ފީފާ ފޯވާޑް ޕްރޮޖެކްޓްގެ ތެރެއިން، މާފަންނު ސްޓޭޑިއަމްގައި ގާއިމްކުރަން ނިންމި ތަންތަނުގެ ބޭނުން ނަހަމަ ގޮތުގައި ކޮށްފައިވާ މައްސަލަ އެފްއޭއެމް ހިންގާ ކޮމިޓީން އެ އެސޯސިއޭޝަންގެ ޑިސިޕްލިނަރީ އެންޑް އެތިކްސް ކޮމިޓީ އަށް ފޮނުވައިފި އެވެ.
އެފްއޭއެމް އިން ބުނީ، ފެބްރުއަރީ، 1، 2017 ވަނަ އަހަރުން ފެށިގެން 50 އަަހަރުގެ މުއްދަތަށް، ފީފާ ފޯވާޑްގެ ޕްރޮޖެކްޓްސް ހިންގުމަށް ހާއްސަކޮށްގެން މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އިން އެފްއޭއެމް އަށް މާފަންނު ސްޓޭޑިއަމް ސަރަހައްދުން ބައެއް ދިނެވެ. އެއީ، ސްޕޯޓްސް އެރީނާ ޕްރޮޖެކްޓެއް ފީފާ އިން ހަރަދުކޮށްގެން އެޅުމަށެވެ.
އެފްއޭއެމްގެ މިހާރުގެ ހިންގާ ކޮމީޓީގެ ބައްދަލުވުމަށް ފަހު، އެ އެސޯސިއޭޝަނުން ބުނީ، މި ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ ކުރެހުމަށް ފީފާގެ ހުއްދަނެތި އަދި ފީފާއަށް އެންގުމެއްވެސް ނެތި ބަދަލުގެނެސް ގުދަންތަކެއް ހެދުމަށް ނިންމާފައިވާ މައްސަލަ ބެލުމަށް އެފްއޭއެމްގެ ޑިސިޕްލިނަރީ އެންޑް އެތިކްސް ކޮމިޓީއަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.
އަދި، ފީފާ ފޯވާޑްގެ ޕްރޮޖެކްޓެއް ހިންގުމަށާއި ފުޓްބޯޅަ އާއި ގުޅުންހުރި ކަން ކަމަށް ދޫކޮށްފައިވާ މި ބިމުގެ ތެރެއިން ބައެއް ބިންތައް، އެފްއޭއެމްގެ ސައްހަ ނިންމުމެއް ނެތި، އެކި ފަރާތްތަކަށް ގުދަން ހެދުމަށާއި އެކި ކަންކަމަށް ދޫކޮށްފައިވާ މައްސަލަ ބެލުމަށް ވެސް ޑިސިޕްލިނަރީ އެންޑް އެތިކްސް ކޮމިޓީ އަށް ފޮނުވާފައިވާ ކަމަށެވެ.
މިއީ، އެފްއޭއެމްގައި ކުރީގައި އޮތް، ބައްސާމް އަދީލް ޖަލީލްގެ ލީޑަޝިޕާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެކެވެ. މިއީ، ބައްސާމާ މެދު ފިޔަވަޅު އެޅުމަށް ފީފާ އިން ވެސް ބެލި މައްސަލައެކެވެ.
ސްޕޯޓްސް އެރީނާ ޕްރޮޖެކްޓަކީ، އެ ތަނުގައި، އިންޑޯ ފުޓްސަލް ކޮމްޕެކްސް އެއް ވެސް ހިމެނޭ ގޮތަށް އަޅަން ހަވާލުކުރި ޕްރޮޖެކްޓެކެވެ. އެކަމަކު، އެ ތަނުގައި މިހާރު ގުދަން ހަދާފައިވާއިރު، ދާދި ފަހުން، އެފްއޭއެމް އިން ވަނީ، މި ބިމުގައި އެކި ކަންކަން ކުރުމަށް ހަދާފައި އޮތް އެއްބަސްވުމެއް ވާނަމަ، އެ އެސޯސިއޭޝަނަށް ހުށަހަޅަން އަންގައިފަ އެވެ.











