ދައުލަތުގެ ހަޒާނާއިން ވައްކަން ކުރުމާއި މަގާމުގެ ނުފޫޒާއި ބާރު ނަހަމަގޮތުގައި ބޭނުން ކުރުމުގެ މައްސަލައާމެދު މަޝްވަރާކޮށް ފިޔަވަޅު އަޅަން މަތީ ފެންވަރުގެ ކޮންފަރެންސަކަށް ކުރީގެ ރައީސް، މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
ނަޝީދުގެ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކޮންފަރެންސްގައި ގާނޫނީ ތަޖުރިބާކާރުންނާއި މަދަނީ މުޖުތަމައުގެ ލީޑަރުންނާއި ނޫސްވެރިންގެ އިތުރުން ބައިނަލްއަގުވާމީ އޮބްޒާވަރުން ބައިވެރިވާނެ ކަމަށެވެ. އެ އޮފީހުން ބުނީ ކޮންފަރެންސް ބާއްވާ ތަނާއި ތާރީހު އަދި އެޖެންޑާގެ އިތުރުން ކޮންފަރެންސްގައި ރެޖިސްޓްރީ ވާނެ ގޮތް ކުރިއަށް އޮތް ހަތުފާތަކުގައި އިއުލާނު ކުރާނެ ކަމަށެވެ.
އެ ކޮންފަރެންސްގެ ހަރަކާތްތަކުގެ ތެރޭގައި މުއައްސަސާތަކާއި ސިޔާސީންގެ މެދުގައި ބިންވަޅު ނެގިފައިވާ ކޮރަޕްޝަނުގެ އަމަލުތަކުގެ މައްޗަށް ފުޅާ ދާއިރާއެއްގައި ނަޒަރު ހިންގައި، ބަލައި ގަނޑަށް އެކަންކަން ތިރިކުރުން ހިމެނޭނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ. އަދި އެ އާދަކާދަ ބަދަލު ކުރަން ބޭނުންވާ ބައިނަލްއަގުވާމީ އަދި އެތެރޭގެ އެހީއާއި ހަރަކާތްތެރިކަމަށް ވެސް އެ ކޮންފަރެންސްގައި ބަލާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އޭގެއިތުރުން ވިސްލްބްލޯބަރުންނާއި ކޮރަޕްޝަނުގެ ޝިކާރައަށްވެފައި ތިބި މީހުންގެ ހެކިބަސް އެ ކޮންފަރެންސްގައި ނެގޭނެ ކަމަށާއި އެކި ލިޔެކިޔުން މުތާލިޔާކޮށް ބަލައި ގާނޫނީ އިސްލާހުތަކާއި ދެފުށް ފެންނަ އިޖުރާއަތުތަކާއި އުސޫލުތަކާއި ބައިނަލްއަގުވާމީ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން އެ ކޮންފަރެންސްގައި މަޝްވަރާ ކުރެވޭނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ކުރީގެ ގަވަރުނަރު، އަލީ ހާޝިމާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު، މަހުމޫދު ރާޒީގެ ބައިވެރިވުން ވެސް އެ ކޮންފަރެންސްގައި ލިބޭނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ. އަދި އެ ކޮންފަރެންސަކީ އާންމުންގެ ބައިވެރިވުމާއި ގާނޫނީ ވަކާލާތުގެ ތެރެއިން ކޮރަޕްޝަންގެ މައްސަލަތަކާ ދެކޮޅަށް ދެމެހެއްޓެނިވިކޮށް ދިގު ރާސްތާގައި ފަށާ ހަރަކާތެއްގެ ފެށުން ކަމަށް އެ ބަޔާނުގައި ބުންޏެވެ.













