެ ލޭންޑިންގ ކްރާފްޓެއް ކަމަށެވެ.
"މިހާތަނަށް މި އުޅަނދުން ދަތުރުކުރި 4 މީހަކުވަނީ ސަލާމަތްކުރެވިފަ،" އެމްއެންޑީއެފްއިން ބުންޏެވެ.
އެ އުޅަނދުން ޖުމުލަ ހަތް މީހުން ދަތުރު ކުރިއިރު، ގެއްލުނު ތިން މީހުންނަކީ ދިވެހިން ކަމެއް އަދި ބިދޭސީން ކަމެއް އަދި އެމްއެންޑީއެފުން އަދި ފުލުހުން ވެސް ހާމައެއް ނުކުރެ އެވެ.

މެރިން ޕޮލިސްއިން ފޭސްބުކްގައި ލިޔެފައިވާ ޕޯސްޓެއްގައި ބުނީ ކޮޅުވެއްޓި ބަންޑުން ޖަހާލީ ރޭ މެންދަމު 3:48 ހާއިރު އާއިލާފުށި ރިސޯޓާ އެއް މޭލު ބޭރަށް ކަމަށެވެ.

އެ އުޅަނދުން ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހަކު ތިބީ އޭގައި އޮތް އެކްސްކެވޭޓަރެއްގެ ތެރޭގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް މެރިން ޕޮލިހުން ބުނެފައިވެ އެވެ.
ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް ކޯސްޓުގާޑާއި ފުލުހުން ގުޅިގެން ކުރަމުންދާ ކަމަށް މެރިން ޕޮލިސްއިން ބުންޏެވެ.













