މޮނާކޯ (ސެޕްޓެމްބަރު 30) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މޮނާކޯ އަށް ސޮއިކޮށް އެ ޓީމަށް ކުޅެމުން އަންނަ އިނގިރޭސި ތަރި، އެރިކް ޑަޔާ، އެ ކްލަބްގައި ހުރެ ކޯޗިން ކެރިއަރުގެ މަސައްކަތްތައް ފަށައިފި އެވެ.
އުމުރުން 31 އަހަރުގެ ޑަޔާ، މި ފަހަރުގެ ޓްރާންސްފާގައި މޮނާކޯ އަށް ބަދަލުވީ ތިން އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. މިދިިޔަ ސީޒަނަށް ފަހު، ބަޔާން މިއުނިކް ދޫކޮށްލި ޑަޔާ ވަނީ ކޯޗިންގެ ސީ ލައިސަންސް ހޯދައިފަ އެވެ. އަދި، ކޯޗިން ކެރިއަރު ކުރިއަށްގެންދިއުމަށްޓަކައި، އޭނާ ވަނީ މޮނާކޯގެ އެކަޑަމީގައި މަސައްކަތް ފަށައިފަ އެވެ.
އެ ގޮތުން، ޑަޔާ ވަނީ މޮނާކޯގެ 17 އަހަރުން ދަށުގެ ޓީމުގައި ކޯޗިން ފަށައިފި އެވެ.
"ހަގީގަތުގައި ވެސް އަހަރެން ކޯޗިން ކެރިއަރު ފަށައިފިން، މޮނާކޯގައި އެ ފުރުސަތު އެބައޮތް. އެހެންވެ، އަހަންނަށް މި ކަމުގައި ކުރިއަށްދާން ފަސޭހަތަކެއް އެބައޮތް،" ޑަޔާ ބުންޏެވެ.
ޑަޔާ ބުނީ، މޮނާކޯ އެކަޑަމީ އަކީ މުޅި ޔޫރަޕްގެ ފުޓްބޯޅަ އަށް ބެލި ކަމުގައި ވިޔަސް، ވަރުގަދަ ތަނެއް ކަަމަށާއި ޓްރެއިނިން އާއި ކޯޗިން އެޑިއުކޭޝަން އަށް އެތަނުގައި އޮތް ފުރުސަތުތަކާ މެދު ވަރަށް ހިތްހަަމަޖެހޭ ކަމަށެވެ.
ސްޕޯޓިން ލިޒްބަން އިން ކެރިއަރު ފެށި ޑަޔާ ވަނީ ޓޮޓެންހަމް ހޮޓްސްޕާސްގައި 10 އަހަރު ހޭދަކޮށްފަ އެވެ. އޭގެ ފަހުން، ދޮޅު އަހަރު ބަޔާނުގައި ހުރުމަށް ފަހު މި ފަަހަރު މޮނާކޯއާ ގުޅުނީ އެވެ.












