ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފައިސާތަކަކަށް ހިޔާނާތްތެރިވި މައްސަލައިގައި އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ހަތަރު އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ބައްސާމްގެ މައްޗަށް ދައުލަތުން އުފުލީ ދެ ދައުވާ އެކެވެ. އެއީ ހިޔާނާތްތެރިވުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. އޭނާގެ މައްޗަށް މިއަދު ހުކުމް ކުރީ ހިޔާނާތްތެރިވުމުގެ ކުށުގެ މައްސަލައިގަ އެވެ.
އެ ދެ ދައުވާ ވެސް އުފުލީ 2018 ވަނަ އަހަރު ފީފާއިން ދިން ޑޮލަރުތަކެއްގެ ތެރެއިން 9،999 ޑޮލަރުގެ އޭނާގެ އެކައުންޓަކަށް ޖަމާކުރި މައްސަލައެއްގަ އެވެ.
އެ 9،999 ޑޮލަރަކީ އެފްއޭއެމްގެ ރައީސްކަމުގެ މަގާމުގައި ބައްސާމް ހުންނެވިއިރު، ބޭންކް އޮފް ސިލޯނުގައި ހުންނަ އެފްއޭއެމްގެ އެކައުންޓަކަށް ފީފާއިން ޖަމާކުރި 10،000 ޑޮލަރު، ލިޔުންތަކެއް ހުށަހަޅައިގެން ބީއެމްއެލްގައި ހުންނަ ބައްސާމްގެ އެކައުންޓަށް ބަދަލު ކުރި ފައިސާ އެވެ.
ބައްސާމްގެ އެކައުންޓަށް 9،999 ޑޮލަރު ޖަމާވެފައިވަނީ ބޭންކު ޗާޖުތައް އުނިކުރުމަށްފަހު އެވެ.
ދައުލަތުން ބުނެފައި ވަނީ ބައްސާމް އެކައުންޓަށް ޖަމާކުރި 9،999 ޑޮލަރުގެ ތެރެއިން 1،910 ޑޮލަރު އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުމަށް ފަހު، ބައްސާމް އާއި އޭނާގެ އަނބިކަނބަލުން މައުރީންގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެސްޓްމަންޓްގެ އެކައުންޓަށް ޖަމާކޮށް، އެ ކުންފުނީގެ އަމިއްލަ ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށެވެ. އަދި ބައްސާމް ދިރިއުޅުނު ރެހެންދި ފްލެޓްގެ ކުލި ދެއްކުމަށް އެ ފައިސާ ބޭނުންކުރި ކަމަށް ވެސް ދައުލަތުން ބުންޏެވެ.
ބައްސާމްގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް މިއަދު އިއްވިއިރު، އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން އަމީން އެވެނިއުއިން އޭނާ ޕެންޓްހައުސްއެއް ގަތް މައްސަލައިގެ ޝަރީއަތް ވެސް މިދިޔަ ސެޕްޓެމްބަރު 10، ގައި ވަނީ ފަށައިފަ އެވެ.
އެ މައްސަލައިގައި ބައްސާމްގެ މައްޗަށް ތުހުމަތުކުރަނީ ފީފާއިން ފޮނުވި ފައިސާ، އެހެން ކުންފުނިތަކުގެ އެކައުންޓަށް ފޮނުވުމަށް ފަހު، އެ ކުންފުނިތައް މެދުވެރިކޮށް ޕެންޓްހައުސް ގަންނަން 25 މިލިއަން ރުފިޔާ އަމީން ކޮންސްޓްރަކްޝަނަށް ދެއްކި ކަމަށެވެ. އެ މައްސަލައިގައި ވެސް އެނާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.
ދައުލަތުން ވަނީ އެ މައްސަލައިގައި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.2 މިލިއަން ޑޮލަރު ނެގުމަށާއި ޕެންޓްހައުސް ވެސް ދައުލަތަށް ނަގައިދިނުމަށް އެދިފަ އެވެ.
ބައްސާމްގެ އިތުރު މައްސަލަތަކެއް ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އޭނާގެ މައްޗަށް އިތުރު ދައުވާތަކެއް އުފުލުމަކީ އަދި އެކަށީގެންވާ ކަމެކެވެ.








