ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މި ސީޒަނުން ފެށިގެން ދޭން ނިންމާފައިވާ އެވޯޑްސް ކޮމިޓީގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ މަޝްހޫރު ކޯޗު، މައުރޫފް އަހްމަދު (މާއްޓޭ) އައްޔަން ކޮށްފި އެވެ.
މާއްޓޭ، އެ މަގާމަށް އައްޔަނުކުރުމަށް ނިންމީ، އެފްއޭއެމް ހިންގާ ކޮމިޓީން އެންމެ ފަހުން ބޭއްވި ބައްދަލުވުމުގަ އެވެ.
އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމު ވެސް މީގެ ކުރިން އަދާކުރި މާއްޓޭ، ވަނީ މިދިޔަ ސަރުކާރުގައި ސްޕޯޓްސް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ. އަދި، އެފްއޭއެމް ހިންގުމަށް، މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން، މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް، ފީފާގެ އެންގުމަށް ކަންކަން ކުރި، ނޯމަލައިޒިން ކޮމިޓީން އެކުލަވާލި ޓެކްނިކަލް ކޮމިޓީގައި ވެސް މާއްޓޭ މަސައްކަތްކުރެއްވި އެވެ.
ވިކްޓަރީގެ މީހެއްގެ ގޮތުގައި، ގިނަ ބަޔެއްގެ މަގުބޫލުކަން ހޯދާފައިވާ ކޯޗު، މާއްޓޭގެ އިތުރުން، ދެން، އެވޯޑް ކޮމިޓީގައި ވައިސް ޗެއާޕާސަންގެ ގޮތުގައި، މަސައްކަތްކުރާނީ، ރާއްޖޭގައި މި ވަގުތު ހުރި އެންމެ ފުންނާބު އުސް އެއް، އިންޓަނޭޝަނަލް މެޗު ކޮމިޝަނަރު އަބްދުލް ހަމީދު އަބްދުލް ޣަފޫރު (އައްޑޯ) އެވެ.
ދެން، މި ކޮމީޓީގެ މެމްބަރުންގެ ގޮތުގައި ތިއްބެވީ، ކުރީގެ މަޝްހޫރު ރެފްރީ، އަދި ކުޅިވަރުގެ އެޑްމިނިސްޓްރޭޝަނުގެ ތެރެއިން މަސައްކަތްކުރަމުން އަންނަ، އަހްމަދު އަބީރު އިސްމާއިލް އާއި ކުރީގެ ނޫސްވެރިޔާ، އަދި ހަވީރު ސްޕޯޓްސް އެވޯޑްސްގައި މުހިންމު މަސައްކަތްތަކެއް ކުރެއްވި، މުހައްމަދު ޝަހީބް އެވެ. މީގެ އިތުރުން، ދެން މި ކޮމިޓީގެ މަގާމު ފުރާނެ ކަމަށް އެފްއޭއެމް އިން އިއުލާނުކުރީ، ގައުމީ ޓީމުގެ ކޯޗެވެ. މި ވަގުތު، ގައުމީ ކޯޗަކަށް ހުރި، މުހައްމަދު ޝިޔާޒް (މޯހަން) ހުރީ މި އަހަރުގެ މެޗުތަކަށެވެ.
އެފްއޭއެމްގެ ރައީސް، އަހުމަދު ތޯރިގު (ޓޮމް)، ފުޓްބޯޅަ ސީޒަން ފެށުމުގެ ކުރިން، ސޯޝަލް މީޑިއާގައި ޕޯސްޓެއްކޮށް ވަނީ އެވޯޑްސް އިއުލާނުކުރައްވައިފަ އެވެ.
އެ ގޮތުން، މި އަހަރުގެ ފުޓްބޯޅަ ސީޒަންގައި އެވޯޑް ދިނުމަށް އެފްއޭއެމްއިން ކަނޑައަޅާފައިވަނީ، އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ (1، 2 އަދި 3)، އެންމެ މޮޅު ފުޓްބޯޅަ ކޯޗް، އެންމެ މޮޅު ފުޓްބޯޅަ ކުލަބު، 21 އަހަރުންދަށުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، ރާއްޖޭއިން ބޭރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، ރަން ބޫޓް (އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ)، ރަން އަންގި (އެންމެ މޮޅު ގޯލްކީޕަރު)، އެންމެ މޮޅު ފުޓްބޯޅަ ރެފްރީ، އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ، އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ އަދި އެންމެ މޮޅު ގޯލެވެ. މިއީ، އެފްއޭއެމް އެވޯޑްސްއެއްގައި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ މަގާމު ހޮވާ ފުރަތަމަ ފަހަރެވެ.
އެންމެ ފަހުން، އެފްއޭއެމް އެވޯޑްސް ބާއްވާފައިވަނީ، މޯލްޑިވްސް ފުޓްބޯލްއާ ގުޅިގެންނެވެ. އެއީ، މީގެ ހަތް އަހަރު ކުރިންނެވެ.











